"މީހެއްގެ މައްޗަށް ނިޔާއެއް ކަނޑައެޅުމަކީ، އެ ނިޔާގައި ޝާމިލުވާ އެންމެހާ ފަރާތްތަކުގެ ހިތްހަމަ ޖައްސައިދެވޭނެ ގޮތަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި، ނިޔާ ކަނޑައެޅުމުގެ މަސައްކަތަކީ، މީހުން މުނިފޫހި ފިލުވުމުގެ ގޮތުން ހިންގޭ ޙަރަކާތެއް ނޫންކަމުން ޤާޟީއަކު ކަނޑައަޅައި ނިޔާއަކަށްފަހު އެ ކަމުގައި ޝާމިލުވާ އެންމެން އަތްޖަހައި ޤާޟީއަށް ތަރުޙީބުދީ ނުހަދާނެކަމަށާއި، ޤާޟީއަކު ކިތަންމެ އިންސާފުވެރި ޙުކުމެއް ކުރިނަމަވެސް އެޙުކުމަށް ތާއީދުކޮށް އެވާހަކަ ދައްކާނީ މަދުބައެއް، މަދުފަހަރެއްގައި ކަމަށާއި ޤާޟީގެ ނިޔާގައި އަބަދުވެސް ދެ ޚަސްމުން ޝާމިލުވެ ތިބޭއިރު އެއިގެ ތެރެއިން ކާމިޔާބު ލިބޭނީ އެންމެ ޚަޞްމަކަށް ކަމުން މައްސަލަ ނާކާމިޔާބުވި ޚަޞްމުގެ ނަޒަރުގައި ޤާޟީ ކުރި ޙުކުމަކީ އިންސާފުން ކުރި ޙުކުމެއްކަމަށް ޤަބޫލުކުރަން އުނދަގޫވާނެކަމަށާއި ހަމައެގޮތަށް ޤާޟީއަކު ކުރާ ޙުކުމެއްގެ ސަބަބުން އަދަބެއްލިބޭ ފަރާތަކަށް ނުވަތަ މީހެއްގެ ޙައްޤެއް އަނބުރާ އޭގެ ޙައްޤުވެރިޔާއަށް ރައްދުކުރުމަށް އެންގޭ ފަރާތަކުން އޭނާއަށް ޤާޟީގެ ފަރާތުން އެ ލިބުނީ އަނިޔާކަމުގައި ދެކޭނެ ކަމަށާއި ޙުކުމް ކުރުމަށްފަހު ޤާޟީ އެކަނިވާނެ ކަމަށާއި ޤާޟީއާއެކު ހުންނާނީ ޤާޟީގެ އަމިއްލަ ނަފްސުކަމަށާއި، މިޔައެއްނެތް ވަޅިއަކުން ކަތިލެވޭބަޔަކު ކަމުގައި ޤާޟީން ވާނެކަމަށް ބުނެވެނީ އެހެންވެގެން ކަމަށް" ބުނެ ފަނޑިޔާރުކަމުގައި އަޅުގަނޑު އުޅުނު ދުވަސްވަރު ގާތް އެކުވެރިއަކު އަބަދުވެސް ފާހަގަކުރާ ކުރުމެއް އޮވެއެވެ.
އަޅުގަނޑުގެ އެކުވެރިޔާ އެ ފާހަގަ ކުރި ގޮތަށް، އިންސާފަކީ ވަރަށް ނިސްބީ ކަމެކެވެ. ގިނަ ފަހަރު މީހަކަށް އިންސާފު ލިބުނުކަމަށް ޤަބޫލުކުރާނީ އެ މީހަކު ހިތް އެދޭގޮތަށް އެ މީހަކަށް ފަހިވާ ގޮތަށް ޤާޟީގެ ނިޔާ އައުމުން އެކަންޏެވެ. ހިތް ނޭދޭ ގޮތަށް އަންނަ ނިޔާ އަބަދުވެސް ވާނީ އެ މީހެއްގެ ނަޒަރުގައި ނާއިންސާފެއްކަމުގައެވެ. އަނިޔާއެއް ކަމުގައެވެ. މިހެންކަމުން ބައެއް މީހުންގެ ގާތުގައި އިންސާފާއި ނާއިންސާފު ވަކިކޮށްދޭ ތަރާދަކަށްވާނީ ޤާޟީގެ ނިޔާއިން ތިމާ މީހާއަށް ލިބުނު ނަތީޖާއެކެވެ. ޤާޟީންގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތަކުގައި އަބަދުވެސް ދެ ޚަޞްމުން ދެކޮޅުގައި ތިބޭތީ އެއިގެތެރެއިން އިންސާފު (އެމީހަކު ޤަބޫލުކުރާ އިންސާފު) ލިބޭނީ އަބަދުވެސް އެކަކަށެވެ. މިހެންކަމުން ޤާޟީއަކު ނިޔާ އިއްވާ ކޮންމެ ފަހަރެއްގައި އެ ނިޔާ އިއްވި ޤާޟީއާ މެދު ނަފުރަތުގެ ނަޒަރުން ބަލާނެ މީހަކު ކޮންމެ މައްސަލައަކާއެކުވެސް އުފެދިގެންދާނެއެވެ. އަދި އެ މީހެއްގެ ނަޒަރުގައި ޤާޟީ އިއްވި ނިޔާ އިންސާފުވެރި ނުވުމުން ޤާޟީއާމެދު ނުބައި ތަސައްވުރެއް ދިނުމަށްޓަކައި އަދި ނުބައި ހީތަކެއް މީހުންގެ މެދުގައި ފެތުރުމަށްޓަކައި ޤާޟީ އޭ ކިޔައިގެން ބައެއް ބާވަތުގެ އަޑުތައް ފަތުރައެވެ. އެއިގެ ތެރެއިން ގިނައަޑުތަކަކީ ޙަޤީޤަތެއް ނޫންނަމަވެސް އެފަދައިން "ނާއިންސާފު" ލިބިފައިވާކަމަށް ބުނާ މީހުން ދައްކާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް އިތުރުވަމުން ދާނަމަ ނިޔާ ކަނޑައަޅަންތިބޭ ޤާޟީންނާމެދު މީހުންދެކޭގޮތް ބަދަލުވުމަކީ ހަމަ ވެދާނެ ގޮތެކެވެ.
ޤާޟީންނަށް ހަޖޫ ޖެހުމާއި ޤާޟީންގެ އަބުރު ކަތިލުމަށް މަސައްކަތް ކުރުމަކީ ކޮންމެވެސް އެއްބަޔަކު އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ކުރާނެވެސް ކަމެކެވެ. ޤާޟީންނާއި ދިމާކޮށްލުމަށްޓަކައި ބައެއް މީހުން ބުނާ މަޝްހޫރު އެއް ބުނުމެއް އޮވެއެވެ. އެ ބުނުމަކީ " ތިޔައިގެ ކޮންމެ ތިން މީހުންގެ ތެރެއިން ދެ މީހުން ދާނީ ނަރަކައަށް ކަމަށާއި ސުވަރުގެއަށް ދެވެން އޮތީ އެންމެ މީހަކަށް ކަމަށެވެ. މި ބުނުން ޤާޟީންނަށް ރައްދުކުރާ މީހުން ޙަވާލާދެނީ އެފަދަ ގޮތަކަށް ބުނެފައި އޮންނަ ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅެއް އޮންނަ ކަމަށް ބުނެއެވެ.
3 ޤާޟީންގެ ތެރެއިން 2 ޤާޟީން ނަރަކައަށް ދާނެކަމަށްބުނެ އަދި ޤާޟީކަން ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ބުނާ މީހުން އެ ޙަވާލާދޭ ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅުގައި އޮންނަނީ އަންނަނިވި ޢިބާރާތެވެ.عَنْ بُرَيْدَة أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: الْقُضَاةُ ثَلَاثَةٌ قَاضِيَانِ فِي النَّارِ وَقَاضٍ فِي الْجَنَّةِ رَجُلٌ قَضَى بِغَيْرِ الْحَقِّ فَعَلِمَ ذَاكَ فَذَاكَ فِي النَّارِ وَقَاضٍ لَا يَعْلَمُ فَأَهْلَكَ حُقُوقَ النَّاسِ فَهُوَ فِي النَّارِ وَقَاضٍ قَضَى بِالْحَقِّ فَذَلِكَ فِي الْجَنَّةِ [1] މި ޙަދީސް ބަސްފުޅުގެ މާނައަކީ "ޤާޟީން ބެހިގެންދަނީ ތިން ބަޔަކަށެވެ. އޭގެތެރެއިން ދެބައި ނަރަކަޔަށެވެ. އެއްބަޔަކު ސުވަރުގެއަށެވެ. ޙައްޤު އެނގުމަށްފަހު އޭނާގެ ހުކުމްގައި އެހެންމީހުންނަށް އަނިޔާވެރިވި މީހުންވަނީ ނަރަކައިގައެވެ. އަދި ހަމައެފަދައިން ޖާހިލު ކަމާއެކު (ޢިލްމާއި ނުލައި) މީސްތަކުންގެ މެދުގައި ޙުކުމްކުރި ޤާޟީވެސް ވަނީ ނަރަކައިގައެވެ. ސުވަރުގޭގައި ވާނީ ޙައްޤު އެނގުމަށްފަހު އެއާއި އެއްގޮތަށް ޙުކުމް ކުރި ޤާޟީއެވެ.
