ނަފްސާނީ ބަލީގެ ތާސީރުގައި ހުރެ ޖިނާއީ ކުށް ކުރާ މީހުންނަށް ފަރުވާދިނުން

މީހެއްގެ މައްޗަށް ޝަރީޢަތް ހިންގުމުގައި ޢަދުލުވެރިވުމާއި އިންސާފުވެރިވުމުގެ މާނައިގެ ތެރޭގައި، ކަން އޮތް ގޮތާއި އެ މީހަކާ މެދު ކަންކުރެވޭ ގޮތް ދެނެގަތުމުގެ ޤާބިލުކަން އެމީހެއްގެ ކިބައިގައި ހުރުން އެއީ ވާންޖެހޭނެ ގޮތެކެވެ. މީހެއްގެކިބައިގައި ހުންނަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކަންކަން ހިނގާގޮތް ނޭނގޭ މީހެއްގެ މައްޗަށް ތުހުމަތެއް އިއްވާ ތަޙްޤީޤެއްކޮށް ޝަރީޢަތް ހިންގާ އެ މީހެއްގެ މައްޗަށް ކޯޓުން ޙުކުމެއްކޮށް އެ ޙުކުމެއް ތަންފީޛު ކުރުމަކީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތައް ބުނާ ގޮތާއި ފުށުއަރާ ގޮތެކެވެ. މީހަކު ކުރާކުށެއްގެ ޖިނާއީ މަސްއޫލިއްޔަތު އުފުލާންޖެހޭކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި އެ ކުށްކުރި މީހެއްގެ ބުއްދީގެ ޙާލަތު ވަޒަންކުރެވެން ޖެހުމާއި، ބުއްދި ހަމަނުޖެހޭ މޮޔައިންނާއި، ވަކި ޢުމުރު ފުރައެއްގެ ކުދިން ކުރާ ކުށްތަކުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހެނީ މި ބުނެވުނު ޙަޤީޤަތުގެ މައްޗަށް ބަރޯސާވެގެންނެވެ.

މީހެއްގައި ހުންނަ ޖިސްމާނީ ނުކުޅެދުންތެރިކަމަކީ، އެސިފަ ބޭރު ފުށަށް ފެންނަން ހުރުމުން އެކަން އެމީހެއްގައި ހުރިކަން ނުވަތަ ނެތްކަން ބަލާ ކަށަވަރުކުރުން އުނދަގޫކަމަކަށް ނުވާނެއެވެ. ބައްޔެއްގެ ނުވަތަ ނުކުޅެދުންތެރިކަމުގެ ސިފަ ބޭރުފުށުން ބަލާއިރު ފެންނަންނެތް އެހެންނަމަވެސް ނަފްސާނީ ބައްޔެއްގެ ސަބަބުން އެ ބަލީގެ ތާސީރުގައި ހުރެ ކުށެއް ކުރާ މީހުންނަކީ އެ މީހުން ބަލައި ދެނެގަންނަން އުނދަގޫ ބާވަތެއްގެ ބައެކެވެ.

ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ، މީހާގެ ސިކުނޑިއަށް ކުރާ ނަފްސާނީ އަސަރެއްގެ ސަބަބުން، ހަމައިގައި ހުންނަ މީހާ ކުރާކަންކަމާއި އިދިކޮޅުގެ ބައެއް ކަންކަން ނަފްސާނީ ބަލީގެ ތާސީރުގައި ހުންނަ މީހަކު ކޮށްފާނެކަމެވެ. އެކަން ކުރާނީ ގަސްދުގައި މީހަކަށް ދެރައެއްދިނުމަށް ކަމަށްވުމަކީވެސް ނުވެދާނެ ގޮތެއް ކަމެވެ. ޤަބޫލު ކުރަން ޖެހޭ އަނެއް ޙަޤީޤަތަކީ، ނަފްސާނީ ބަލީގެ ކަމެއް މީހަކު ތަޙައްމަލު ކުރަމުންދިޔަ ނަމަވެސް އެ ކަމުގެ އަސަރަކީ މީހެއްގެ ބޭރު ފުށުން ފެންނަން ހުންނަ ކަމަކަށް ނުވާތީ، އެފަދަމީހަކު ކުރާ ކުށެއް އެ ކުރަނީ ނަފްސާނީ ބައްޔެއްގެ ސަބަބުންކަން ނުވަތަ ނޫންކަން ދެނެގަތުން އެއީ އުނދަގޫވާނެ ކަމެއްކަމެވެ. ނަފްސާނީ ބައްޔެއް ހުރެގެން ކުށެއް ކުރިކަމަށް ބުނުމުން އެކަން ބަލައި ގަތުމަކީ އެކަން ރައްދުވާމީހާ އަދި މުޖުތުމަޢުން ބަލައިގަންނަން އުނދަގޫވާނެ ކަމަކަށްވާނެކަމެވެ.ވަކިން ޚާއްސަކޮށް، ނަފްސާނީ ބަލީގެ ތާސީރުގައިހުރެ ކުރާ ކުށަކީ، ދީނީ ކަމެއްގެ މައްޗަށް ބިނާވާ އަދި ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާއި ކަނޑައެޅިގެން ފުށު އަރާ ޒާތުގެ ކުށެއް ނަމަ އެ މީހެއްގެ މައްޗަށް މުޖުތަމަޢުން އޮންނަ ރުޅި އިންތިހާއަށް މަތިވެ ބައެއް ޙާލަތްތަކުގައި މަގުމަތިން ހޯދާ އިންސާފޭ ކިޔާ އިންސާފު ހޯދަން ފަށާފާނެކަމެވެ.

ނަފްސާނީ ބަލީގެ ތާސީރުގައި ޖެހިގެން ހުރެ ކުށްކުރެވޭކަމަށް ބުނާ މީހުންނާއި، ޙަޤީޤަތުގައިވެސް އެ ފަދަ ބައްޔެއް ހުރުމުގެ ސަބަބުން ކުށްކުރާ މީހުންގެ ޢަދަދު އިތުރުވަމުން އެބަ އާދެއެވެ. އެހެންނަމަވެސް އެ ފަދަ މީހަކާއި ދޭތެރޭގައި ޖިނާއީ ޢަދުލުގެ ނިޒާމުން ފިޔަވަޅު އެޅުމުގައި ތަފާތު ގިނަ ގޮންޖެހުންތައް ހުރިކަން އެނގެއެވެ.


ތަޙްޤީޤު މަރުޙަލާ

ނަފްސާނީ ބަލީގެ ތާސީރުގައި ހުރެ ކުރާ ކުށްތައް ބަލައި ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި ޤާނޫނު ތަންފީޛު ކުރާ އިދާރާތަކަށް ހުރި ގޮންޖެހުން ބޮޑެވެ. ކުރާ ކުށުގެ ޒާތުން އެއީ ޢާއްމު ރައްޔިތުން ކިތަންމެ ނުރުހުންވާ ޒާތުގެ ކުށެއް ނަމަވެސް ކުށް ކުރާ މީހަކީ، ނަފްސާނީ ބަލީގެ އަސަރެއް ތަޙައްމަލު ކުރާ މީހެއްކަމަށް އެ މީހަކު ބުނެ އެ ކަމުގެ ގުޅުން ހުރި ލިޔުންތައް ދައްކާނަމަ އެފަދަ މީހަކު ފުލުހުން ހައްޔަރުކޮށްގެން ގެންގުޅުމަކީ ފުލުހުންނަށް ފަސޭހަ ކަމަކަށް ނުވެއެވެ. އެފަދަ މީހަކު ބަންދު ކޮށްގެން ގެންގުޅޭނެ ޚާއްސަ ވަސީލަތްތައް ހުރި މަރުކަޒުތަކެއް ނެތެވެ. އެފަދަ މީހުންނާއި މުޢާމަލާތު ކުރުމުގައި ތަޙްޤީޤު މަރުޙަލާގެ ތެރޭގައި ކަންކަން ކުރަންޖެހޭނެ ގޮތުގެ ހަރުދަނާ ޤާނޫނުތަކެއް ޤަވާޢިދުތަކެއް އުސޫލުތަކެއް ނެތެވެ. އެފަދަ މީހުންނާ މުޢާމަލާތު ކުރާނެ ފަންނީ މީހުން ޤާނޫނު ތަންފީޛު ކުރާ އިދާރާތަކުގައި މަދެވެ. މިހެންކަމުން މި ކަމުގައި ޤާނޫނު ތަންފީޛު ކުރާ އިދާރާތަކަށް ކަން ކުރެވެން އޮންނާނެ ގޮތަކީ، ނަފްސާނީ ބަލިތައް ތަޙައްމަލު ކުރާ މީހުންވެސް ބަންދުގެ އެހެން މީހުންނާ ތަފާތު ކުރުމެއް ނެތި ގެންގުޅެން ޖެހޭ ގޮތަށް ކަންކަން އިންތިޒާމް ކުރުމެވެ. ނުވަތަ އެ މީހަކީ ބަލި ޙާލަތުގެ ގޮތުން ބަންދުގައި ބެހެއްޓެން ނެތް މީހެއްކަމަށް ބަލައި މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލަން ޖެހުމެވެ. ކަމުގެ އޮތް ނުރައްކަލާއި ޢާއްމުންގެ ފަރާތުން އޮތް ނުރުހުމުގެ މައްޗަށް ބަލާއިރު އެކަންވެސް މިކަންވެސް ކުރަން ދައްޗެވެ. ނަފްސާނީ ބަލީގެ މީހުންނާމެދު މި މަރުޙަލާގައި ޢަމަލު ކުރާނެ ގޮތުގެ ހަރުދަނާ އިޖުރާއާތުތަކެއް ބޭނުން ވެއެވެ.

