އަނިޔާލިބޭ މީހުން ބާރުވެރިކުރުވުން: އިންސާފުވެރި ޖިނާއީ ޢަދުލުގެ ނިޒާމަކަށް މުހިއްމު

މީހަކާމެދު ޖިނާއީ ކުށެއް ކުރުމުން އެ ކުށުން ލިބޭއަނިޔާ ތަޙައްމަލުކުރުމުގައި ޙިއްސާ ކުރަނީ، މައިގަނޑު ގޮތެއްގައި ދެ ފަރާތެކެވެ. އެއިގެތެރެއިން އެކަކީ، ކުށުގެ އަނިޔާލިބޭމީހާ އެވެ. އަނިޔާލިބޭމީހާގެ ޢާއިލާ އާއި ގާތް ތިމާގެ މީހުންވެސް ހިމެނޭ ގޮތުންނެވެ. ކުށެއް ކުރުމުން ލިބޭއަނިޔާގެ އެންމެ ބޮޑުގެއްލުމެއް ތަޙައްމަލު ކުރަން ޖެހޭ ފަރާތަކީ އެއީ އެވެ. އަދި ޙަޤީޤީ މާނައިގައި އަނިޔާލިބޭ މީހަކީވެސް އެއެވެ. ކުށުގެ އަނިޔާ ތަޙައްމަލު ކުރުމުގައި ބައިވެރިވާ ދެވަނަ ފަރާތަކީ، މުޖުތަމަޢުއެވެ. ކުށެއް ކުރުމުން އެކަމުގެ ގެއްލުން މުޖުތަމަޢަށް ކުރާކަމަށްޓަކައި ކުށްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާއި،ކުށްވެރިންގެކިބައިން މުޖުތަމަޢުގައި ދިރިއުޅޭ ކުށްނުކުރާ މީހުން ރައްކާތެރިކުރުމަށްޓަކައި، މުޖުތަމަޢުގެ ނަމުގައި ދައުލަތުން މަސްއޫލިއްޔަތާއި ޒިންމާ އުފުލާން ޖެހެނީ އެ ސަބަބަށްޓަކައެވެ.


ކުށުގެ އަނިޔާ ތަޙައްމަލު ކުރުމުގައި ކުރިން މި ފާހަގަކުރި ދެބައިވެރިން (އަނިޔާލިބޭ ފަރާތް އަދި މުޖުތަމަޢު) ޙިއްސާކުރި ނަމަވެސް ޖިނާއީ ޢަދުލުގެ ނިޒާމުގެ ގަދީމީ ވިސްނުމަކީ އަދި މިހާރު ވެސް ޖިނާޢީ ޢަދުލުގެ ނިޒާމްތައް ބައްޓަން ކުރެވިފައިވާ ގޮތަކީ، ކުށްކުރާ ފަރާތްތަކުގެ މައްޗަށް އެ ނިޒާމުންދޭ ސަމާލުކަން އިންތިހާއަށް އޮތުމެވެ. ކުށުގެ ގެއްލުން ޙަޤީޤީ މާނައިގައި ލިބޭ މީހުންކަމުގައިވާ ކުށުގެ އަނިޔާލިބޭ މީހާއަށް ނިޒާމުން ދޭ ސަމާލުކަމެއް ނެތުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމާއި ގުޅޭގޮތުން އެކުލަވާލާ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި އަދި ޖިނާއީ ޢަދުލު ހަމަމަގަށް އެޅުވުމަށްޓަކައި ކުރެވޭ މާލީ ހޭދަތަކުގެ ސަމާލުކަން މުޅިން އެއްކޮށްހެން ގޮސް ހުއްޓިފައި ހުންނަނީ ކުށް ކުރާ މީހުންނަށް ސަމާލުކަން ދޭ ގޮތަށެވެ. ކުށުގެ ތުހުމަތުގައިވާ މީހަކަށް ލިބެންޖެހޭ ޙައްޤުތަކާއި އެ މީހުންގެ ރިހިބިލިޓޭޝަނާއި، ތަފާތު އެހެނިހެން ފަރުވާތަކަކީ ކޮބައިކަން ދެނެގަތުމަށެވެ. ކުށްވެރިން ބައިތިއްބާނެ މަރުކަޒު ތަކުގެ ފެންވަރާއި، އެފަދަ މަރުކަޒަކުން ދެވޭނެ ޚިދުމަތްތަކަކީ ކޮބައިތޯ އާއި ކުށް ކުރާ މީހުންނަށް ދައުލަތުގެ ފަރާތުން ކޮށްނުދީ ވާކަމެއް އޮތްތޯ އާއި އެ މީހުންނަށް މަޙްރޫމްވާ ޙައްޤުތަކަކީ ކޮބައިކަން ހޯދާ ބެލުމަށެވެ.


ކުށްކުރާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުން ސަމާލުކަމެއް ދިނުމަކީ ހަމަ ރަނގަޅު ކަމެކެވެ. ވާންވެސް ޖެހޭނެ ގޮތެކެވެ. އެހެންނަމަވެސް، މި ކަމުގައި އޮތް މައްސަލައެއްކަމަށް ފެނުނު މައްސަލައަކީ، ކުށްކުރާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ޤާނޫނުތަކާއި ޤަވާޢިދުތަކުންނާއި ކުރެވޭ މާލީ ހޭދާތަކުގެ ބޭނުން ހިފައިގެން އެ ދެމުންދާ އިސްކަމާއި، ބަހައްޓާ އަޅާލުމާ، ދެމުން އެ ގެންދާ އެންމެ މަތީ ދަރަޖައިގެ ސަމާލުކަމާއި ގާތްކުރާ މިންވަރުގެ ސަމާލުކަމެއްވެސް ނުވަތަ އިސްކަމެއްވެސް ކުށުގެ އަނިޔާ ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ދެވެމުން ނުދިއުމެވެ.

ޖިނާއީ ކުށެއް ކުރުމުގެ ސަބަބުން މީހަކަށް ލިބޭ އަނިޔާގެ ދާއިރާ ނުހަނު ފުޅަލެވެ. އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ބައެއް ފަހަރު ދިގު ދެމިގެންދާ އަސަރުތަކެއް ތަޙައްމަލު ކުރަން ޖެހެއެވެ. ލިބޭ އަނިޔާގެ އަސަރުތައް ޖިސްމާނީ ގެއްލުންތަކުގެ ބޭރުވެ، އަނިޔާ ލިބުނު ފަރާތުގެ ޖަޒުބާތަށް އަންނަ އަސަރާއި، ނަފްސާނީ ގޮތުން ތަޙައްމަލު ކުރަން ޖެހޭ ކަންކަމާއި، މާލީ ގޮތުން އެލިބޭ ގެއްލުންތައް ނުހަނު މަތީ ދަރަޖައަކަށް ތަޙައްމަލު ކުރަންޖެހެނީ މަދެއްކޮށެއް ނޫނެވެ.


ރަނގަޅެވެ. ކުށްވެރިޔާއަށް ޙައްޤުވާ އަދަބު ދިނުމުން އެކަމުގެ ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ކުށުގެ އަނިޔާ ލިބުނު ފަރާތަކަށް ލިބިގެން ހިނގައިދާނެއެވެ. އެހެންނަމަވެސް ކުށުގެ ސަބަބުން އޭނާއަށް ލިބުނު ޖިސްމާނީ އަނިޔާގެ އިތުރުން ނަފްސާނީ އަދި މާލީ ގެއްލުންތަކުގެ ފަރުވާ ނުލިބޭނަމަ އަނިޔާ ލިބުނު މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމުން އެ ލިއްބައިދިނީ ޙަޤީޤީ މާނައިގެ އިންސާފުކަމަށް ޤަބޫލުކުރަން ދަތިވާނެއެވެ.


މިހެންވެ، ކުށުގެ އަނިޔާލިބޭ މީހުން ޖިނާއީ ޢަދުލުގެ ނިޒާމުގައި ބާރުވެރިކުރުވުމާއި، އަނިޔާލިބޭ މީހުންވެސް ޝާމިލްކޮށްގެން އެމީހުންނަށް ޚާއްސަ ސަމާލުކަންދީގެން ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިނގާ ކަންކަން ތަރުތީބު ކުރުން (vicitim-centred approach) އެއީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުތައް ބައްޓަން ކުރަން ފަށާފައި ގޮތެކެވެ. މި ބުނެވުނު ވިސްނުން ބައްޓަން ކުރެވިފައިވަނީ، އަނިޔާ ލިބޭ މީހުންނަށް ޤާނޫނުތަކުން ރައްކާތެރިކަންދިނުމާއި، އެމީހުންނަށް ލިބެންޖެހޭ ޙައްޤުތަކާ، ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއީ އިސްކަމެއް ދޭންޖެހޭބައެއް ކަމުގައި ބަލައި ޖިނާއީ ޢަދުލުގެ ނިޒާމު، އެމީހުންގެ ވަށައިގެން އެނބުރޭގޮތަށް، ވަށާޖެހޭގޮތެއްގެ މައްޗަށް ކަންކަން ތަރުތީބު ކުރެވޭ ގޮތަށެވެ.


