މަރުގެ މައްސަލަތައް ސާބިތުކުރެވޭނެ ހަމައެކަނި ގޮތަކީ ދެ ފިރިހެނުންގެ ހެކިބަސް ކަމަށްވުން

ޖިނާއީ މައްސަލައެއް ސާބިތުވުމަށްޓަކައި ހެކިލިބޭ ގޮތްތަކުގެ މައްޗަށް ބަލާއިރު އެއިގެ ތެރެއިން އެއް ގޮތަކީ، ސާބިތުކުރުމަށް ބޭނުންވާކަމެއް ނުވަތަ ޙާދިސާއެއް ހިނގާފައިވާކަމުގެ މައްޗަށް ސީދާ ދަލީލު ލިބޭ ހެކި ހުރުމެވެ. މިސާލަކަށް، ކުށެއް ކުރަނިކޮށް ލޮލަށް ފެންނަ ހެކިން ތިބުމެވެ. ނުވަތަ ކުށްކުރިކަމަށް އިޢުތިރާފުވުމެވެ. ދެވަނަ ގޮތަކީ، ކުށެއް ކުރަނިކޮށް ލޮލަށް ފެނުނު ހެކިން ނެތް ނަމަވެސް ޙާދިސާ ހިނގާދިޔަ ކަމުގެ މައްޗަށް ނުސީދާކޮށް ދަލީލު ލިބޭ ހެކި ހުރުމެވެ. މިފަދަ ހެކީގެ މިސާލަކީ، ސައިންޓިފިކް ހެކި އަދި ޤަރީނާތަކެވެ.

ބައެއް ބާވަތުގެ ކުށްތަކަކީ، އެ ކުށްތައް ކުރާ ގޮތުގެ މައްޗަށް ބަލާއިރު އެންމެންގެ ތެރޭގައި އެންމެންނަށް ފެންނަގޮތަށް ކުރެވޭ ކުށްކުށެއް ނޫނެވެ. މިހެންކަމުން، އެފަދަ ކުށެއް ކުރަނިކޮށް ކޮންމެ ފަހަރަކު މީހެއްގެ ލޮލަށް ނުފެނުނަކީ ކަން ހިނގާފާނެ ގޮތެކެވެ. ވަކިން ޚާއްސަކޮށް، ރާވައިގެން ހިންގޭ ބޮޑެތި ޖަރީމާތަކުގެ ތެރެއިން މީހުން މެރުންފަދަ ކުށްތަކާއި، ކުޑަކުދިންނަށް ކުރެވޭ ޖިންސީ އަނިޔާއާއި، ގެވެށި އަނިޔާފަދަ ކުށްކުށަކީ އެފަދަ ކުށެއް ކުރާތަން އެންމެންނަށް ފެންނަ ގޮތަށް ހާމަ ތަންތަނުގައި ކުރެވޭ ކުށްކުށެއް ނޫނެވެ. ކުށްކުރަނިކޮށް ލޮލަށް ފެންނަ ހެކިން ލިބެން ނެތުމުން މިފަދަ ކުށްތައް ސާބިތުކުރުމުގައި އުފުލަންޖެހޭ ބުރަވެސް ބޮޑެވެ.

މިސަބަބަށްޓަކައި، މިފަދަ މައްސަލަ ސާބިތުކުރުމުގައި ބޭނުންވާ ހެކީގެ މިންގަނޑަށް ކޮންމެވެސް މިންވަރެއްގެ ލުއިތަކެއް ޤާނޫނުތަކުން ދީފައިވާތީ ފެންނަ ހުއްޓެވެ. މިސާލަކަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި، އެބާވަތުގެ މައްސަލަތައް ސާބިތު ކުރުމަށްޓަކައި ދެވިފައިވާ ހެކީގެ ލުއި މިންގަނޑާއި[1] ޖިންސީކުށުގެ ޤާނޫނުގައި ބުނާ ރޭޕްގެ ކުށާއި ޖިންސީ އަނިޔާގެ ކުށާއި ޖިންސީ ގޯނާގެ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑަށް ލުއިތަކެއް ދެވިފައިވާކަން އެނގެން އެބައޮތެވެ..[2] އެ ބާވަތުގެ މައްސަލަތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ލުއި މިންގަނޑުތަކެއް ތަޢާރަފުކުރަން ޖެހުނު ސަބަބަކީވެސް، އެފަދަ މައްސަލަތައް ސާބިތުވާނީ ވަކިގޮތަކަށް ހެކި ލިބިގެންކަމަށް ކޯޓުތަކުގެ ނިންމުންތަކުގައި ބުނަން ފެށުމުންނެވެ.ކަންހިނގަނިކޮށް ލޮލަށް ފެނުނު ހެކިން ނުތިބޭކަމަށް ބަލައި ޝަރީޢަތަށް ހުށަހެޅޭ ނުސީދާ ހެކިތަކާއި ޤަރީނާތަކަށް އެފަދަ މައްސަލަތަކުގައި ބުރަދަން ނުދެވި އެފަދަ މައްސަލަތައް ސާބިތުކުރުން ބުރައަކަށްވާން ފެށުމެވެ.

18 ޖުލައި 2022 ގައި ތަސްދީޤުކުރެވިފައިވާ އަދި 18 ޖެނުއަރީ 2023 ގައި ޢަމަލުކުރަންފަށާ ދިވެހިރާއްޖޭގެ ހެއްކާބެހޭ ޤާނޫނަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ. އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރެއިން ޒިނޭގެ ކުށް ފިޔަވައި، ޙައްދު ކަނޑައެޅިފައިވާ އެހެން ކުށެއް ނުވަތަ ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރެވޭނީ، 2 (ދޭއް) ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތު ކުރެވޭ ފަރާތުގެ އަމިއްލަ އިޢުތިރާފުން ކަމަށް ބުނެ ގެނެވޭ ބަދަލެވެ.[3] ގެނެވޭ ބަދަލެކޭ މި ބުނަނީ، ޙައްދުގެ މައްސަލަތަކާއި ޤިސާސްގެ މައްސަލަތައް ސާބިތުވުމުގައި، ލޮލަށް ފެންނަ ހެކިން ނެތް ނަމަވެސް ސާބިތު ކުރުމަށްފުދޭ ހަރުދަނާ ޤަރީނާ ހުރިނަމަ އެއީ ސާބިތުވުމަށް ފުދޭ މިންވަރެއްކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުންވެސް ބަލައިގަނެ އެ ގޮތަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން މިހާތަނަށްވެސް ބަލައިގެންފައި އޮތްގޮތަކަށް ވާތީއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޖާޙު[4] ( މަރްޔަމްޝީރީންގެ މަރު މައްސަލަ) އާއި، އެ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި[5] ޤިސާސްގެ މައްސަލަތަކުގައި ލޮލަށް ފެނުނު ހެކިން ނެތްނަމަވެސް ހަރުދަނާ ޤަރީނާތަކުންވެސް އެފަދަ ކުށްތައް ސާބިތުވާނެކަމަށް ކަނޑައަޅާފައި އެބައޮތެވެ. އަދި އެ ދެ ނިންމުމުގައި ޤަރީނާއިން މިފަދަ މައްސަލަ ސާބިތުކުރުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތަކުގެ ތަފްސީލުތަކެއްވެސް ދީފައިވެއެވެ.