 

ޝަރީޢަތުގެ މަރުޙަލާ

މީހެއްގައި ހުންނަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބެއް މެދުވެރިވެގެން މީހެއްގެ ސިކުނޑީގެ ޙާލަތަކަށް އަސަރުކޮށްފައިވާނަމަ، އެފަދަ މީހަކަށް، އޭނާއަކީ ދަޢުވާ ބަލައިގަތުމަށް ނުކުޅެދިގެންވާ މީހެއް ކަމަށް ބުނެ ޝަރީޢަތުގެ ކޮންމެ މަރުޙަލާ އެއްގެ ތެރެއިންވެސް ދިފާޢު ނެގުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ހުއްދަ ކުރެއެވެ. މި ދިފާޢަކީ، ޚަސްމުންގެ ފަރާތުން މިހާރުވެސް ކޯޓުތަކުގައި ނަގަމުން އަންނަ ދިފާޢެކެވެ.[1] މީހެއްގެ ސިކުނޑީގެ ޙާލަތަކާއި ގުޅިގެން ދަޢުވާ ބަލައިގަތުމަށް ނުކުޅެދިގެންވާ ކަމުގެ ދިފާޢު ހުށަހަޅައިފިނަމަ ކޯޓުން ކަންކުރަން ޖެހޭގޮތް ބުނެދެމުން، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 121 ވަނަ މާއްދާގައި ބުނަނީ، ކޯޓުގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ދައުލަތުގެ އެދުމުގެ މަތިން އޭނާއަކީ ސިއްޙީ ގޮތުން އެ ދަޢުވާ ބަލައިގަނެވޭނެ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ކަނޑައަޅާ ތަނަކުން މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށް ދަޢުވާ ލިބޭ ފަރާތަށް ކޯޓުން އަމުރުކުރަން ވާނެކަމުގައެވެ.

ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 121 ވަނަ މާއްދާގައި ބުނާ ގޮތުން، ކޯޓުން ކަނޑައަޅާ ތަނަކުން މެޑިކަލް އެގްޒަމިނޭޝަނެއް ހެދުން އެއީ ލާޒިމްވާ ގޮތަށް އޮތްކަމެއް ނަމަވެސް އެފަދަ އެގްޒަމިނޭޝަނެއް ހެދުމުގައި ކަން ކުރާނެ ގޮތުގެ އިޖުރާއާތެއް ޤާނޫނު ބުނެއެއް ނުދެއެވެ. އެގްޒަމިނޭޝަނުން ބަލާނެ ކަންކަމަކީ ކޮބައިކަން އެނގޭކަށް ނެތެވެ. އެކަން ކުރާ މީހެއްގައި ހުންނަންޖެހޭ ޢިލްމީ ޤާބިލުކަމަކީ ކޮބައިކަން ބުނެއެއް ނުދެއެވެ. މި ކަމުގެ ބައެއް އިޖުރާއާތުތައް މަތީ ކޯޓުތަކުގެ ބައެއް ނިންމުންތަކުގައި ބުނެދީފައިވާ ނަމަވެސް [2] އެ ކަމުގައި މިހާރު ޢަމަލުކުރާ އިޖުރާއާތު ތަކުގެ ސަބަބުން ހަރުދަނާ އަދި ވަށާޖެހޭ ޙައްލެއް ގެނެވިފައި އޮތް ތަނެއް ނުފެނެއެވެ.

ދަޢުވާ ބަލައިގަތުމަށް ނުކުޅެދިގެންވާ ދިފާޢު ޚަސްމެއްގެ ފަރާތުން ހުށަހަޅައިފިނަމަ، މިހާރު ކޯޓުތަކުން ޢަމަލުކުރާ ޢާއްމު އިޖުރާއާތުތަކަކީ، ދަޢުވާލިބޭ މީހާގެ ސިއްޙީ ލިޔުންތައް ބެއްލެވުމަށްފަހު އަދި އެ ލިޔުންތައް ތައްޔާރު ކުރި ފަރާތުގެ ބަސް ކޯޓުން ހޯދުމަށްފަހު އެ ލިޔުންތަކާއި ލިޔުންތައް ތައްޔާރުކުރި ފަރާތުގެ ބަހަށް ފަނޑިޔާރަށް ބުރަދަނެއް ދެވެން އޮތްނަމަ، ދަޢުވާލިބޭ މީހާގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަކީ ކުރިއަށް ގެންދެވެން ނެތް ދަޢުވާއެއް ކަމުގައި ކަނޑައަޅައި އެ ހިނދުން ފެށިގެން ދަޢުވާ ކޯޓުން ބޭރު ކޮށްލުމެވެ. ކުށް ކުރި މީހާއަށް ނުވަތަ ކުރި ކުށަށް ދެން އިތުރަށް ވާންޖެހޭނެ އެހެން ގޮތެއް ނެތް ގޮތުގައެވެ. ނަތީޖާއަކަށްވާނީ އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް އަލުން ދޫވުމެވެ. ފަރުވާ ނުލިބި އަލުން އަނބުރާ ކުށް ތަކުރާރު ކުރުމެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ބަލާއިރު، ޤާނޫނުލްޢުޤޫބާތުގެ 62 ވަނަ މާއްދާގެ (ށ) އިން ނެރެދޭން ބޭނުންވާ ނަތީޖާ އަކީ އެއީ ކަމަކަށް ނުފެނެއެވެ. ޤާނޫނުލްޢުޤޫބާތުގެ 62 ވަނަ މާއްދާގެ (ހ) ގައި، ދަޢުވާ ބަލައިގަތުމަށް ނުކުޅެދިގެންވާ ކަމުގެ ދިފާޢު އެއީ ނެގެން އޮތް ދިފާޢެއް ކަމަށް ބުނުމަށްފަހު، އެ މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ ދަށުން ކުށުން ބަރީއަ ކުރެވި ދޫކުރެވޭ މީހަކީ ނަފްސާނީ ބަލިތަކުގެ މަރުކަޒެއްގައި ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި ބަހައްޓަންޖެހޭ މީހެއްކަން ކަށަވަރު ކުރުމަށްޓަކައި ސިއްޙީ ގޮތުން ބަލަން ޖެހޭ ބެލުންތައް ބަލާތަނަކަށް ހުށަހަޅަން ޖެހޭނެ މީހެއް ކަމުގައެވެ. އަދި އެ ބެލުންތައް ބަލަން ހޭދަވާ މުއްދަތު 60 ދުވަހަށް ވުރެ ދިގު މުއްދަތަކަށްވުރެ އިތުރު ވެގެން ނުވާނެ ކަމެވެ.

