އިލެކްޓްރޯނިކް ހެކީގެ މައްޗަށް ބަރޯސާވާ މިންވަރު އިތުރުކުރުން

ކަމެއް ހިނގިކަންވެސް އަދި ނުހިނގާކަންވެސް ސާބިތު ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކައްޗަކީ އެކަމެއް ސާބިތު ކުރުމަށް ނުވަތަ ކަން ނުހިނގާކަމުގެ ދިފާޢުގައި ހުށަހެޅޭ ހެއްކެވެ. ސާބިތު ކުރުމުގެ ވަސީލަތެއްގެ ގޮތުން ބޭނުން ކުރެވޭ އެންމެ ގަދީމީ އެއް ވަސީލަތަކީ، ކަން ހިނގިކަން ނުވަތަ ކަމެއް ނުހިނގާކަން ސާބިތު ކުރުމަށް ހުށަހެޅޭ ޝަފަހީ ހެކިންނެވެ. ސާބިތު ކުރުމުގެ ވަސީލަތެއްގެ ގޮތުން ޝަފަހީ ހެކިން ނޫން އެހެން ބާވަތެއްގެ ހެއްކެއް ބަލައިގަނެވެންނެތް ކަމަށް ބެލެމުންދިޔަ ޒަމާންތަކެއްވެސް ދިޔައެވެ. އަދި މިހާރުވެސް އެ ވިސްނުން ބައެއް މައްސަލަތަކުގައި ގެންގުޅެވޭ ފަހަރުތައްވެސް އާދެއެވެ. އެހެންނަމަވެސް ކަންކަން ހިނގާ ގޮތުގެ އާދަތައް ބަދަލުވެ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ހަމަ އެކަނި ޝަފަހީ ހެކިންގެ ހެކިބަހަށް އެކަނި ބަރޯސާވުން ދޫކޮށްލަން ޖެހުނެވެ. ކަމެއް ސާބިތު ކުރުމަށް ޝަފަހީ ހެކީގެ އިތުރުން ކިތާބީ ހެކިތައް އަދި މާއްދީ ހެކިތައް ސާބިތު ކުރުމުގައި ވަސީލަތެއްގެ ގޮތުގައި ބަލައިގަނެވެން ފެށުނެވެ.

 

        ހެކި ހުށަހެޅޭ ވަސީލަތްތަކަށް ބުރަވެ ހެކީގެ ބާވަތްތައް ބަހާލެވިފައިވަނީ ކުރިން މިބުނެވުނު މައިގަނޑު ތިން ބަޔަށެވެ. އެއިގެ ތެރެއިން އެއްބަޔަކީ ކުރިންވެސް ފާހަގަކުރި ގޮތަށް ޝަފަހީ ހެއްކެވެ. ޝަފަހީ ހެކިންނަކީ، ހެކިބަސްދޭ މީހާ ޝަރީޢަތަށް ހާޒިރުވެ އަނގަބަހުން ދޭ ބަޔާނެވެ. ދެވަނަ ބަޔަކީ، ކިތާބީ ހެއްކެވެ. މިއީ މައްސަލައިގައި ހިމެނޭ ފަރާތަކުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާ، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ހެކިކޮށްދޭ ލިޔުމެވެ. ނުވަތަ ލިޔުމެއްގެ މާނައިގެ ތެރޭގައި ހިމެނޭ އެފަދަ އެއްޗެކެވެ. ތިން ބަޔަކީ، މާއްދީ ހެއްކެވެ. މިއީ ކަމެއް ސާބިތު ކުރުމުގެ ގޮތުން ހުށަހަޅާ މާއްދީ ތަކެއްޗެވެ. މިސާލަކަށް ޙަމަލާދިނުމަށް ބޭނުން ކުރި އާލާތެކެވެ.