ކަން އެގޮތުގައި ވަނިކޮށް،އަލަށް ޢަމަލުކުރަން ފަށާ ހެއްކާބެހޭ ޤާނޫނަށް ގެނެވޭ ކުރިން މި ބުނެވުނު ބަދަލުގެ ނަތީޖާއަކަށްވާނީ، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރެއިން ޒިނޭގެ ކުށްތައް ފިޔަވައި،އެހެން ކުށްތަކާއި،ޤަސްތުގައި މީހުން މެރުމުގެ ކުށްތައް ސާބިތުވާނެ ހަމައެކަނި ގޮތަކީ، ކުށްކުރިކަމަށް ވެވޭ އިޢުތިރާފް ނުވަތަ 2 ފިރިހެނުންގެ ހެކިބަސް ލިބުން ކަމުގައިވުމެވެ. އެފަދަ މައްސަލައެއްގައި ކުށް ކުރިކަމަށްވާ އިޢުތިރާފު އެއީ ނިސްބަތުން މަދު މިންވަރެއް ކަމުން ދެން މިފަދަ މައްސަލަ ސާބިތުކުރެވޭނެ ހަމައެކަނި ގޮތަކަށްވާނީ އެފަދަ މައްސަލައެއް ސާބިތުކުރުމަށް ފިރިހެނުންގެ ތެރެއިން 2 ފިރިހެނުން ހެކިބަސް ހޯދަން ޖެހުމެވެ. އަދި އެ 2 ފިރިހެނުންނަށް ޙާދިސާގެ މަންޒަރު ލޮލަށްވެސް ފެންނަންވެސް ޖެހުމެވެ.

ބުނެވުނު ބަދަލު ޤާނޫނަށް ގެނެވުނު ސަބަބު އެހާ ސާފެއް ނޫނެވެ. މިއީ، އިސްލާމީ ޝަރީޢަތުގައި ކަންއޮތީ އެގޮތަށް ކަމަށް ވިސްނައިގެން ކުރިކަމެއް ނަމަ އެއީ އެންމެ ރަނގަޅު މާނަ ކުރުމެއްކަމުގައި ބުނެވޭކަށް ނެތެވެ. މިއީ، އެފަދަ މައްސަލަތައް ސާބިތުކުރުމަށް ދެވޭ ލުއިމިންގަނޑެއްކަމަށް ވިސްނައިގެން ކުރިކަމެއްނަމަ އެއީވެސް ގޯސް ވިސްނުމެކެވެ. އަދި މިއީ އެފަދަ މައްސަލަތައް ސާބިތު ކުރުމަށް އޮންނަ މިންގަނޑަށް ބުރައެއް ދިނުމުގެ ގޮތުން ކުރި ކަމެއް ނަމަ އެއީ އާދަޔާ ޚިލާފަށް ބޮޑުބުރައެކެވެ. އެފަދަ ބުރައެއްގެ ސަބަބުން އެ ބާވަތުގެ މައްސަލައެއް ސާބިތު ކުރުން އެއީ މުސްތަޙީލު ޙާލަތެއްގައި އޮންނާނެ ކަމަކަށްވާނެތީއެވެ.

ޒިނޭގެ މައްސަލަތައް ފިޔަވައި ޙައްދު ކަނޑައެޅިފައިވާ ކުށެއް އަދި ޤިޞާސް ކަނޑައެޅިފައިވާ ބާވަތުގެ ކުށެއް ސާބިތުކުރުމަށް ވަކި ޢަދަދެއްގެ ވަކި ޖިންސެއްގެ ހެކިން ތިބެން ޖެހޭކަމަށް މާނަ ކުރުމަކީ އެންމެ ރަނގަޅު މާނަ ކުރުމެއް ނޫންކަމަށް ބަޔާންކޮށްދެމުން އަލް އިމާމް އިބްނުލްޤައްޔިމް އެކަލޭގެފާނުގެ ފޮތް اعلام الموقعين ބުނެދީފައިވާ ގޮތުގެ ޚުލާސާއަކީ އަންނަނިވި ގޮތެވެ.

ކަމެއް ސާބިތުވުމުގައި ހެކީގައި ހުންނަންވީ ނިޞާބަކީ ކޮބައިކަން ކީރިތި ޤުރުއާނުގައި ބަޔާންކޮށްދީފައިވަނީ ޖުމްލަ ފަސް ތަނެއްގައެވެ. އެއިގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުކުރުމުގައި ހެކީގެ ނިޞާބު އޮންނަންވީ މިންވަރު ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެނީ އެންމެ 2 ތަނުގައެވެ. އެއީ، ޒިނޭގެ މައްސަލަތައް ސާބިތުވުމަށް ހެކީގެ ނިސްބަތް ހުންނަންޖެހޭކަމަށް ބުނެފައިވާ ދެ އާޔަތް ކަމުގައިވާ ނޫރު ސޫރަތުގެ 13 ވަނަ އާޔަތާއި ނިސާ ސޫރަތުގެ 15 އާޔަތެވެ.

