ދަޢުވާއެއް ސާބިތުވުމާއި ނުވުން ބިނާވެގެން އޮންނަނީ، އެ މައްސަލައެއް ބިނާވެގެންވާ ޙަޤީޤަތްތައް ހިނގިކަމުގެމައްޗަށް ލިބޭ ހެއްކާ ޤަރީނާތަކުގައި ހުންނަ ބުރަދަނުގެ މައްޗަށެވެ. ކޯޓަށް ހުށަހެޅިފައިވާ ދަޢުވާގެ ބާވަތަކީ މުޖުތަމަޢުއަށް ކިތަންމެ ނުރައްކާތެރި ބާވަތެއްގެ ދަޢުވާއެއްކަމުގައި ބެލެވުނުނަމަވެސް ޝަރީޢަތް ކުރުމުގެ އުޞޫލުތައް ނިޔާކުރާގޮތުން އެ މައްސަލައެއްގެ ކަންކަން ހިނގިގޮތް އެނގޭ ފަރާތަކުން ޝަރީޢަތުގައި ހެކިބަސްދޭން ބޭނުންނުވާނަމަ ނުވަތަ މައްސަލާގައި ހެކި ލިބޭނެ އިތުރު އެހެންގޮތެއްނެތްނަމަ އެއީ ސާބިތުވާ މައްސަލައެއްގެ ގޮތުގައި ފަނޑިޔާރަކަށް ކަނޑައެޅޭނެ ގޮތެއް ނޯންނާނެއެވެ. އެހެނީ،ފަނޑިޔާރުން ނިންމާނިންމުންތައް އަބަދުވެސް ބިނާވެފައި އޮންނަނީ އަދި އޮންނާން ވެސް ޖެހެނީ ވާޤިޢާއެއް ހިނގިކަން ސާބިތުކުރުމުގެ ގޮތުން ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކީގައި ހުރި ބުރަދަނެއްގެ މައްޗަށް ބަލައިގެން ކަމުގައިވާތީއެވެ.
ދިމާވަމުންއަންނަ މައްސަލައެކެވެ. ކުށުގެ ޙާދިސާއެއް ހިނގުމުން އެކަން ފުލުހުންނަށް ރިޕޯޓުކޮށް ޙާދިސާގައި ކަންހިނގާދާގޮތުގެ ތަފްސީލުތައް އެ ޙާދިސާއެއް ހިނގަނިކޮށް ދުށްތަން ފެނުނު މީހުން ޙާދިސާގެ ކުރީކޮޅުގައި އެއްވެސް ޖެހިލުމެއްނެތި ކިޔައިދޭތަން ފެނެއެވެ.ވަރަށް ތަފްސީލު ކޮށެވެ.ޙާދިސާ ހިނގިތަން ދުށް ނުވަތަ ހިނގިކަން އެނގުނު ފަރާތްތަކުން ދޭ މަޢުލޫމާތުތަކާ ލިބެން ހުރި އެހެނިހެން ހެކިތަކުގެ މައްޗަށް ބަލައި އެ މައްސަލަ ފުލުހުންގެ ފަރާތުން ތަޙްޤީޤުކޮށް މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެއީ ދަޢުވާ ކުރަންޖެހޭ މައްސަލައެއްކަމަށް ފެންނަނަމަ މައްސަލައިގެ ދަޢުވާ ކޯޓަށް ހުށަހަޅައެވެ. ދަޢުވާ ކޯޓަށް ހުށަހަޅާއިރު ޙާދިސާގެ ކަންކަން އެނގުނު ފަރާތްތަކުގެ ތެރެއިން ތަޙްޤީޤުގައި ބަޔާންދިން މީހުން ހެކިވެރިންގެ ގޮތުގައި ކޯޓަށް ހުށަހަޅައެވެ. ބޭނުމަކީ ތަޙްޤީޤުގައި އެމީހުން ޙާދިސާ ކިޔައިދިން ގޮތަށް ކޯޓުގައިވެސް ޙާދިސާ ކިޔައިދީ އެ ފަރާތްތަކުގެ ހެކިބަސް ކޯޓަށް ފޯރުކޮށްދިނުމެވެ. އެހެންނަމަވެސް، ޙާދިސާގައި ކަންހިނގިގޮތް ތަޙްޤީޤުމަރުޙަލާގައި އަކުރުން އަކުރަށް ކިޔައިދިން ހެކިވެރިންގެ ފަރާތުން ކޯޓުގައި އެ ޙާދިސާ ކިޔައިދޭން ބޭނުން ނުވާކަމީ މަދުން ނަމަވެސް ހިނގަމުން އަންނަ ކަމެކެވެ. އެއިގެ ތެރެއިން ބައެއް މީހުން ހެކިވެރިންގެ ގޮތުގައި ކޯޓަށްޙާޟިރުނުވާނެކަމަށް ބުނަނީއެވެ. ބައެއް މީހުން ކޯޓަށް ޙާޟިރުވި ނަމަވެސް ހެކިވެރިއެއްގެ ގޮތުން އެއްވެސް ވާހަކައެއް ކޯޓުގައި ދައްކަން ބޭނުންނުވަނީއެވެ.ބައެއް މީހުންނަށް ތަޙްޤީޤުގައި ބަޔާނެއް ދިންކަންވެސް ހަނދާންނެތެނީއެވެ. އަދި ބައެއް މީހުން ތަޙްޤީޤުގައި ބަޔާންދިނީ މަޖުބޫރުކޮށްގެންކަމަށް ބުނަނީއެވެ. ހަމަ އެގޮތަށް ބައެއް މީހުން ތަޙްޤީޤުގައި ބަޔާންދިންގޮތާއި ދިމާއިދިކޮޅަށް ކޯޓުގައި ހެކިބަސް ދެނީއެވެ.