        ޒަމާން ބަދަލުވެ ކުރިއަރާ ގޮސްފައިވާ ގޮތުން އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ގާތްގަނޑަކަށް ޑިޖިޓަލްވެ އިންޓަރނެޓާއި ގުޅުންހުރި ކޮންމެވެސް ވަސީލަތެއް ބޭނުން ނުކޮށް ކަމެއް ނުކުރެވޭ ވަރަށް އެ ވަސީލަތްތަކާއި ގުޅި ލާމެހިއްޖެއެވެ. އަޅުގަނޑުމެން ބޭނުންކުރާ އިލެކްޓްރޯނިކް ޑިވައިސްތަކުން އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް، އަޅުގަނޑުމެން ދާ ހުރިހާ ތަނެއް، އަޅުގަނޑުމެން ޚަރަދުކުރާ އެއްޗެއް، އަޅުގަނޑުމެން ބުނާ އެއްޗެއް، އަދި އަޅުގަނޑުމެންގެ ސިފަ ރެކޯޑުކޮށް ރައްކާ ކުރަމުން އެބަދެއެވެ. މިވަރަށް އިލެކްޓްރޯނިކް ޑިވައިސްތަކަށް ބަރޯސާވާން ޖެހިފައިވާތީ އެ ޑިވައިސްތަކުން ރައްކައު ކުރެވޭ މަޢުލޫމާތު ތައް މިވަނީ އަގުހުރި އެއްޗަކަށް އަދި ނުހަނު ބޭނުން ތެރި އެއްޗެކަށްވެފައެވެ. މީގެ ބައެއް މިސާލުތަކަކީ، ޖީޕީއެސް، ސީސީޓީވީ، އީމެއިލް، ސޯޝަލް މީޑިއާ ޕޯސްޓް/މެސެޖް، ވީޑިއޯ، ފޮޓޯ، އޯޑިއޯ، ޓެކްސްޓް މެސެޖް، ކޮމްޕިއުޓަރ ރެކޯޑްސް، އިންޓަރނެޓް ބްރައުޒަރ ހިސްޓްރީ، ކޮމްޕިއުޓަރ ހާޑް ޑްރައިވް، އިލެކްޓްރޯނިކް ޑޯރ އެކްސެސް ލޮގްސް، އޭޓީއެމް ރެކޯޑްސް، އޮޓޮމެޓިކް ނަމްބަރ ޕްލޭޓް ރިކޮގްނިޝަން، ފޯނު ރެކޯޑްސް ފަދަ ތަކެތިން ނެގޭ ޑާޓާ ތަކެވެ.  


         ކުރިން މިބުނެވުނު ސަބަބަށްޓަކައި،އިލެކްޓްރޯނިކް ވަސީލަތްތަކުން އެއްކުރެވޭ ޑާޓާތައް އެއީ ސާބިތު ކުރުމުގެ ވަސީލަތްތަކުގެ ތެރެއަށް އިތުރު ކުރެވުނު އައު ބޮޅަކަށް މިވަނީ ވެފައެވެ. އިލެކްޓްރޯނިކް ވަސީލަތްތަކުން އެއްކުރެވޭ އެފަދަ ޑާޓާތަކުގެ މުހިއްމުކަމަށްޓަކައި އަދި ބޭނުންތެރިކަމަށްޓަކައި އިލެކްޓްރޯނިކް ހެކި އެއީ ސާބިތު ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރެވޭ 4 ވަނަ ބާވަތުގެ ވަސީލަތެއް ކަމުގައި ބައެއް ގައުމުތަކުގެ ޤާނޫނުތަކުގައި ބަލައިގަންނަންވެސް ފަށާފައިވެއެވެ.

 

       އިލެކްޓްރޯނިކް ހެކީގެ މައްޗަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައި އޮތްކަން ވަޒަންކުރެވިގެން އަދި އެބާވަތުގެ ހެއްކަށް ފުރިހަމަ ޤާނޫނީ ބާރެއް ދިނުމުގެ ބޭނުމުގައި އިލެކްޓްރޯނިކް ހެކި ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގަތުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް އަލަށް ޢަމަލުކުރަންފަށާ ހެއްކާބެހޭ ޤާނޫނުން ދިވެހިރާއްޖެއަށް ތަޢާރަފް ކޮށްދީފައިވެއެވެ. އެ ގޮތުން އެ ޤާނޫނުގެ 64 ވަނަ މާއްދާއިން ފެށިގެން 67 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި، އިލެކްޓޯނިކް ހެއްކަކީ ކޮބައިކަމާއި އިލެކްޓްރޯނިކް ހެކި ޝަރީޢަތަށް ޤަބޫލުކުރާނެ ގޮތްތަކަކީ ކޮބައިކަމާއި، އިލެކްޓްރޯނިކް ހެކީގެ ސައްޙަކަން ސާބިތުކޮށްދޭނެ ގޮތާއި، އެފަދަ ހެކިތަކަށް ދޭނެ ބުރަދަނަކީ ކޮބައިކަން ފަދަ ތަފްސީލުތަކެއް ބުނެދީފައިވެއެވެ.