މިޙަދީސް ބަސްފުޅުގެ ފުން މާނައަށް ނުގޮސް މި ޙަދީސް ބަސްފުޅުގެ މާނައެއް ކަމަށް ބައެއް މީހުންނަށް ވިސްނިފައި އޮންނަ މާނައަކީ، ކޯޓެއްގައި ތިބޭ ޤާޟީންގެ ނިސްބަތަށް ބަލައިގެން އެއިގެ ކޮންމެ ތިން ޤާޟީންގެ ތެރެއިން ދެ ޤާޟީން ނަރަކައަށް ގެންދެވޭނެކަމާއި ބާކީ އޮންނަ ނިސްބަތުގެ ތެރެއިން ސުވަރުގެއަށް ދެވެން އޮންނަނީ އެންމެ މީހަކަށް ކަމުގައެވެ. އެހެންނަމަވެސް އެ މާނަކުރުމަކީ ގޯސް މާނަކުރުމެއްކަން މި ޙަދީސް ބަސްފުޅުގައިވާ ޢިބާރާތަށް ބެލުމުން އެނގޭނެއެވެ. މި ޙަދީސް ބަސްފުޅުގެ މުރާދަކީ، ކޯޓެއްގައި ނުވަތަ ރަށެއްގައި ތިބޭ ޤާޟީންގެ ނިސްބަތަށް ބަހައިލައިގެން އެއިގެ ކޮންމެ 3 ޤާޟީއަކުން 2 ޤާޟީން ނަރަކައަށް ފޮނުވޭނެ ވާހަކައެއް ނޫނެވެ. ޙަދީސް ބަސްފުޅުގައި އެވަނީ، ޤާޟީން، ޤާޟީކަން ކުރުމުގައި ޢަމަލުކުރާ ގޮތުގައި 3 ގޮތަކަށް ޢަމަލުކުރާ ޤާޟީން ތިބޭކަމާއި އެއިގެ ތެރެއިން ދެ ގޮތަކީ ރަނގަޅު ގޮތެއް ނޫންކަމާއި އެ ދެގޮތަށް ޢަމަލުކުރާ ފަރާތްތަކަކީ ނަރައިކައިގެ އަހުލުވެރިން ކަމުގައި ބުނާ ބުނުމެވެ. ކީރިތި ރަސޫލާގެ ބުނެވުނު ޙަދީސް ބަސްފުޅަށް ބެލުމުން މައިގަނޑު ދެ ތިން ކަމެއް އަޅުގަނޑަށް ފާހަގަވެއެވެ. އެގޮތުން؛
ފުރަތަމަ ކަމަކަށް، ކީރިތި ރަސޫލާގެ މި ޙަދީސް ބަސްފުޅުގެ ޢިބާރާތުގައި "ޤާޟީން" މި ލަފްޒު ބޭނުންކޮށްފައިވީނަމަވެސް އެއީ ނަމުން ޤާޟީންނޭ ކިޔޭ މީހުންނަށް އެކަނި ރައްދުވާ ޙަދީސް ބަސްފުޅެއް ނޫންކަމާއި، މީހުންގެ މެދުގައި އުފެދޭ ޚުޞޫމާތެއްގައި ނުވަތަ ކަމެއްގައި ނިޔާ ކަނޑައަޅައި އެންމެހައި ފަރާތްތަކުގެ މައްޗަށް އެ ޙަދީސް ބަސްފުޅު ގައި ބުނެފައިވާ ބުނުން ރައްދުކުރެވިދާނެ ކަމަށް ބަލަންޖެހެއެވެ. ޙައްޤު އެނގިހުރެ ނުޙައްޤުން މީހަކަށް އަނިޔާއެއް ދޭ މީހުންނާއި، ކަމުގެ ޢިލްމެއްނެތި މީހަކަށް ނިޔާއެއް ނުވަތަ މީހެއްގެ މައްޗަށް ކަމެއް ލާޒިމް ކުރާ މީހަކަށްވެސް މި ހަދީސް ބަސްފުޅުގައި ބުނާ ބުނުން ރައްދު ކުރެވެން އެބައޮތެވެ. މިހެންކަމުން މިއީ ހަމައެކަނި ނަމުގައި "ޤާޟީން" މި ގޮތަށް މުޚާތަބުކުރެވޭ ފަރާތްތަކަށް ރައްދުކުރެވެން އޮންނަ ޙަދީސް ބަސްފުޅެއްކަމުގައި ބަލައިގެން އެހެން މީހުންގެ މައްޗަށް ނިޔާއެއް ކަނޑައަޅާ މަޤާމުތަކުގައި ތިބި "ޤާޟީން" ނޫން އެހެން މީހުން މި ޙަދީސް ބަސްފުޅުގައި އެ ބުނާ ބުނުމުން ސަލާމަތްކަން ލިބޭ ޙުއްޖަތެއް ކަމުގައި ބެލެވޭކަށް ނެތެވެ.