ސުވާލަކީ،ކުށުގެ ޙާދިސާހިނގާދިޔަގޮތް ތަޙްޤީޤުގައި އަކުރުންއަކުރަށް ކިޔައިދިންފަރާތްތަކުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ ހެކިބަސްދޭން ޢުޒުރުވެރިވެއްޖެނަމަ ނުވަތަ ކޯޓަށް ޙާޟިރުވުމަށް އެންގުމުންވެސް ކޯޓަށް ޙާޟިރުނުވެއްޖެނަމަ ދެން އެ ހެކިންނާމެދު އަދި ހެކިންގެ ފަރާތުން ތަޙްޤީޤަށް ދިން ބަޔާނާމެދު ކޯޓުތަކުން ކަންކުރެވޭނެގޮތެއް އޮންނާނެތޯއެވެ؟ ތަޙްޤީޤުގައި ބަޔާންދިން ފަރާތްތަކުގެ ވާހަކަތަކުގެ މައްޗަށް ބަލައި ފުލުހުންނާއި ޕްރޮސިކިއުޓަރުންގެ ވަގުތާއި ދައުލަތުގެ ވަސީލަތްތަކެއް ހޭދަކުރުމަށްފަހު، އެމީހުންގެފަރާތުން ކޯޓުގައި ހެކިބަސްދޭން ބޭނުންނުވުމުން މުޅިމައްސަލަ ފެނަށްދުއްވާލާ އެއީ ދެން ނުވާކަމެއްކަމަށް ބަލަންވީތޯއެވެ. ނޫނީ ކޯޓުން އަމުރުކޮށްގެން ހެކިވެރިން ގަދަކަމުން ކޯޓަށްޙާޟިރުކޮށް އެ މީހުންނަށް މަޖުބޫރުކޮށްގެން ހެކިބަސް ނަގަންވީތޯއެވެ. ނޫނީ ކޯޓުގައި ހެކިބަސް ނުދިންކަމަށްޓަކައި ދަޢުވާކޮށް އަދަބުދޭންވީތޯއެވެ.
އެކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން މިހާތަނަށް ޢަމަލުކުރަމުން އައިގޮތުގައި ތަފާތުތަކެއް ހުރިއަތީ ފެންނަން އެބަހުއްޓެވެ.ބައެއް މައްސަލަތަކުގައި ހެކިވެރިޔާ ކޯޓަށް ޙާޟިރު ނުވެއްޖެނަމަ ނުވަތަ ހެކިވެރިޔާގެ ފަރާތުން ކޯޓަށް ޙާޟިރުވެ އެއްވެސް ވާހަކައެއްދައްކަން ބޭނުންނުވާކަމަށް ބުނެފިނަމަ މައްސަލައިގައި ހެކިބަސް ނުލިބުނީކަމުގައި ބަލައި މައްސަލަ ސާބިތު ނުވާކަމަށް ކަނޑައަޅަނީއެވެ.ބައެއްމައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށުން ހެކިވެރިން ކޯޓަށް ޙާޟިރުކޮށް ކޯޓުގައި ހެކިވެރިންގެ ފަރާތުން ބަހެއްބުނުމަށް އަންގަނީއެވެ. އަދި ބައެއްމައްސަލަތަކުގައި ހެކިވެރިންގެފަރާތުން ކޯޓުގައި އެއްވެސް ބަހެއްބުނުމަށް އިންކާރުކޮށްފިނަމަ އެއީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބަލައި އަދަބު ދެނީއެވެ.