އިސްލާމީ ޝަރީޢާގެ ޖިނާއީ ޢަދުލުގެ ނިޒާމު ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު، މި ޒަމާނުގެ ޒަމާނީ ވިސްނުމެއްކަމަށް ބުނާ (vicitim-centred approach) އަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އިސްލާމީ ޝަރީޢާގެ ނިޒާމުން ބަލައިގެންފައިވާ ވިސްނުމެކެވެ. ބައެއް ބާވަތްތަކުގެ ޝަރުޢީ މައްސަލަތަކުގައި، އަނިޔާލިބޭ މީހުން ނުވަތަ އެ މީހުންގެ ޢާއިލާގެ ބަހެއް ހޯދައިގެން މެނުވީ އަދަބު ނުދެވޭނެ ބާވަތްތަކުގެ މައްސަލަތައް އިސްލާމީ ޝަރީޢާގައި އެބަވެއެވެ. ކުށްވެރިޔާއަށް ޢަފޫކުރުމާއި، ކުށްވެރިންގެ އަތުން ބަދަލު ހޯދުމުގެ ނިޒާމާއި މިންވަރުތަކަކީ ކޮބައިކަން ބުނެދެއެވެ. ސުލްޙައިގައި މައްސަލަ ޙައްލުކުރުމުގައި އަނިޔާލިބޭ ފަރާތުން ނުވަތަ އެ ފަރާތުގެ ޢާއިލާއިން ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިކުރެވޭ ގޮތަށް ޝަރީޢަތްތައް ހިންގުން ބައެއް ޙާލަތްތަކުގައި ލާޒިމް ކުރެއެވެ. އަނިޔާލިބޭ ފަރާތްތަކަށް ބައިތުލްމާލުން އެހީތެރިވާނެ ނިޒާމުތަކެއް ހަމަޖައްސާފައިވެއެވެ.


ޖިނާއީ ޢަދުލުގެ ނިޒާމުގައި ވިކްޓިމް ސެންޓަރޑް އެޕްރޯޗެއްގެ ވިސްނުން ޤާއިމުކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ، ކުށުގެ އަނިޔާލިބޭ މީހުންނަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދެވަނަ ދަރަޖައިގެ މީހުންގެ ގޮތުގައި ނުބަލައި، އެ މީހުން ބާރުވެރިކޮށް، އަނިޔާލިބޭ މީހުންގެ ދިރިއުޅުން އަލުން ބިނާކޮށް، އަލުން ހަމަޖެހުމެއް އެމީހުންނަށް ހޯދައިދިނުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމަކީ ކުށުގެ އަނިޔާ ތަޙައްމަލު ކުރަމުންދާ ފަރާތްތަކުގެ ޙައްޤުތައްވެސް ރައްކާތެރިކުރެވޭ ގޮތަށް ބައްޓަން ކުރެވިފައިވާ އެ މީހުންނަށްވެސް އޯގާތެރި ނިޒާމަކަށް ހެދުމެވެ.


އިންސާފުވެރި ޖިނާއީ ޢަދުލުގެ ނިޒާމަކަށްޓަކައި، ކުށުގެ އަނިޔާލިބޭ ފަރާތްތައް ބާރުވެރިކުރުވުން، އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެކަން ކުރުމަށްޓަކައި ކުށުގެ އަނިޔާލިބޭ މީހުންނަށް ޚާއްސަ ޤާނޫނުތައް ތަޢާރަފު ކުރެވެންޖެހެއެވެ. އެ މީހުންގެ ފަރާތުން ހުށަހަޅާ ޝަކުވާ ނުވަތަ މައްސަލަތައް ބަލާނެެ ޚާއްސަ ޔުނިޓްތަކެއް ހުންނަންޖހެއެވެ. އަނިޔާލިބޭ ފަރާތްތަކުގެ އަޑު ޝަރުޢީ މަރުޙަލާގައި އިއްވޭނެ ފުރިހަމަ ގޮތްތަކެއް ހޯދަން ޖެހެއެވެ. ލިބޭގެއްލުންތަކުގެ ބަދަލު ހޯދޭނެ އަދި ލިބޭނެ ފުރިހަމަ އިންތިޒާމެއް ހަމަޖައްސަން ޖެހެއެވެ. ލިބުނު ގެއްލުމަށް ހަމައެކަނި ނަފްސާނީ އެހީތެރިކަން ލިބުމުގެ ބަދަލުގައި މާލީ ބަދަލާއި، އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިިކޮށްދޭންޖެހެއެވެ. ޖުމްލަކޮށް ބުނާނަމަ އަނިޔާލިބޭ މީހުންގެ ދިރިއުޅުން އަނބުރާ ކޮޅަށްޖެހުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭންޖެހެއެވެ. މިކަންކަން ކުރުމަށް މާބޮޑު ތަކުލީފުތަކެއް އުފުލަން ނުޖެހޭ ގޮތަށެވެ.



ޖިނާއީ ކުށެއް ކުރުމުން އަނިޔާލިބޭ ފަރާތްތަކަށް ފުރިހަމަ އިންސާފެއް ނުލިބޭގޮތަށް އޮންނަ ޖިނާއީ ޢަދުލުގެ ނިޒާމަކީ، އިންސާފުވެރި ޢަދުލުގެ ނިޒާމެއްކަމުގައި ބުނާނީ ކިހިނަކުން ހެއްޔެވެ؟