ދެވަނަކަމަކަށް،މިޙަދީސް ބަސްފުޅު ގިނަފަހަރަށް މީހުން ބޭނުންކުރަނީ ޤާޟީންނަށް އޮތް ނުރައްކަލުގެ ވާހަކަ ދެއްކުމަށް ކަމުގައިވީ ނަމަވެސް މި ޙަދީސް ބަސްފުޅުގައި އެ އޮންނަ ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ޤާޟީން ހިމެނޭކަމަށް އެ އޮންނަ އޮތުމަކީ މީހުން އެކަން މާބޮޑަށް ފާހަގަ ކުރާ ކަމެއް ނޫނެވެ. ކުރާ މަސައްކަތުގެ ތެރެއިން ނުވަތަ އަދާ ކުރާ ވަޒީފާގެ ތެރެއިން ސުވަރުގެއަށް ދެވޭނެ ބާވަތުގެ ކަމެއް ފާހަގަކޮށްފައިވަނީ ވަރަށް މަދު ބާވަތެއްގެ ކަމެއްގައެވެ. މިހެންކަމުން ބަޙުސްގެ ބޭނުމަށްޓަކައި މި ޙަދީސް ބަސްފުޅު ރައްދުކުރެވެނީ ހަމަ އެކަނި ޤާޟީ ކަމުގައި ތިބެ ނިޔާ ކަނޑައަޅާ ފަރާތްތަކަށް ކަމުގައި ބެލެވުނުނަމަވެސް މިއީ ޤާޟީކަން ކުރާ ފަރާތްތަކަށް އޮތް އުފާވެރި ޚަބަރުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ތިން ޤާޟީންގެ ތެރެއިން 2 ޤާޟީން ނަރަކައަށް ދާނެކަމަށްބުނެ ޤާޟީންނާއި ދިމާކުރުމުގެ އެބަސް ޤާޟީންނަށް ރައްދުކުރާ ފަރާތްތަކަށް ދެވެން އޮތް ރައްދަކީ، އެފަދައިން ބުނާ މީހެއްގެ މަޤާމުގެ ވާހަކަ މި ޙަދީސް ބަސްފުޅުގައި ގެނެސްފައި ނެތަތީ ދެން އެ މީހަކީ ސުވަރުގެއަށް ދެވެން ނެތް މީހަކު ކަމުގައި ބެލުން ހެއްޔެވެ؟
ތިންވަނަކަމަކަށް؛ މަޤާމުގެ ގޮތުން ޤާޟީކަމަކީ ނުވަތަ މީހުންގެ މެދުގައި ނިޔާ ކަނޑައެޅުމަކީ، ރަސޫލު ބޭކަލުން އަދި ނަބީ ބޭކަލުންވެސް ކުރައްވާފައިވާ މަތިވެރި އަދި ޤަދަރުވެރި މަޤާމެކެވެ. ޢަދުލުވެރިކަމާއެކު ޙައްޤަށް ޙުކުމްކުރުމަކީ މީސްތަކުގެ މެދުގައި ޙައްޤުތައް ރައްކާތެރިކޮށްދީ އަނިޔާވެރިކަމާއި ޢަދާވަތްތެރިކަން ޙިމާޔަތްކޮށް ދިފާޢުކޮށްދޭ ކަމެކެވެ. ޤާޟީކަން އެއިގެ ފުރިހަމަ ގޮތުގައި އަދި އެކަމުގެ ޢިލްމު ލިބި ހުރެ ކުރުން އެއީ މުޅި އިންސާނިއްޔަށް ކޮށްދެވޭ އެންމެ އަގު ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. އެހެންކަމުން އެއީ އެކަން ރަނގަޅުގޮތުގައި ކުރެވެން އޮތްނަމަ ކުރަން ހެޔޮ ނުވާ ވަރުގެ ކަމެއް ނޫނެވެ.
[1] سنن الترمذي كتاب الأحكام باب ما جاء في القاضي 1322