 

       އިލެކްޓްރޯނިކް ހެއްކަކީވެސް އެހެން ހެކިތައް ފަދައިން ކޯޓުތަކުން ބަލައިގަންނަންޖެހޭ ހެކި ކަމުގައި ބުނެދެމުން ދިވެހިރާއްޖޭގެ ހެއްކާބެހޭ ޤާނޫނުގައި ބުނަނީ، ވަކި ހެއްކަކީ އިލެކްޓްރޯނިކް ހެއްކެއްކަމުގައި ވެގެން ހަމައެކަނި އެ ސަބަބަށްޓަކައި އެ އެއްޗެއް ހެކީގެ ގޮތުގައި ބަލައިނުގަތުމަކީ، މަޤުބޫލު ސަބަބެއް ނޫންކަމުގައެވެ.[1] އިލެކްޓްރޯނިކް ހެއްކާ ގުޅޭގޮތުން ހެއްކާބެހޭ ޤާނޫނުގައި ހުރި އިތުރު ތަފްސީލު ތަކުގެ މައްޗަށް ބަލާއިރު އިލެކްޓްރޯނިކް ހެކި އެއީ ކޯޓަށް ހުށަހެޅޭ އެހެންވެސް ހެކިތައް ބަލައިގަތުމުގައި ވަޒަން ކުރަންޖެހޭ މިންގަނޑުތައް ކަމުގައިވާ، އެ ހެކި އެއީ ބަލައިގަނެވޭ، ސައްޙަ މަގުން ހޯދާފައިވާ، ފުރިހަމަ، އިތުބާރުކުރެވޭ މިންގަނޑުން ހޯދައި ފުރިހަމަކޮށްފައިވާ ހެކިތަކެއް ނޫންކަމުގައިވަނީނަމަ އެ ހެކިތަކުގެ މައްޗަށް ޗެލެންޖު ކުރުމަކީ ޚަޞްމުންނަށް އޮންނާނެ ފުރުޞަތެއްކަމުގައި ބުނެދީފައިވެއެވެ. އަދި މި ހެކިތަކަށް ކޯޓުގައި ޗެލެންޖު ކުރެވޭނެ ހަމަތަކެއްވެސް ހެއްކާބެހޭ ޤާނޫނުގައި ބުނެދީފައިވެއެވެ.

 

        ޝަރީޢަތަށް ހުށަހެޅޭ އެހެނިހެން ބާވަތްތަކުގެ ހެކިތަކާއި ޚިލާފަށް މިފަދަ ހެކިތަކުން ކަމެއް ސާބިތު ކުރުމުގައިވެސް އަދި ދިފާޢުގައި ބޭނުން ކުރުމުގައިވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ އިލެކްޓްރޯނިކް ޑިވައިސްތަކުން ނެގޭ ޑާޓާތައް އެއްކުރެވޭ ގޮތާއި ރައްކާކުރެވިފައިވާ ގޮތާއި މެދު އޮންނަ އިތުބާރު ސާބިތު ކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުމެވެ. މިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ހޯދައި ދިނުމުގެ ގޮތުން ހެއްކާބެހޭ ޤާނޫނުގައި ވަނީ، އިލެކްޓްރޯނިކް ހެކީގެ ސައްޙަކަން ކަށަވަރުކޮށްދިނުމަށް ކޯޓަށް ހުށަހެޅިދާނެ ގޮތްތަކެއް ބުނެދީފައެވެ.[2]


        އަލަށް ޢަމަލުކުރަން ފަށާ ހެއްކާބެހޭ ޤާނޫނުގައި އިލެކްޓްރޯނިކް ހެކި އެއީ ކަމެއް ސާބިތު ކުރުމުގައިވެސް އަދި ދިފާޢުގެ ބޭނުމަށްޓަކައިވެސް ބޭނުންކުރެވިދާނެ ވަސީލަތެއްކަމުގައި ބަލައިގަނެ އެފަދަ ހެކި ބަލައިގަންނާނެ އިޖުރާއާތުތަކެއް ކަނޑައެޅިފައި އޮތް އޮތުން އެއީ ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. ޒަމާން ބަދަލުވެ ކުރިއަރައި އިލެކްޓްރޯނިކް ވަސީލަތްތަކުގެ މައްޗަށް މީހުން ބަރޯސާވެފައިވާ މިންވަރުގެ މައްޗަށް ބަލާއިރު ކުރިއަށް އަންނަން އޮތް ދުވަސްތަކުގައި ކޯޓުތަކުން ބަލައިގަންނަންޖެހޭ ހަމައެކަނި ބާވަތުގެ ހެއްކަކީ ހަމައެކަނި އިލެކްޓްރޯނިކް ހެކިތައްކަމުގައި ވުމަކީ ހަމަ ވެދާނެ ގޮތެކެވެ. ކަމެއް ސާބިތު ކުރުމުގައި ނުވަތަ ދިފާޢު ބިނާކުރުމުގައި އިލެކްޓްރޯނިކް ހެކި ނޫން އެހެން ބާވަތެއްގެ ހެކި ނުލިބޭނެ ޙާލަތު ތަކެއްވެސް ކުރިއަށް އޮތް ތަނުގައި ކުރިމަތި ވުމަކީ ކުރިމަތި ވެދާނެކަމެއްކަން ވާރޗުއަލް ރިއަލިޓީ ގެ އެކި ޕްލެޓްފޯމް ތަކުގައި ކަން ހިނގާގޮތުން ސާފުވާނެއެވެ. އެފަދަ ޕްލެޓް ފޯމްތަކަކީ، ޚިޔާލީ ދުނިޔެއެއްގެ ގޮތުގައި ބެލުނު ނަމަވެސް އެ ދުނިޔޭގައިވެސް ކުށްކުރުމާއި،މަދަނީ އެކި ބާވަތް ބާވަތުގެ މުޢާމަލާތްތަކެއް ކުރެވެމުންދާކަން އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ. އެފަދަ ޚިޔާލީ ދުނިޔެއެއްގައި ކުރެވޭ މުޢާމަލާތްތަކުގެ މައްޗަށް ޝަފަހީ ހެއްކެއް ނުވަތަ ކިތާބީ ހެއްކެއް ހޯދޭނެ ގޮތަކީ ވުން ދުރު ގޮތެކެވެ. އެތަނުގައި ހިނގިކަމެއް ސާބިތު ކުރެވޭނެ ނުވަތަ ދިފާޢުގައި ގެނެވެން އޮންނާނެ ހަމަ އެކަނި ހެއްކަކަށް ވާނީ ކޮންމެވެސް ބާވަތެއްގެ އިލެކްޓްރޯނިކް ހެއްކެކެވެ.