ޤާނޫނުލްޢުޤޫބާތުގެ 62 ވަނަ މާއްދާގެ (ށ) ގައި މި ބުނާ ބުނުމަށް ބަލާއިރު، ދަޢުވާ ލިބިގަތުމަށް ނުކުޅެދޭ ދިފާޢު ޚަސްމެއްގެ ފަރާތުން ނަގައިފިނަމަ، ކޯޓުން ބަލަން ޖެހޭ ސިއްޙީ ބެލުންތަކަށް ބެލުމަށްފަހު ކަންކުރަންޖެހޭނެ ގޮތެއް ކަމަށް ފެންނަނީ، އެ މީހަކީ ފަރުވާ ދޭ މަރުކަޒެއްގައި ބަހައްޓައިގެން ފަރުވާދޭން ޖެހޭ މީހެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރަން ވާނެކަމެވެ. ފަރުވާ ދޭ މަރުކަޒެއްގައި ބަހައްޓަން ޖެހޭ މީހެއްނަމަ އެ މީހަކަށް މަރުކަޒެއްގައި ބަހައްޓައިގެން ފަރުވާ ދޭން ޖެހޭކަމެވެ. އަދި ފަރުވާ ފުރިހަމަ ކޮށް ރަނގަޅު ވެއްޖެނަމަ އެ މީހެއްގެ ދަޢުވާއާ މެދު އިތުރު ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމެވެ. ޖުމްލަ ގޮތެއްގައި ބުނާ ނަމަ، ޝަރީޢަތް ހިނގަމުންދާ ވަގުތު މީހެއްގައި ހުންނަ ނަފްސާނީ މައްސަލަ އެއްގެ ސަބަބުން މީހެއްގެ ސިކުނޑިއަށް އުނިކަމެއް އައުމަކީ، އޭނާ ރަނގަޅަށް ހުރިއިރު ކުރި ކުށެއްގެ ކަންކަން ބެލުން ހުއްޓުވޭ ކަމެއްގެ ގޮތުން ބެލުމަކީ ބަލައި ގަންނަ ގޮތެއް ކަމުގައި ބެލިގެން ނުވާނެކަމެވެ.

 

ޙުކުމް ތަންފީޛު ކުރުމުގެ މަރުޙަލާ

ނަފްސާނީ ބައްޔެއްގެ ތާސީރުގައި ހުރުމުގެ ސަބަބުން ސިކުނޑީގެ ޙާލަތަށް އުނިކަމެއް އައިސް ތިބޭ ބަޔަކު ޢާއްމު ޖަލު ނިޒާމުގެ ތެރެއިން އަދަބު ދީ ނަފްސާނީ ބަލީގެ ފަރުވާ ނުލިބޭ ގޮތަށް ޖަލު މުއްދަތެއް ފުރިހަމަ ކޮށްގެން ދޫވުމަކީ، ކުށް ކުރާ މީހުން އަނބުރާ މުޖުތަމަޢު އަށް ނެރުމުގެ ފަލްސަފާ އާ ދުރު ގޮތެކެވެ. މީގެ އެއް މިސާލަކީ، މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމުގެ ބަދަލުގައި އެ ކުށް ކުރާ މީހުންނަށް ދިގު މުއްދަތުގެ ޖަލު އަދަބެއް ދީގެން އެކަން ޙާސިލު ކުރެވިފައި ނެތް ނެތުމުގެ މިސާލެވެ. ނަފްސާނީ ބަލިތަކަކީ ވެސް ބައްޔެއް ކަމުގައި ދެކިގެން އެފަދަ މީހުންނަށް ދޭންވީ އެ މީހަކާއި ގުޅޭ ފަރުވާ އެކެވެ. އެކަމަށް ބޭނުންވަނީ އާއްމު މާނައިގައި މި ހުންނަ ޒާތުގެ ޖަލެއް ނޫނެވެ. ނަފްސާނީ ފަރުވާދޭ ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެކެވެ. އެކަމަށް ބޭނުންވާ ތަނާއި، މީހުން އަދި ޤާނޫނީ ވަސީލަތްތައް ފުރިހަމައަށް ލިބިދޭ ގޮތުގައެވެ.

