އެއްބަސްވުމަކީ އެއްބަސްވުމުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ޢަމަލުކުރަން އޮންނަ ޤާނޫނެވެ. ޢާއްމު ހަމައިގެ މަތިން މި ޤާނޫނު ހިނގާނީ އެއްބަސްވުންވެވުނުއިރު އެއިގެ ބައިވެރިއަކަށްވާ ފަރާތްތަކުގެމައްޗަށް އެކަންޏެވެ. އެއްބަސްވުންވެވުނުއިރު އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ ފަރާތެއްގެ މައްޗަށް އެއްބަސްވުން ތަންފީޛު ކުރުމަށް ހުށަހެޅިގެން ނުވުމާއި އެފަދަ ފަރާތެއްގެ މައްޗަށް އެއްބަސްވުމުގައި ހިމެނޭ ކަމެއްގެ ޙައްލު ހޯދުމަށް ހުށަނޭޅޭނެކަމަށް ބެލުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުތަކުގައި ބުނާ ޢާއްމު ހަމައެކެވެ.
މިސާލެކެވެ. އެއްބަސްވުމެއްގެ ދަށުން ދިގުމުއްދަތަކަށް ތަނެއް މީހަކަށް ކުއްޔަށް ދީފައިވަނިކޮށް ކުއްޔަށްދިންފަރާތް މަރުވީ އެވެ. އެއްބަސްވުމުގެ މުއްދަތަކީ 25 އަހަރެވެ. ކުއްޔަށްދިންފަރާތް މަރުވިއިރު އެއްބަސްވުމުގެ މުއްދަތުން ބާކީ އަދި 10 އަހަރު އެބައޮތެވެ. ސުވާލަކީ، ދިގު މުއްދަތަކަށް މިފަދަ ގޮތަކަށް ކުއްޔަށްދީފައިވާ ތަނެއްގެ އެއްބަސްވުމުގެ މުއްދަތު އެގޮތުގައި ދެމިއޮއްވާ ކުއްޔަށްދިން ފަރާތް މަރު ވެއްޖެނަމަ އޭގެ ނަތީޖާއަކަށް ވާނީ އެއްބަސްވުން އެ ހިސާބުން ނިމުމަކަށް އައިސް އެއްބަސްވުން ބާޠިލުވުން ހެއްޔެވެ؟ ނުވަތަ ކުއްޔަށް ދިން ފަރާތް ދުނިޔޭގައި ނެތްނަމަވެސް އެއްބަސްވުމުގައި ބުނާ މުއްދަތަށް އެއްބަސްވުން ދެމިއޮތުން ހެއްޔެވެ؟ އެ ޙާލަތުގައި އެއްބަސްވުމުގައި ބުނާ ކަންކަން ނަޤުލުވާނީ ދެން ކާކަށް ހެއްޔެވެ؟
ފެށުމުގައި ފާހަގަކުރި ގޮތަށް، އެއްބަސްވުންތަކާ ގުޅޭ ޢާއްމުހަމައިން މި މައްސަލައަށް ބަލާނަމަ، އެއްބަސްވުން އުފެއްދުމުގައި ބައިވެރިވި ފަރާތެއް މަރުވުމުގެ ނަތީޖާއަކަށްވާނީ އެއްބަސްވުން އެހާހިސާބުން ނިމުމަކަށް އައުމެވެ.އަދި އެއްބަސްވުން އެކުލަވާލުމުގައި ބައިވެރިވިފަރާތް ނެތްނެތުމުގެ ސަބަބުން އެއްބަސްވުމުގައި ބައިވެރިއަކަށް ނުވާ ފަރާތެއްގެ މައްޗަށް އެއްބަސްވުން ތަންފީޛު ކުރުމަށް ހުށަނޭޅޭ ގޮތްވުމެވެ.