ހެކިބަސް އަދާކުރުމަށް އިސްލާމީ ޝަރީޢަތުގައި ބާރު އަޅާފައިވޭ
އިސްލާމީ ޝަރީޢަތުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ޢަދުލު އިންސާފު ފުރިހަމައަށް ޤާއިމުކުރުމުގައި ފަރުދީ އަދި ޖަމާޢީ ގޮތުން މަސައްކަތްތަކެއްކުރުން ވަނީ ލާޒިމްކޮށްފައިވެއެވެ. އެއިގެ އެއް މިސާލަކީ ހެކިބަސް އަދާކުރުމަށް އިސްލާމީ ޝަރީޢަތުގައި ލާޒިމް ކޮށްފައި އޮންނަ އޮތުމެވެ. ހެކިބަސް އަދާކުރުމަށް ދީފައިވާ އަހަމިއްޔަތާއި އެކަމުގެ މައްޗަށް ބާރު އަޅައިފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ޙަދީސްތަކުގެ މައްޗަށް ބައްލަވައި ހެކިބަސް އަދާކުރުމަކީ ވާޖިބެއްކަމަށް އަދި ހެކިބަސް އަދާކުރުން ލާޒިމް ކުރެވިދާނެކަމަށް އިސްލާމީ ފިޤުހުގެ ބައެއް ޢިލްމްވެރިން ބުނެއެވެ.މިބުނުމަށް ބާރު ދިނުމުގެ ގޮތުން އަންނަނިވި އާޔަތްތައް އެކަނިވެސް ހެއްކަކަށް ފުދެއެވެ.
ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގައި ވަނީ " يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلاَّ تَعْدِلُوا اعْدِلُوا هُوَ أَقْرَبُ لِلتَّقْوَى وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ .މާނައަކީ، އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމްކުރާ އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ.
އައްނިސާ ސޫރަތުގެ 135 ވަނަ އާޔަތުގައި ވަނީ " يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَى أَنفُسِكُمْ أَوْ الْوَالِدَيْنِ وَالأَقْرَبِينَ إِنْ يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَى بِهِمَا فَلاَ تَتَّبِعُوا الْهَوَى أَنْ تَعْدِلُوا وَإِنْ تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا މާނައަކީ،އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނީ އަދުލު އިންސާފު ޤާއިމުކުރުމުގައި ދެމިތިބޭ (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައިވާށެވެ. ތިޔަ ބައިމީހުންގެ އަމިއްލަ ނަފްސު ތަކުގެ މައްޗަށް ކަމުގައިވިޔަސް،ނުވަތަ މައިން ބަފައިންނާއި،ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަގީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ،ﷲ އައުލާކަން ބޮޑެވެ.ތިޔަބައިމީހުން އަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބައު ނުވާށެވެ! އަދި،ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން،ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
ބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތުގައި ވަނީ " وَلاَ يَأْبَ الشُّهَدَاءُ إِذَا مَا دُعُوا .މާނައަކީ،އަދި ހެކިންނަށް ގޮވާލައިފި ހިނދަކު އެއުރެން(އެކަމުން) މަނާވެ ނުގަންނަ ހުށިކަމެވެ."
ހެކިބަސް ދިނުމަށް ލާޒިމް ކުރުވުން (ޤާނޫނުގައި ބުނާގޮތް)