ބުނެވުނު ދެ އާޔަތް ފިޔަވައި، ޖިނާއީ ކުށެއް ސާބިތުކުރުމުގައި ހެކީގައި ހުންނަންވީ ނިޞާބެއް ބަޔާންކޮށްދޭ ޤަތުޢީ ނައްސެއް ކީރިތި ޤުރުއާނުންވެސް އަދި ކީރިތި ރަސޫލާގެ ޙަދީސްފުޅުތަކުގެ މައްޗަށް ބަލާއިރުވެސް ފެންނަން ނެތްކަމަށް އަލް އިމާމް އިބްނުލްޤައްޔިމް ފާހަގަކުރައްވައެވެ. އެ މައުޟޫޢު އިތުރަށް ޝަރަޙަ ކޮށްދެމުން ފާހަގަކުރައްވާފަައިވަނީ "ސާބިތުކުރުމުގެ ބުރައަކީ ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ ބުރައެއްކަމަށާއި ހެކި ދެއްކުން އޮންނަނީ ދަޢުވާކުރާ ފަރާތަށްކަމަށް އޮންނަ ކީރިތި ރަސޫލާގެ މަޝްހޫރު ޙަދީސް ބަސް ފުޅެއް ކަމުގައިވާ البيّنة على المدّعي (އަލް ބައްޔިނާ ޢަލަލް މުއްދަޢީ) މި ޙަދީސް ބަސްފުޅުގައި ވެސް އަދި ކަމެއް ސާބިތުކުރުމުގައި ހެކިދެއްކުމާ ގުޅޭގޮތުން ކީރިތި ރަސޫލާގެ ސަޙާބީންގެ ފަރާތުން ބުނެފައިވާ އެހެން ބުނުންތަކުގައިވެސް، ބޭނުންކުރާ ލަފްޒަކީ البيّنة (އަލް ބައްޔިނާ) މި ލަފްޒެވެ. ޢަރަބި ބަހުގައި البيّنة ގެ ލަފްޒީ މާނައަކީ، ޙައްޤު ބަޔާންކޮށްދޭ ނުވަތަ ޙައްޤު ފާޅުކޮށްދޭ ކޮންމެ ކަމެކެވެ. އެކަން ކީރިތި ޤުރުއާނުގައި البيّنة މި ލަފްޒު ބޭނުންކޮށްފައިވާ މަޤާމްތަކަށް ބެލުމުން އިތުރަށް ޔަޤީންވެއެވެ.