 

      އިލެކްޓްރޯނިކް ހެކި މުހިއްމު ވަނީ ހަމައެކަނި ޖިނާއީ ކުށްތައް ސާބިތު ކުރުމަށް ނުވަތަ އެފަދަ ކުށްތަކުގެ ދިފާޢު ބިނާކުރުމުގައި އެކަންޏެއް ނޫނެވެ. މަދަނީ މުޢާމަލާތްތައް މިހާރު ހިނގާގޮތަށް ބަލާއިރު، މަދަނީ މުޢާމަލާތެއް ހިނގިކަން ސާބިތު ކުރުމަށް ނުވަތަ ދިފާޢުއެއް ސާބިތު ކުރުމަށް އިލެކްޓްރޯނިކް ހެކީގެ މައްޗަށް ބަރޯސާވާ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރު ވެފައެވެ. ހަމައެއާއި އެކު ޢާއްމުކޮށް މީހުންނަށް ނުފެންނަ ތަންތަނުގައި ކުރެވޭ ޢާއިލީ ކުށްތަކާއި ޢާއިލީ އެހެނިހެން މައްސަލަތަކާއި ގެވެށި އަނިޔާފަދަ މައްސަލަތައް ސާބިތުކުރުމުގައިވެސް އިލެކްޓްރޯނިކް ހެކި އެއީ މުހިއްމު ދައުރެއް އަދާކުރާ ބާވަތުގެ ހެއްކެއްކަމުގައި ވެއެވެ،

 

      ހެއްކާބެހޭ ޤާނޫނުން އިލެކްޓްރޯނިކް ހެކި ތަޢާރަފްކޮށްފައި އޮތް އޮތުމުގެ މަޤްސަދު ޙާޞިލުވާކަން ނުވަތަ ނޫންކަން އެނގޭނީ މައްސަލަތައް ތަޙްޤީޤު ކުރާ ފަރާތްތަކުންނާއި، މައްސަލަތައް ކޯޓުތަކަށް ހުށަހަޅާ ފަރާތްތަކުން މިފަދަ ހެކިތަކުގެ މައްޗަށް ބަރޯސާވާ މިންވަރު އިތުރުކުރެވޭ ކުރުމުގެ މައްޗަށެވެ. ކޯޓުގައި ކަމެއް ސާބިތު ކުރާ ފަރާތްތަކުންނާއި ދިފާޢު ބިނާކުރާ ފަރާތްތަކުންވެސް މިފަދަ ހެކިތަކުގެ މައްޗަށް ދޭ އަހަމިއްޔަތުގެ މައްޗަށެވެ. ހަމަ އެގޮތަށް މައްސަލަ ބައްލަވާ ފަނޑިޔާރުންވެސް މިފަދަ ހެކިތަކުގެ މައްޗަށް ރިޢާޔަތް ކުރެވޭ ގޮތުގެ މައްޗަށެވެ.

 

  


[1] ހެއްކާބެހޭ ޤާނޫނުގެ 65 ގެ (ށ)

[2] ހެއްކާބެހޭ ޤާނޫނުގެ 66 ގެ (ށ)