ދިވެހިރާއްޖޭގައި މިހާތަނަށް ޢަމަލުކުރަމުންދިޔަ ހެއްކާއި ގުޅުންހުރި ޤާނޫނުތަކުގެ މައްޗަށް ބަލާއިރު، ހެކިބަސް އަދާކުރުމަކީ، ހެކިވެރިޔާގެ މައްޗަށް ލާޒިމް ކަމެއްކަން އަދި ހެކިވެރިޔާއަށް ހެކިބަސް އަދާކުރުމަށް ކޯޓުތަކަށް ލާޒިމްކުރެވިދާނެކަމަށް ބުނެފައިވާ ޤާނޫނެއް ނޯވެއެވެ.އެއީ މިހާތަނަށް ޢަމަލު ކުރަމުން އައިގޮތް ނަމަވެސް 18 ޖުލައި 2022 ގައި ތަސްދީޤުކުރެވިފައިވާ އަދި 18 ޖެނުއަރީ 2023 ގައި ޢަމަލުކުރަންފަށާ ދިވެހިރާއްޖޭގެ ހެއްކާބެހޭ ޤާނޫނުގައި، ހެކިބަސް ދިނުމުގެ ޤާބިލުކަން ހުރި ކޮންމެ މީހެއްގެ މައްޗަށް ހެކިބަސް ދިނުމަށް ކޯޓަށް ލާޒިމް ކުރެވިދާނެ ކަމަށް ބުނެފައި އެބައޮތެވެ.[1] ހެކިބަސް ދިނުމަށް ލާޒިމް ކުރުމަކީ ކޯޓުތަކަށް ލިބިގެންދާ ބާރެއްކަމަށް ހެއްކާބެހޭ ޤާނޫނުގައި ބުނެފައި އޮންނައޮތުމުގެ އިތުރަށް، ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާއެއްގައި ނުވަތަ ކުޑަކުދިންނާ ދެކޮޅަށް ހިންގޭ ކުށެއްގެ ދަޢުވާއެއްގައި ނުވަތަ ޖިންސީ ގޯނާގެ ކުށެއްގެ ދަޢުވާއެއްގައި ނުވަތަ ގެވެށި އަނިޔާގެ ކުށެއްގެ ދަޢުވާއެއްގައި ވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސްދޭނެ އެހެންފަރާތެއް ނެތް ޙާލަތެއްގައި އެފަދަ ކުށެއްގެ ދަޢުވާއެއްގައި ހެކިވެރިޔާގެ މައްޗަށް ހެކިބަސްދިނުމަށް ކޯޓަށް ލާޒިމް ކުރެވިދާނެކަމަށް ވެސް ހެއްކާބެހޭ ޤާނޫނުގައި ބުނެފައި އެބައޮތެވެ.[2]
ހެކިބަސް ދިނުމަށް ލާޒިމް ކުރުމުގެ ބާރު ކޯޓުތަކަށް ލިބޭގޮތަށް އޮތުމާއި ވަކި ޚާއްސަ ބާވަތުގެ ކުށްތަކެއްގައި ހެކިބަސްދިނުން ހެކިވެރިޔާގެ މައްޗަށް ލާޒިމްކުރުމުގެ ބާރު ކޯޓުތަކަށް ލިބޭގޮތަށް، އަލަށް ޢަމަލުކުރަން ފަށާ ހެއްކާބެހޭ ޤާނޫނުން ދިނުމުގެ ބޭނުމެއްކަމުގައި ބެލެވެނީ ކުރިންވެސް ފާހަގަކުރި ގޮތަށް ތަޙްޤީޤުގައި މައްސަލައިގެ ޙަޤީޤަތްތައް ކިޔައިދިނުމަށްފަހު ކޯޓުގައި ހެކިބަސް އަދާކުރުމަށް ގޮވާލުމުން އެކަމަށް ދެކޮޅުހަދާހެދުން ނިމުމަކަށް ގެނެސް ހެކިވެރިންގެފަރާތުން ކަންކުރާ ގޮތެއްގެ ސަބަބުން މައްސަލަތަކުގައި ކުރާ ހޭދައާއި ވަގުތުތައް ބޭކާރުވެ މުޅި މައްސަލައަށް އެކަމުގެ އަސަރު ކުރިޔަ ނުދިއުމެވެ.
ހެކިބަސް ދިނުމަށް ލާޒިމް ނުކުރެވޭނެ ޙާލަތްތައް
އަލަށް ޢަމަލުކުރަންފަށާ ހެއްކާބެހޭޤާނޫނުގައި، ހެކިބަސް އަދާކުރުމަށް ހެކިވެރިޔާގެ މައްޗަށް ކޯޓުތަކަށް ލާޒިމް ކުރެވިދާނެކަމަށްބުނެފައި އޮތްނަމަވެސް ބައެއް ޙާލަތްތަކުގައި އެއީ ކޮށްގެންވާނެކަމެއް ނޫންކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ. މިގޮތުން ވަކިވާޤިޢާއަކާއި ގުޅޭގޮތުން އެހާތަނަށް ކާފީހެކި ލިބިފައިވާނަމަ ނުވަތަ ވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީހެއްކަށްވާ މިންވަރަށް ހެކިބަސްދޭނެ އެހެންމީހުން ތިބިނަމަ ނުވަތަ ހެކިބަސްދޭންޖެހޭ ފަރާތަކީ ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ފަރާތެއްނަމަ ނުވަތަ ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ފަނޑިޔާރުކަންކުރާ މީހަކު އެ މައްސަލައާ ގުޅޭގޮތުން ހެކިބަސް ދޭންޖެހޭނަމަ ނުވަތަ ޖިނާއީ ދަޢުވާއެއް ކުރަނީ އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް،އެއް ދަޢުވާއެއްގެ ގޮތުގައި،އެ އެންމެންގެ މައްޗަށް އެކުގައި ކަމުގައިވާނަމަ،އެމީހުންގެ ތެރެއިން މީހަކަށް އެމީހުންގެ ތެރެއިން އެހެން މީހެއްގެ މައްޗަށް ހެކިބަސް ދިނުން، މިއީ ހެކިބަސް ދިނުން ލާޒިމްކުރެވެންނެތް ޙާލަތުތަކެއްކަމަށް ހެއްކާބެހޭ ޤާނޫނުގައި ބުނެއެވެ.