އެހެންނަމަވެސް، އެފަދަ ގޮތެއް ވެގެންދިއުމަކީ އިންސާފާއި ދުރުގޮތެއްކަމަށް ބަލައި، އެއްބަސްވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ފަރާތެއް މަރުވި ނަމަވެސް އެއްބަސްވުން ދިރޭ ގޮތުގެ އިސްތިސްނާ ޙާލަތުތަކެއް އޮންނަކަން ޝަރުޢީ އަދި ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ އުސޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.މިފަދައިން ދިމާވާ ޙާލަތަކަށް އޮންނަ ނާއިންސާފުން ދުރުކުރުމަށްޓަކައި،އެއްބަސްވުމުގައި ހިމެނޭފަރާތެއް މަރުވާ ކޮންމެފަހަރަކީ، އެއްބަސްވުން ނިމުމަކަށް އަންނަ ސަބަބެއް ނޫންކަމާ، އެއްބަސްވުމުގެ ބައިވެރިއަކު މަރުވި ނަމަވެސް ބައެއް ޙާލަތްތަކުގައި،މުޅިން އައު ފަރާތެއް އެއްބަސްވުމުގެ ތެރެއަށް އިތުރު ކުރެވި އެ ފަރާތްތަކުގެ މައްޗަށް އެއްބަސްވުމުގައި ބުނާ ކަންކަން ނަޤުލުވާނެ ގޮތްތަކެއް ކަނޑައެޅިފައިވެއެވެ.
އެއްބަސްވުމުގެ ބައިވެރިޔަކު މަރުވުމުން އެއްބަސްވުމުގެ އިލްތިޒާމްތައް އެހެން ފަރާތެއްގެ މައްޗަށް ނަޤުލުވާނެ އުސޫލުތަކާއި ހަމަތަކެއް އަދި ޙާލަތުތައް ބަޔާންކުރާ ޤާނޫނެއް އަދި ޤާނޫނެއްގެ މާއްދާއެއް ދިވެހިރާއްޖެއަކު ނެތެވެ.އެހެންނަމަވެސް އެފަދަ އުސޫލެއް ބަޔާންކުރާ ޤަވާޢިދަކަށް މީގެ ކުރިން ޢަމަލުކުރަމުން ގޮސްފައިވެއެވެ.ކުރިން ޢަމަލުކުރަމުން ދިޔަ މިހާރު އުވިފައިވާ ޤަވާޢިދެއްކަމުގައިވާ "ގޯއްޗާއި ގޯތީގައި ހަދާ ޢިމާރާތް ކުއްޔަށް ދިނުމާބެހޭ ޤަވާޢިދު" ގެ 12 ވަނަ މާއްދާގައި، ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށްދޭ ފަރާތް މަރުވުމަކީ އޭގެ ޒާތުގައި އެއްބަސްވުން ނިމުމަކަށް އަންނާނެ ސަބަބެއް ނޫންކަމަށް ބުނެފައިވެއެވެ. މިހެންކަމުން، އެއްބަސްވުމުގެ ބައިވެރިއަކު މަރުވުމުން އެއްބަސްވުމުގެ ދަށުން އުފެދޭ ޙައްޤުތައް އެހެން ފަރާތެއްގެ މައްޗަށް ނަޤުލުވުމުގެ މަފްހޫމް އެއީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކުރިން ބަލައިގެންފައިވާ މަފްހޫމެއްކަން އެނގެއެވެ.
އެއްބަސްވުމުގެ ބައިވެރިޔަކު މަރުވުމުން، އެއްބަސްވުމުގެ ދަށުން އުފެދޭ ޙައްޤުތައް އެހެން ފަރާތެއްގެ މައްޗަށް ނަޤުލުވާނެ އުސޫލުތަކާއި ހަމަތަކެއް ބަޔާންކުރާ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ މާއްދާއެއް ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ފެންނަން ނެތްނަމަވެސް އެ މައުޟޫޢުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ބައެއް ނިންމުން ތަކުގެ މައްޗަށް ބަލާއިރު އެ މަފްހޫމް ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގަނެ އެ މަފްހޫމްގެ މައްޗަށް ވާހަކަ ދައްކާފައިވާކަން އެނގެއެވެ. އެމައުޟޫޢުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ބައެއް ޤަޟިއްޔާތަކަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު، މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޘިމާ އަދި އިތުރު 3 ފަރާތެއް، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ ރަޝީދު މޫސާ، ފާޠިމަތު ޙުސައިން ވ.ފާޠިމަތު ޖަމްޝީދާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢާއިޝަތު ޢަލިދީދީ ވ.ޝާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ފަދަ ޤަޟިއްޔާތަކެވެ.