މިގޮތުން البيّنة މިލަފްޒު ކީރިތި ޤުރުއާނުގައި އައިސްފައިވާ އާޔަތްތައް ކަމުގައިވާ ސޫރަތުލް ޙަދީދުގެ 25 ވަނަ އާޔަތާއި، ސޫރަތުއް ނަޙުލުގެ 43،44 ވަނަ އާޔަތާއި، ސޫރަތުލް ބައްޔިނާގެ 4 ވަނަ އާޔަތާއި، ސޫރަތުލް ޢަންޢާމުގެ 57 ވަނަ އާޔަތާއި، ސޫރަތުލް މުޙައްމަދުގެ 14 ވަނަ އާޔަތާއި، ސޫރަތުލް ފާޠިރުގެ 40 ވަނަ އާޔަތާއި، ސޫރަތުލް ޠާހާގެ 133 ވަނަ އާޔަތުގައި البيّنة މި ލަފްޒު އައިސްފައިވާއިރު އެ ލަފްޒު ބޭނުންކުރެވިފައިވާ އާޔަތް މާނަ ކުރުމުގައި البيّنة މިއީ ވަކި ޢަދަދެއްގެ އަދި ވަކި މިންވަރެއްގެ އަދި ވަކި ޖިންސަކަށް ނިސްބަތްކުރެވޭ ގޮތަށް އެ ލަފްޛު ބޭނުން ކުރެވިފައިވާތީއެއް ފެންނާކަށްނެތެވެ.އަދި ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅުތަކުގައި އޮންނަ البيّنة އޭ ބުނެވޭ ބުނުން އެއީ ވަކި ޢަދަދެއްގެ ނުވަތަ ވަކި ޖިންސަކަށް ނިސްބަތްކުރެވޭ ހެކިން ކަމުގައިވެސް ބުނެފައެއް ނުވެއެވެ. ކީރިތި ޤުރުއާނުންނާއި ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅުތަކުން އެފަދަ މާނަކުރުމެއް البيّنة އަށް ދެވިފައިނުވާއިރު ވަކި ބާވަތެއްގެ މައްސަލައެއްގައި ވަކި ޢަދަދަކަށް ނުވަތަ ވަކި ޖިންސެއްގެ ހެކިން ތިބެންޖެހޭކަމަށް ބުނުމަކީ އެންމެ ރަނގަޅު މާނަ ކުރުމެއް ކަމުގައި ނުބެލެވެއެވެ."

އެމައުޟޫޢުގައި އަލްއިމާމް އިބްނުލްޤައްޔިމް އިތުރަށް ވިދާޅުވެފައިވަނީ "މައްސަލަތައް ސާބިތުކުރުމުގައި އޮންނަންޖެހޭކަމަށް ބުނާ البيّنة މި ލަފްޒު ބޭނުންކުރަންޖެހޭނީ އެއިގެ ލަފްޒީ މާނަ ކަމުގައިވާ ޙައްޤު ބަޔާންކޮށްދޭ ނުވަތަ ޙައްޤު ފާޅުކޮށްދޭ ކޮންމެ ކަމެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ސުންނަތުގައި އެލަފްޒު ބޭނުންކޮށްފައިވާ ފުޅާ މާނަ ހަނިކޮށް އެއީ ވަކި ބާވަތެއްގެ ނުވަތަ ވަކި ޖިންސެއްގެ ހެކިތަކެއްކަމަށް ކަނޑައެޅިގެން ނުވާނެއެވެ. ވަކި ގޮތަކަށް ހެކިބަސް ލިބިގެން މެނުވީ ނުވަތަ ވަކި ޖިންސަކަށް ނިސްބަތްވާ މީހެއްގެ ހެކިބަސް ލިބިގެން މެނުވީ ޙައްޤެއް ފާޅުވާން ނެތްކަމަށް ކަނޑައެޅުމަކީ އެތައް ބައެއްގެ ޙައްޤު ގެއްލިގެން ހިނގާދާނެ ކަމެކެވެ. ކުށްކުރާ މީހުން ކުށްކުރުން މަތީގައި ދެމި ތިބޭނެ ކަމެކެވެ. އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ހުރަސް އެޅޭނެ ކަމެކެވެ. އިސްލާމީ ޝަރީޢަތަކީ، މަސްލަޙަތަށް އިސްކަންދޭ ޝަރީޢަތެކެވެ. މަސްލަޙަތު ޤާއިމުކުރަން ގޮވާލައި ޝަރީޢަތެކެވެ.މަސްލަޙަތުތައް ގެއްލޭގޮތަށް ފަސާދައަށް މަގު ހުޅުވޭގޮތަށް އިސްލާމީ ޝަރީޢަތުގެ ކަންކަން ތަރުތީބު ވެގެނެއް ނުދެއެވެ. މިހެންކަމުން ޔަޤީންކަން ޙާސިލުވާ ގޮތަށް ހުންނަ ހެކިތަކަކީ ވަކިބާވަތެއްގެ ނުވަތަ ވަކި ޖިންސެއްގެ ހެއްކަކަށް ނުވާތީ، އެ ހެކިތަކަކީ ބަލައިގަނެވެން ނެތް ހެކިކަމަށް ކަނޑައެޅިގެން ދިއުމަކީ، ގޯސް މާނަކުރުމެކެވެ."