[3] މީގެއިތުރުން ޖިނާއީ މައްސަލައެއްގައި ހެކިބަހެއް ދިނުމަށް ހެކިވެރިޔާގެ މައްޗަށް ކޯޓުން ލާޒިމްކުރި ނަމަވެސް ހެކިބަސްދިނުމަށް ހެކިވެރިޔާއަށް ޢުޛުރުވެރިވެވިދާނެ ޙާލަތްތަކެއް އަލަށް ޢަމަލުކުރަންފަށާ ހެއްކާބެހޭ ޤާނޫނުގައި ބުނެދީފައިވެއެވެ. މިގޮތުން، ހެކިބަސް ދޭ މީހަކީ، ކުށުގެ ދަޢުވާލިބޭ މީހާގެ އަނބި ނުވަތަ ފިރިމީހާ، މައިންބަފައިން ނުވަތަ ބެލެނިވެރިޔާ، ނުވަތަ ދަރިއެއްނަމަ އެމީހުންގެ ތެރެއިން މީހަކަށް ހެކިބަސްދޭ މީހެއްގެ ގޮތުގައި ކޯޓަށްހާޒިރުވެ ހެކިބަސް ދިނުމަށް ޢުޛުރުވެރިވެވިދާނެކަމަށް އެ ޤާނޫނުގައި ބުނެއެވެ.[4]
ހެކިބަސް ދިނުމަށް ހެކިވެރިޔާއަށް ކޯޓުން ލާޒިމް ކުރުމުން ހެކިވެރިޔާ އެކަމަށް އިންކާރުކުރުން
މިހާރު ޢަމަލުކުރަމުންދާ ހެއްކާބެހޭ ޤާނޫނުގައި،ހެކިބަސް ދިނުމަށް ހެކިވެރިޔާގެ މައްޗަށް ލާޒިމް ކުރެވެން ނެތްނެތުން ފޫބެއްދުމުގެ ގޮތުން، ކުރިއަށް އޮތްތަނުގައި ޢަމަލުކުރަންފަށައި ހެއްކާބެހޭ ޤާނޫނަށް ގެނެވުނު ބަދަލުގެ ނަތީޖާއެއްގެގޮތުން،ހެކިވެރިޔާއަށް ކޯޓުގައި ހެކިބަސް ދިނުމަށް ލާޒިމް ކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންދިޔަ ނަމަވެސް ހެކިވެރިޔާއަށް ހެކިބަހެއް ދިނުމަށް ކޯޓުން ލާޒިމް ކުރުމުން ދެންވެސް ހެކިވެރިންގެ ފަރާތުން ހެކިބަސް ދިނުމަށް އިންކާރުކޮށްފިނަމަ ދެން ކަންވާނެ ގޮތަކީ ކޮބައިކަން ބުނެދީފައެއް ނުވެއެވެ.
ބުނެވުނު ސުވާލުތަކުގެ ޖަވާބު ހެއްކާބެހޭ ޤާނޫނުގައި ބުނެދީފައި ނުވިނަމަވެސް ހެކިބަސް އަދާކުރުމަށް ކޯޓުން ލާޒިމްކުރުމުން ހެކިބަސް ދިނުމަށް އިންކާރުކުރާ ފަރާތްތަކާމެދު ޢަމަލުކުރެވިދާނެ ގޮތްތަކެއްހުރިކަމަށް ފެނެއެވެ. އެއިގެތެރެއިން ފުރަތަމަ ގޮތަކީ، ހެކިވެރިޔާއަށް ކޯޓުން ކަމެއް ލާޒިމް ކުރުމުން އެކަން ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ހެކިވެރިޔާގެ އެޢަމަލަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބަލައި ހެކިވެރިޔާއަށް އަދަބެއް ކަނޑައެޅުމެވެ.ދެވަނަ ގޮތަކީ،ހެކިވެރިޔާގެ އެ ޢަމަލަކީ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ޢަމަލެއްކަމުގައި ބަލައި ޤާނޫނުލްޢުޤޫބާތުގެ 530 ވަނަމާއްދާގެ ދަށުން އެފަދަ މީހެއްގެ މައްޗަށް ދަޢުވާ އުފުލުމެވެ.މި ދެ ގޮތަކީވެސް ހެކިބަސްދޭންއިންކާރުކުރާ ހެކިވެރިޔަކާމެދު ކަންކުރެވިދާނެ ދެ ގޮތެވެ.މި ދެގޮތުންކުރެ ގޮތަކަށް ހެކިވެރިޔާއާމެދު ޢަމަލުކޮށްގެން ހެކިވެރިޔާއަށް އަދަބެއް ކަނޑައެޅުމަކީ ކުރެވެން އޮތްކަމެއް ނަމަވެސް އެފަދައިން ދެވޭ އަދަބެއްގެ ސަބަބުން މައްސަލައަށް ކުރާނެ މާބޮޑު އަސަރެއް އޮތްކަމަކަށް ނުފެނެއެވެ. މިހެންކަމުން ހެކިވެރިންގެ ފަރާތުން ކޯޓުގައި ހެކިބަސް ދިނުމަށް އިންކާރުކޮށްފިނަމަ އެ ހެކިވެރިންގެ ފަރާތުން ތަޙްޤީޤުގައި ބުނެފައިވާ ބުނުންތަކަށް ބުރަދަން ދެވެން އޮތް މިންވަރަކީ ކޮބައިކަން ޤާނޫނުގައި ބުނެދީފައި އޮތުމަކީ ބޭނުންތެރިކަމެއްކަމުގައި ފެނެއެވެ.