މި މައުޟޫޢުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ބުނެވުނު ޤަޟިއްޔާތަކުން ކަނޑައަޅާފައިވާ ނިންމުންތަކުގެ މައްޗަށް ބަލާއިރު، އެ ނިންމުންތަކުގައި ބުނާ މައިގަނޑު ބުނުމަކީ، އެއްބަސްވުމުގެ ބައިވެރިޔަކު މަރުވުމުން އެއްބަސްވުމާއިގެން ކުރިއަށްދާނެކަން ނުވަތަ ނޫންކަން ކަނޑައަޅާނީ، އެއްބަސްވުމުގެ ބާވަތަށާއި، އެއްބަސްވުމުގައި ހިމެނޭ މާއްދާތަކަށާއި އަދި ޢަމަލު ކުރެވޭ ޤާނޫނުތަކުގެ މައްޗަށް ބަލައި ރިޢާޔަތްކޮށްގެން ކަމެވެ.
މި މައުޟޫޢުގައި ވާހަކަ ދައްކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޒިމާ އަދި އިތުރު 3 ފަރާތެއް ޤަޟިއްޔާގައި، ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެފައި އޮތް ވާހަކައިގެ ދޭހައަކީ"ކޮންޓްރެކްޓުން އުފައްދައިދޭ ހައްޤުތަކާއި އިލްތިޒާމްތައް މައިގަނޑު ދެ ބަޔަކަށް ބެހިގެންވާކަމެވެ. އެއީ ޝަޚުޝުގެ މައްޗަށް އުފައްދައިދޭ ޙައްޤުތަކާއި ވާޖިބުތަކާއި މުދަލުގެ މައްޗަށް އުފެދޭ ޙައްޤުތަކާއި ވާޖިބުތަކެވެ. ޝަހުޝުގެ މައްޗަށް އުފެދޭ ޙައްޤުތައް މިސާލަކަށް އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމަކީ މަރުޙޫމަށް ޝަޚުޝީ ގޮތުން ލިބިފައިވާ ޚާއްސަ ތަމްރީނާއި ކުޅަދާނަކަމާއި ހުނަރާއި ތަޖުރިބާއިން ފުރިހަމަކުރާ ޒާތުގެ އިލްތިޒާމެއްނަމަ، އެފަދަ އެއްބަސްވުމެއްގެ ފުރިހަމަ ނުކުރެވި އޮތް ބައި އެހެން މީހެއްގެ މައްޗަށް ނަޤުލު ނުކުރެވުމެވެ. އެ ޙާލަތުގައި އެފަދަ އެއްބަސްވުން ނިމުމަކަށް އަންނާނެކަމެވެ. މިސާލަކަށް، ސުވާލު އުފެދިފައިވާ އެއްބަސްވުމަކީ، ވަޒީފާއާބެހޭ އެއްބަސްވުމެއް ނުވަތަ ވަކި ޚާއްސަ ހުނަރެއް ހުރެގެން ޝަހުޝީ ގޮތުން ދޭ ޚިދުމަތެއްނަމަ އެއްބަސްވުމުގެ މުއްދަތުގައި މުވައްޒަފު ނުވަތަ ޚިދުމަތް ދޭ ފަރާތް މަރުވާ ހާލަތުގައި،އެ މުވައްޒަފު ޝަހުޝީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތައް އެހެން މީހެއްގެ މައްޗަށް ފުރޮޅިގެން ނުދާނެއެވެ. ސަބަބަކީ، އެފަދަ އެއްބަސްވުމެއް އުފެދިފައިވަނީ، ވަޒީފާ އަދާކުރާ ފަރާތަކީ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒާތީ ސިފަތަކާއި ޤާބިލުކަމުގެ މައްޗަށް ބަރޯސާވެގެން ކަމުގައިވާއިރު، އެ ފަރާތް މަރުވުމަށްފަހު ހަމަ އެފެންވަރުގެ ޚިދުމަތެއް ދިނުމަކީ އުނދަގޫ ނުވަތަ ނުކުރެވޭނެ ކަމަކަށްވުން ގާތްވީމައެވެ.