ހެކިބަސް ބަލައިގަތުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަސާސްތަކުގެ މައްޗަށާއި އެމައުޟޫޢުގައި ޢިލްމްވެރިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވާ ބުނުންތަކުގެ މައްޗަށް ބަލާއިރު، ކަންކަން ސާބިތުކުރުމުގައި ހެކީގެ މިންގަނޑުތައް ކަނޑައަޅާފައިވަނީ ކޮންމެ މައްސަލައެއްގެވެސް ބާވަތަށާއި ޒާތަށް އަދި ކަން ހިނގާދާ ގޮތަށްވެސް ބެލިގެންނެވެ. މީގެ އިތުރުން ވަކި ބާވަތެއްގެ ހެކިބަސް ނުވަތަ ވަކި ޖިންސެއްގެ ހެކިބަސް ލިބިގެން މެނުވީ ސާބިތު ނުވާނެކަމަށް ބުނާ ފިޤުހުވެރިން ގާތުގައިވެސް، ޙާދިސާ ހިނގާގޮތާއި ޒާތަށް ބަލައިގެން އެފަދަ މައްސަލަތައް ސާބިތުކުރުމުގައި އެބޭކަލުން ޤަބޫލުކުރައްވާ ހެކީގެ ނިޞާބު ލުއިކޮށްފައިވާކަން ވެސް އެނގެން އޮވެއެވެ.

މިސާލަކަށް، އަހަރުމެންނަށް ނަމާދު ވަގުތު ޖެހިއްޖެކަން މިކަނޑައަޅަނީ އިމާމް މީހާ އެކަމަށް ހެކިވެ ބަންގި ގޮވުމުންނެވެ. ނަމާދު ވަގުތު ވަދެއްޖެކަން އިތުރަށް ކަށަވަރުކުރަން އެހެން ހެއްކެއް ހޯދާކަށް ނުޖެހެއެވެ. ރޯދައަށް ހަނދު ފެނިއްޖެކަމަށް އެންމެ މީހަކު ހެކިބަސް ދިންނަމަވެސް އިތުރު ހެކިން ނުގެނެސް އެ ހެކިބަހުގެ މައްޗަށް ރޯދަ ހިފަމެވެ. ހޮވައިގެން ގެނެވޭ އެއްޗެއްގެ ސިފަ އެންމެ މީހަކު އައިސް ކިޔައިދީފިނަމަ އެކަމުގައި އިތުރު ހެކިތަކެއް ގެންނަން ނުބުނެ އެއީ އޭގެ ވެރިފަރާތްކަމަށް ކަނޑައަޅައި އެ މީހަކާއި ތަކެތި ޙަވާލުކުރެއެވެ. ދަތުރު މަތީގައި ވަސިއްޔަތުން ދޭއިރު ހެކި ކުރަން ޖެހޭނީ މުސްލިމް 2 ހެކިވެރިޔަކު ކަމަށް ބުނާ ފިޤުހުވެރިންވެސް އިސްތިސްނާ ޙާލަތްތަކުގައި ކާފިރަކު ލައްވާ ހެކި ކުރެވިދާނެކަމަށް ބުނެއެވެ. ކަމެއް ސާބިތުކުރުމުގައި އަންހެނުންގެ ހެކިބަސް ޤަބޫލު ނުކުރެވޭނެކަމަށް ބުނާ ފިޤުހުވެރިންވެސް ހަމައެކަނި އަންހެނުންނަށް ޚާއްޞަ އަދި އެމީހުން އެކަނި ޙާޟިރުވާ ތަންތަނުގައި ހިނގާ ޙާދިސާތަކުގައި އަންހެނުންގެ ހެކިބަސް ބަލައިގަނެވިދާނެ ކަމަށް ބުނެއެވެ. ކުޑަކުދިންގެ ހެކިބަހަކީ ބަލައިގަނެވެންނެތް ހެކިންކަމަށް ބުނާ ފަރާތްތަކުންވެސް ކުޑަކުދިންގެ ތެރޭގައި ހިނގާ ކަންކަމުގައި ކުޑަކުދިންނަށް ހެކިބަސް ދެވިދާނެކަމަށް ބުނެފައިވެއެވެ.