ހެކިވެރިޔާ ތަޙްޤީޤުގައި ދީފައިވާ ބަޔާނަށް ބުރަދަން ދިނުން
"ކޯޓަކަށް އެ ކޯޓަކުން އަޑު ނާހާ އޮތް ހެކިބަސްތަކެއްގެ އަންދާޒާއެއް ނުކުރޭވޭނެކަމަށާއި، ޤާނޫނީ ގޮތުން ހެކިންނާ ސުވާލުކުރުމަށްފަހުގައި މެނުވީ ހެކިބަހާމެދު ކޯޓުން ދެކޭ ގޮތް ކަނޑައެޅުމުގެ ޙައްޤެއް ކޯޓަށް ލިބިގެން ނުވާކަމަށް" ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.[5] އަދި " ކޮންމެ ހެކިބަހަކީ އެ ހެކިބަހަކާމެދު ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކޮށް އޮޅުން ފިލުވުމުގެ ފުރުސަތު ލިއްބައިދޭ ގޮތަށް ދޭންޖެހޭ ހެކިބަހަކަށްވާންޖެހޭނެކަމަށާއި، ނޫންނަމަ އެ ހެކިބަހަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް ކަމެއް ސާބިތުކޮށްދިނުމަށް ބޭނުންވާ ކާފީހެއްކެއް ކަމަށް ނުބެލެވޭނެކަމަށް" ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކުގައި ބުނެފައި އެބައޮތެވެ.[6]
ސުވާލަކީ، ބުނެވުނު ނިންމުންތަކުގައި ބުނާ ކަންކަމުގެ މައްޗަށް ބަލައި، ހެކިވެރިއެއް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރު ކުރެވެން ނެތިގެން ނުވަތަ ހެކިވެރިޔަކު ޝަރީޢަތުގައި ހެކިބަސް އަދާ ކުރަން އިންކާރު ކުރުމުގެ ނަތީޖާއަކަށްވާނީ ހެކިވެރިޔާ ތަޙްޤީޤުގައި ދައްކާފައިވާ އެއްވެސް ވާހަކައަކަށް ބުރަދަން ދެވޭނެ ގޮތެއް ނުވުންތޯއެވެ. ނަތީޖާއެއްގެ ގޮތުން ހެކިވެރިޔާ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ރިޢާޔަތް ކުރެވިގެން ނުވާނެތޯއެވެ.
ހެކިވެރިޔާގެ ފަރާތުން ކޯޓުގައި ހެކިބަސް ނުލިބޭ ޙާލަތުގައި، ހެކިވެރިއެއްގެ ފަރާތުން ތަޙްޤީޤުގައި ދީފައިވާ ބަޔާނުގެ މައްޗަށް ބިނާކޮށް އެއީ މައްސަލައެއް ސާބިތުކުރުމަށްފުދޭ ކާފީ ހެއްކެއްގެ ގޮތުގައި ބަލައި ގަނެވެންނެތްކަމަށް ކުރިން ބުނި ކޯޓު ނިންމުންތަކުގައި ކަނޑައަޅާފައިވީ ނަމަވެސް ބައެއް އިސްތިސްނާ ޙާލަތްތަކުގައި ހެކިވެރިޔާގެ ފަރާތުން ތަޙްޤީޤުގައި ދޭ ބަޔާނުގެ މައްޗަށް ބުރަދަން ދެވޭކަން މި ފަހުން ނިންމާފައިވާ ކޯޓުތަކުގެ ނިންމުންތަކުގައި ބުނެފައި އެބައޮތެވެ.