އެއާއި ޚިލާފަށް އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމަކީ މާއްދީ އެއްޗެއްގެ މައްޗަށް ބާރު ފޯރުވަންލިބޭ ގޮތަށް އޮންނަ މުދަލުގެ މައްޗަށް އުފެދޭ ޙައްޤެއްނަމަ އެ ފަދަ ކޮންމެ ޙައްޤަކީ ނުވަތަ ވާޖިބަކީ އެއްބަސްވުމުގައި ބައިވެރިވި ފަރާތެއް މަރުވިނަމަވެސް އެހެން ފަރާތަކަށް ނަޤުލު ކުރެވިދާނެ ބާވަތުގެ އެއްބަސްވުން ތަކެވެ. މިސާލަކަށް، އެއްބަސްވުމުގެ ދަށުން ފައިސާއެއް ލިބެން އޮތްނަމަ އެފައިސާ ހޯދުމާއި އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ލިބެންޖެހޭނަމަ އެ ބަދަލެއް ހޯދުމާއި ބިމާއި ޢިމާރާތަކާއި ގުޅިގެން އުފެދޭ ކުލީގެ އިލްތިޒާމްތަކާއި ރަހުނާއި ލިއެންގެ އިލްތިޒާމްތަކަކީ އެއްބަސްވުމުގެ ދަށުން އުފެދިފައިވާ ޙައްޤުތައް ވާރިސުންނަށް ނަޤުލުވާނެ ޙައްޤުތަކެކެވެ.
އެއްބަސްވުމުގެ ބައިވެރިޔަކު މަރުވުމުން އެ އެއްބަސްވުން ދެން ނަޤުލުވާނެ ފަރާތްތަކަކީ ކޮބައިކަން ބަލާއިރު ދެ ބާވަތެއްގެ މީހުންނަށް އެއްބަސްވުން ފުރޮޅިގެން ދާކަމަށް ކުރިން ފާހަގަ ކުރި ޤަޟިއްޔާތަކުގައި ކޯޓުތަކުން ނިންމާފައިވެއެވެ. އެއިގެ ތެރެއިން އެއް ބަޔަކީ، އަލްޚަލްފުލް ޢާއްމު (Universal successor) އެވެ. ދެވަނަ ބަޔަކީ، އަލްޚަލްފުލް ޚާއްޞް (singular successor) އެވެ.
މީގެ ތެރެއިން އަލްޚަލްފުލް ޢާއްމު އޭ ބުނެވޭ މީހުންނަކީ، އެއްބަސްވުމުގެ ބައިވެރިޔަކު ނިޔައުވުމުން މަރުވި މީހާގެ އެންމެހައި ޒިންމާތައް ނަޤުލުވާ ފަރާތްތަކެވެ. މަރުވި މީހާގެ ވާރިސުންނަކީ އެއިގެ މިސާލެކެވެ. އަލްޚަލްފުލް ޚާއްސް އޭ ބުނެވޭ މީހުންނަކީ، މަރުވި މީހާއާ އެކު ވެފައިވާ އެހެން އެއްބަސްވުމެއް އޮތުމުގެ ސަބަބުން އެ ފަރާތެއްގެ މައްޗަށް މަރުވި މީހާގެ ބައެއް ޙައްޤުތައް ނަޤުލުވާ ފަރާތްތަކެވެ. މިސާލަކަށް، ވަކި އިންޝުއަރެންސް ކުންފުންޏަކުން އިންޝުއަރ ކުރެވިފައިވާ ކާރެއްގެ ވެރިފަރާތް މަރުވިނަމަވެސް ނުވަތަ އެ ކާރު އެހެން ފަރާތަކަށް ވިއްކާލިނަމަވެސް އެ ކާރުގެ މައްޗަށް އޮތް ކްލެއިމް، އިންޝުއަރ ކުރި ކުންފުންޏަށް ދެމި އޮންނަ ގޮތްވުން އެއީ އޭގެ މިސާލެކެވެ.