މިބުނެވުނު މިސާލުތަކުގެ މައްޗަށް ބަލާއިރު، ކަމެއް ސާބިތުކުރުމުގެ މަސްލަޙަތު އޮތް ގޮތެއްގެ މައްޗަށާއި ޢާއްމު އުސޫލުން ކަން ހިނގާ ގޮތުގެ މައްޗަށް ބަލައި ހެކިބަސް އެއީ ހަމަ ވަކި ގޮތަކަށް ލިބިގެން މެނުވީ ސާބިތުވާން ނެތްގޮތެއް ކަމަށް ބަލައިގެން އެ ގޮތުގައި ދެމި ތިބެން ނުޖެހޭކަން އެނގެއެވެ. ހެކީގައި ވަކި ނިޞާބެއް ހަމަވާން ޖެހޭކަމަށް ބުނާ ޢިލްމުވެރިންވެސް އިސްތިސްނާ ޙާލަތުތަކެއް އެ ނިޞާބުގެ މައްޗަށް ދީފައިވާކަންވެސް އެނގެއެވެ. ބޭނުމަކީ، ޙައްޤު ފާޅުވާން އޮތީ ހަމައެކަނި ގޮތަކީ އެއީ ކަމުގައިވާތީ އެ ފުރުސަތު ގެއްލުނަ ނުދިނުމެވެ. ވަކި ގޮތަކަށް ހެކިބަސް ލިބުން ލާޒިމްކޮށް އެ ނޫން ގޮތަކުން ސާބިތުވާން ނެތްކަމަށް ބުނުމުގެ ސަބަބުން ޙައްޤުތައް ގެއްލުނަ ނުދިނުމެވެ.

ޝަރީޢަތަށް ކަމެއް ސާބިތުކޮށްދޭންޖެހޭނީ ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރަށެވެ. ހޯދޭ ހެކިތަކާއި ދަލީލުތައް އެއީ ސައްޙަ މަގުން ހޯދާފައިވާ ހެކިތަކާއި ދަލީލުތަކަށް ވުމުގެ ޝަރުޠާއި އެކުގައެވެ. އިސްލާމީ ޝަރީޢަތުގެ ޤަޠުޢީ ނައްޞެއްގައި ވަކި ގޮތަކަށް ހެކި ލިބުން ލާޒިމްކޮށްފައިވާ ކަންކަން ފިޔަވައި ވަކި ގޮތަކަށް ހެކީގެ ނިޞާބު ހަމަވެގެން މެނުވީ ކަމެއް ސާބިތު ނުވާނެކަމަށް ބުނެ ހެކިބަސް ލިބުމާއި ގުޅޭގޮތުން މިހާރު ޢަމަލުކުރަމުންދާ ގޮތަށް ބަދަލު ގެނައުމަކީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. ޤާނޫނަށް ގެނެވޭ ބަދަލުގެ ނަތީޖާއަކަށްވާނީ،ޤަސްދުގައި މީހުން މެރުންފަދަ ކުށްތައް ސާބިތުކުރުމަށްޓަކައި ކޮންމެ މައްސަލައެއްގައިވެސް ހެކިންގެ ގޮތުގައި 2 ފިރިހެނަކު ހޯދަން ޖެހުމެވެ.


[1]  ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ.

[2]  ޖިންސީކުށުގެ ޤާނޫނުގެ 52 ވަނަ މާއްދާ.

[3]  ހެއްކާބެހޭ ޤާނޫނުގެ 140 ވަނަ މާއްދާގެ (ނ).

[4]  ޤަޟިއްޔާ ނަންބަރު 2017/HC-A/178

[5]  ޤަޟިއްޔާ ނަންބަރު 2020/SC-A/84