މި ގޮތުން ކޯޓުތަކުން ނިންމާފައިވާ އެފަދަ ނިންމުންތަކުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ.ޝަމްހީޒު ސަޢީދު ޤަޟިއްޔާގައި، ދައުލަތުން އެ މައްސަލައިގައި ހެއްކެއް ގޮތުގައި ހުށަހަޅާފައިވާ ޕޮލިސް ކޯޕްރަލް އިބްރާހީމް މުޙައްމަދު ވަނީ ގިނަ ދުވަސްވުމުގެ ސަބަބުން އެއްވެސް ކަމެއް ހަނދާން ނެތްކަމަށް ކޯޓުގައި ބުނެފައެވެ. މި ސަބަބަށްޓަކައި ދަށު ކޯޓުން އޭނާގެ ހެކިބަސް ޝަރީޢަތުން ނަގާފައި ނުވެއެވެ. ނަމަވެސް، އެހެން ހެކިން ޝަރީއަތަށް ދީފައިވާ ހެކިބަހާ ގުޅުވާލެވޭތީ، އިބްރާހީމް މުޙައްމަދު ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ގުޅުވާލެވޭ ޤަރީނާއެއްކަމަށް އެ މައްސަލައިގައި ހައިކޯޓުން ފާހަގަކުރައްވާފައިވެއެވެ. އަދި ހަމަ އެ މައްސަލައިގައި މަސްތުވާތަކެތި ފެނުނު ބޯޓުގެ ކެޕްޓަން، ގއ.ވިލިނގިލި ކޯޒީގެ އާއިސް އަޙްމަދު ދައުލަތުގެ ހެއްކެއް ގޮތުގައި ހުށަހެޅިފައިވީނަމަވެސް، އޭނާގެވެސް ހެކިބަސް ނެގިފައި ނުވެއެވެ. ނަމަވެސް، ބޯޓުގެ ކެޕްޓަން އަކީ މައްސަލައިގައި ކަނހިނގާދިޔަ ގޮތް އެންމެ ރަނގަޅަށް އެނގޭނެފަރާތްކަމަށް ވާތީއާއި،އެ މައްސަލައިގައި ހުށަހެޅިފައިވާ އެހެން ހެކިތަކާ، ބޯޓުގެ ކެޕްޓަން ތަޙްޤީޤު ބަޔާނުގައި ވާ ކަންކަމާ ދިމާވާތީ، ބޯޓު ކެޕްޓަން ތަހްޤީޤަށް ދީފައިވާ ބަޔާނަކީވެސް އެ މައްސަލައިގައި ގުޅުވާލެވޭ ޤަރީނާއެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.[7] މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ނަބީލް ވ.ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް[8] އަދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީސް ވ.މުޙައްމަދު މުމްތާޒް[9] މި ދެ ޤަޟިއްޔާގައިވެސް އިސްތިސްނާ ޙާލަތެއް އޮތްކަމަށް ބަލައި ހެކިވެރިންގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުރަދަން ދެއްވާފައިވާކަން އެނގެން އެބައޮތެވެ.
ބުނެވުނު ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ އިތުރުންވެސް ބައެއްޙާލަތްތަކުގައި ހެކިވެރިޔާ ކޯޓަށް ޙާޟިރުވެ ހެކިބަސްދޭން ކިތަންމެ ބޭނުންވިނަމަވެސް ޙާލަތު ތަންދޭ ގޮތުން ހެކިބަސް ކޯޓުގައި ދިނުމަށް ޢުޒުރުވެރިވާ ޙާލަތުތަކެއް ހުރެދާނެއެވެ. މިސާލަކަށް، ހެކިވެރިޔާ ހެކިބަސްދޭން ބިރުގަތުމުގެ ސަބަބުން ނުވަތަ ބިރެއް އޮތުމުގެ ސަބަބުން ޝަރީޢަތަށް ޙާޒިރުވެ ހެކިބަސް ދިނުމަށް ފަސްޖެހޭ ޙާލަތެއް އޮވެދާނެއެވެ. ނުވަތަ ކޯޓުން ހެކިވެރިން ޙާޒިރުކުމަށް ކިތަންމެ ބޭނުންވެގެން މަސައްކަތްތަކެއް ކުރިނަމަވެސް ހެކިވެރިން ހޯދާ ނުފެނުމުގެ ސަބަބުން ނުވަތަ އެފަދަ އެހެން ސަބަބެއް އޮވެގެން ހެކިވެރިޔާ ކޯޓަށް ޙާޒިރުކުރެވެން ނެތިވެސް ހިނގައިދާނެއެވެ. ތަޙްޤީޤުގައި ބަޔާން ދިނުމަށްފަހު ކޯޓުގައި ހެކިވެރިޔާގެ ފަރާތުން ހެކިބަސް ނުލިބޭ އެންމެ ޢާއްމު ދެ ޙާލަތަކީ ބުނެވުނު ދެ ޙާލަތެވެ. ސުވާލަކީ، ބުނެވުނު ދެ ޙާލަތަކީ އިސްތިސްނާ ޙާލަތްތަކެއްގެ ގޮތުގައި ބަލައިގެން ހެކިވެރިޔާގެ ފަރާތުން ތަޙްޤީޤުގައި ދީފައިވާ ބަޔާންތަކަށް ބުރަދަން ދެވިދާނެ ޙާލަތަކަށް ވެދާނެ ހެއްޔެވެ؟