އެއްބަސްވުމުގެ ބައިވެރިއަކު މަރުވުމުން އެއްބަސްވުން ވާރިސުންނަށް ފުރޮޅިގެން ދިއުމަކީ އެ މައުޟޫޢުގައި އިސްލާމީ ފިޤުހުވެރިންގެ ފަރާތުންވެސް ވާހަކަ ދައްކާފައިވާ އަދި އެގޮތަށް އެކަން ކުރުމަށް ފިޤުހުވެރިންވެސް އެއްބަސްވާ ގޮތެކެވެ. އެ މައުޟޫޢުގައި ފިޤުހުވެރިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެއްބަސްވުމުގެ ބައިވެރިޔަކު މަރުވުން އެއްބަސްވުން ނަޤުލުވާ ބާވަތުގެ ޙައްޤުތަކަކީ ކޮބައިކަން ބަޔާންކުރުމުގައި ފިޤުހުވެރިން އެއްބަސްވާ ގޮތަކީ، އުފެދޭ ޙައްޤަކީ މާލީ ޙައްޤެއް ނަމަ އެ ޙައްޤު ވާރިސުންނަށް ނަޤުލުވުމެވެ. މިގޮތުން ޚިޔާރުއް ރައްދާއި ޚިޔާރުއް ތަޢުޔީނު ފަދަ ޙައްޤުތައް ވާރިސުންނަށް ނަޤުލުވާނެކަމާމެދު ފިޤުހުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. ފިޤުހުވެރިންގެ މެދުގައި ޚިލާފު އުފެދެނީ އެ ނޫން ބާވަތުގެ ޙައްޤުތައް ނަޤުލުވުމާއި މެދުގައެވެ.
މާލީ ޙައްޤެއް ނަޤުލުވުމާއި ނުވުމުގައި ފިޤުހުވެރިންގެ އޮތީ މައިގަނޑު 2 ޚިލާފެކެވެ. އެ ކަމުގައި ޝާފިޢީ އަދި މާލިކީ މަޒުހަބުގެ ރައުޔަކީ، މަނާކުރާކަމެއް ނެތްނަމަ އަސްލަކީ އެއްބަސްވުމުގެ ދަށުން އުފެދޭ ޙައްޤުތައް ވާރިސުންނަށް ނަޤުލުވެގެން ދިއުމެވެ. މިގޮތުން، ޚިޔާރުއް ޝުފުޢާ، ޚިޔާރުލް ވަސިއްޔަތް، ޚިޔާރުލް އިޤާލާ، ޚިޔާރުލް ޤުބޫލް، ޚިޔާރުއް ޝަރުތު، ޚިޔާރުއް ރުއުޔާ އަދި އެހެންވެސް ޙައްޤުތަކަކީ، އެއްބަސްވުމުގެ ބައިވެރިޔަކު މަރުވުމުންވެސް ވާރިސުންނަށް ނަގުލުވުން މަނާ ޙައްޤުތަކެއް ކަމުގައި ނުވާތީ އެ ޙައްޤުތައް ނަގުލު ކުރެވިދާނެކަމަށް ދެކެއެވެ. ޙަނަފީ އަދި ޙަންބަލީ މަޒުހަބުގެ ފިޤުހުވެރިން މި ކަމުގައި ދެކޭ ގޮތަކީ، އަސްލަކީ އެއްބަސްވުމުގެ ދަށުން އުފެދޭ ޙައްޤުތައް އެއްބަސްވުމުގެ ބައިވެރިޔަކު މަރުވިނަމަވެސް އެހެން މީހަކަށް ނަޤުލު ނުވުމެވެ. އެއިގެ ތެރެއިން އިސްތިސްނާ ކުރަނީ، ޚިޔާރުއް ރައްދު އަދި ޚިޔާރުއް ތަޢުޔީނު އެކަންޏެވެ.
މާލީ ޙައްޤުތަކާއި ޚިލާފަށް ޝަޚުޝީ އަދި ޒާތީ ޙައްޤުތަކެއް ނަޤުލު ނުވާނެކަމަށް ފިޤުހުވެރިންވެސް އެއްބަސްވެއެވެ. އެކަމުގައި ފިޤުހުވެރިން ސުވާލު އުފައްދަނީ އެކަން ބަލާނެ މިންގަނޑަކާއި ދޭތެރޭގައެވެ. މި މައުޟޫޢުގައި ފިޤުހުވެރިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި ދެބާވަތުގެ ޙައްޤު ބަލާނެ މިންގަނޑެއް ކަމުގައި ބުނަނީ، މުދަލަކާއި ގުޅިގެން މުދަލުގެ މައްޗަށް އުފެދޭ ޙައްޤެއް ނަމަ އެއީ މާލީ ޙައްޤެއްގެ ގޮތުގައި ބެލިދާނެ ކަމުގައެވެ. އަދި މީހެއްގެ ޖިސްމު ނުވަތަ ބުއްދީގެ މައްޗަށް އުފައްދާ ޙައްޤެއްނަމަ އެއީ ޝަޙުޝީ އަދި ޒާތީ ޙައްޤެއްގެ ގޮތުގައި ބެލިދާނެ ކަމަށެވެ.