 

ނަފްސާނީ ބައްޔެއްގެ ސަބަބުން ސިކުނޑީގެ ޙާލަތަކަށް އުނިކަން އައިސްފައިވާ ފަރާތްތަކުން ކުރާ ކުށުގެ މައްސަލަތައް ބެލުން އެއީ ކުރިއަށް އޮތް ތަނުގައި ޖިނާއީ ޢަދުލުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުމެއް ކަމުގައި ބަލައިގެން ނަފްސާނީ ބަލީގެ ތާސީރުގައި ހުރެ ކުށް ކުރާ މީހުން ދެނެގަނެ އެ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢު އަށް ނެރެވޭނެ ގޮތެއް ޖިނާއީ ޢަދުގެ ނިޒާމުން ހޯދަން ޖެހެއެވެ. ކުށް ކުރާ މީހުން ކުށްކުރާ ނަފްސާނީ ސަބަބުތައް ދެނެ ގަންނަން ޖެހެއެވެ. އެފަދަ މީހުންނަށް ފަރުވާ ދޭ ވަށާޖެހޭ ނިޒާމެއް އޮންނަން ޖެހެއެވެ.

ކަމުގެ މުހިއްމު ކަމަށް ބަލައި ބައެއް ގައުމުތަކުގައި އެފަދަ ބަލިތަކުގެ މީހުންގެ މައްސަލަ ބެލުމުގެ ޚާއްސަ ކޯޓުތައް ހުރެ އެވެ. އެފަދަ ބަލި މީހުންނަށް ފަރުވާ ދޭ ޚާއްސަ މަރުކަޒުތައް ހުރެއެވެ. އެފަދަ މީހުންގެ ޙައްޤުތައް ކަށަވަރުވާ މިންވަރުގެ ހަރުދަނާ ޤާނޫނުތަކެއް ހެދިފައި ހުރެއެވެ. މިކަމުގައި އެ މީހުންގެ ފަލްސަފާއަކަށް ވެފައި އޮންނަނީ، ކުށްކުރި މީހާ ހުރީ ނަފްސާނީ ބައްޔެއްގެ ތާސީރުގައި ނަމަ އަދި އެބަލި އޭނާގެ ކިބައިން ފިލައިގެން ނުދާނަމަ އޭނާއަށް ބަލީގެ ފަރުވާ ދީގެން އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ ފަލްސަފާއެވެ. ނަފްސާނީބައްޔަށް ފަރުވާ ދިނުމެއްނެތި އަދަބެއް ތަންފީޛުކުރުމަށްފަހު މުޖުތަމަޢުގެ ތެރެއަށް އެފަދަ މީހަކު އަނބުރާ ގެނައި ނަމަވެސް އެފަދަ މީހެއްގެ މައްޗަށް ދެވޭ އަދަބަކުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާތީއެވެ.


[1] ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 62 ވަނަ މާއްދާގައި ބުނަނީ "ދަޢުވާ ރައްދުވާ މީހާގެ ސިކުނޑީގެ ޙާލަތާ ގުޅޭ ގޮތުން ނުވަތަ ޖިސްމާނީ ޙާލަތަކާއި ގުޅިގެން، އޭނާގެ މައްޗަށް ކުރެވޭ ދަޢުވާގެ ބާވަތާއި މަޤްސަދު ވިސްނައިގަތުމަށް ނުވަތަ އޭނާގެ ދިފާޢުގައި ވާހަކަ ދެއްކުމަށް ނުކުޅެދިގެންވާނަމަ، އޭނާގެ މައްޗަށް ކުރެވޭ ދަޢުވާގައި އޭނާ ކުށްވެރިވާ ކަމުގައި ނުވަތަ ކުށްވެރިނުވާކަމުގައި ބަޔާންކުރުމަށާއި، އެ ދަޢުވާ ބަލައިގަތުމަށް އޭނާއަށް އަންގައިގެން ނުވާނެއެވެ. އަދި އޭނާގެ މައްޗަށް ޙުކުމެއްވެސް ކަނޑައަޅައިގެން ނުވާނެއެވެ."

[2]  ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/259 އަދި ނަންބަރު 2023/HC-B12/6 ޤަޟިއްޔާ