އިނގިރޭސި ވިލާތުގައި 2003 ވަނަ އަހަރު އަމަލުކުރަން ފެށުނު ކްރިމިނަލް ޖަސްޓިސް އެކްޓަށް ބަލާއިރު، އެ އެކްޓުގައި، ކޯޓަށް ހެކިން ހާޒިރު ނުކުރެވުނު ނަމަވެސް، އިސްތިސްނާ ޙާލަތުތަކެއްގައި އެ ހެކިން ކޯޓުން ބޭރުގައި ދީފައިވާ ބަޔާނަށް ބުރަދަން ދެވޭނެ އުސޫލުތަކެއް ބަޔާންކޮށްދީފައިވެއެވެ.މި ގޮތުން އިންސާފު ޤާއިމުކުރުމަށްޓަކައި އެފަދަ އެފަދަ ހެއްކެއް ބަލައި ގަތުމަކީ ކޮންމެހެން މުހިއްމުކަމެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ޙާލަތުގައި، ހެކިން ކޯޓަށް ޙާޟިރު ކުރެވިފައިނުވި ނަމަވެސް ހެކީގެ ބަޔާނުގެ ތެދުކަމަށް ދެވޭނެ ބުރަދަނަށާއި އެއީ ކިހާ މުހިއްމު ހެއްކެއް ކަމާއި،އެ ހެއްކާއި ގުޅުވާލަދޭ އެހެން ހެކިތައް ހުރިކަން ނުވަތަ ނެތްކަމަށާއި ހެކިވެރިޔާ ޝަރީޢަތަށް ޙާޟިރުވެ ހެކިބަސް ދޭން ބޭނުންނުވާ ސަބަބުތައް ފަދަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ހެކިންގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ކޯޓުން ބުރަދަން ދެވޭނެ ކަމަށް އެ އެކްޓުގައި ބުނެދީފައިވެއެވެ.މީގެއިތުރުން ހެކިވެރިޔާ ހުރިތަނެއް ހޯދަން އެކަށީގެންވާ މަސައްކަތްތަކެއްކުރެވި އެފަރާތެއް ހޯދޭނެގޮތެއް ނެތުމާއި، ހެކިވެރިޔާ ބިރުގަތުމުގެ ސަބަބުން ނުވަތަ ބިރެއް އޮތުމުގެ ސަބަބުން ޝަރީޢަތަށް ޙާޟިރުވެ ހެކިބަސް ދިނުމަށް ފަސްޖެހޭ ޙާލަތެއްގައި،އެ ހެކިވެރިޔަކު ދީފައިވާ ބަޔާން ހެކީގެ ގޮތުގައި ބަލައިގަތުމަށް ޝަރީޢަތުން ނިންމިދާނެކަމަށްވެސް ބުނެދީފައެވެ.[10]
ހެކިވެރިޔާގެ މައްޗަށް ހެކިބަސް ދިނުން ލާޒިމް ކުރުވުމަކީ، ހެއްކާބެހޭ ޤާނޫނަށް ގެނެވުނު މުހިއްމު ބަދަލެކެވެ. އެހެންނަމަވެސް ބުނެވުނު ލާޒިމަކީ ނަތީޖާއެއްނެތް ލާޒިމެއްނަމަ ކަންހިނގާނީ ހަމަ ކުރިންވެސް ކަންހިނގި ގޮތަށެވެ. ހެކިވެރިޔާގެ މައްޗަށް ހެކިބަސް ދިނުން ލާޒިމް ކުރުމުން އެކަން ކުރަން ހެކިވެރިޔާ އިންކާރު ކޮށްފިނަމަ އެކަމުގެ ނަތީޖާއަކީ ކޮބައިކަން ހެއްކާބެހޭ ޤާނޫނުގައި ސާފުކޮށް ބުނެދޭންޖެހެއެވެ.
[1] ހެއްކާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ.
[2] ހެއްކާބެހޭ ޤާނޫނުގެ 56 ވަނަ މާއްދާ.
[3] ހެއްކާބެހޭ ޤާނޫނުގެ 53 ވަނަ މާއްދާ.
[4] ހެއްކާބެހޭ ޤާނޫނުގެ 54 ވަނަ މާއްދާ.
[5] 2011/SC-A/36
[7] 2019/HC-S-A/03
[8] 2011/HC -A/49
[9] 2019/HC-A/548
[10] އިނގިރޭސި ވިލާތުގެ ކްރިމިނަލް ޖަސްޓިސް އެކްޓް 2003 ގެ 114 އަދި 116 ވަނަ މާއްދާ.