ކުއްޖެއްގެ ޙަޟާނަތު ޙަވާލުކޮށްފައިވާ މީހަކީ، ކުއްޖާގެ މަންމަ ކަމަށް ވާނަމަ، އެ މަންމަ ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާ ކާވެނި ކުރުމަކީ، ކުއްޖާގެ ޙަޟާނަތުގެ ޙައްޤު މަންމައަށް ގެއްލޭނެ ސަބަބެއް ކަމަށް ދިވެހިރާއްޖޭގެ ޢާއިލާއާބެހޭޤާނޫނުގައި ބުނެފައި އެބައޮތެވެ.[1] ޚިޔާލު ތަފާތުވުމެއްގެ ތެރެއިން ވަރިވެގެންދާ ދެމަފިރިންނަށް ދިމާވާ ޙައްލުކުރަންދަތި އެއް އަރާރުމަކީ ދެމީހުން ވަރިވުމަށްފަހު ކުއްޖާ ބަހައްޓަންވީ ކާކުގެ ގާތުގައިތޯ ވެވޭ އަރާރުމެވެ. ބައެއްފަހަރު މި އަރާރުމުގެ އަސްލަކީ ވަރިވުމަށްފަހު އެކަކުއަނެކަކަށް ޖެއްސުން ކުރުންކަމުގައިވާ ފަހަރުތައ ވެސް ފެންނަލެއް މަދެއް ނޫނެވެ. މި ޖެއްސުން ކުރުންތަކުގެ ތެރެއިން އެއް ޖެއްސުމަކީ، ޢާއިލާއާބެހޭ ޤާނޫނުގައި ބުނާ، ކުއްޖާގެ މަންމަ ކުއްޖާގެ މަޙްރަމަކާ ނޫން އެހެން މީހަކާއި ކާވެނި ކޮށްފިނަމަ މަންމައަށް ކުއްޖާގެ މައްޗަށް ލިބިއޮތް ޙަޟާނަތު ގެއްލޭނެ ކަމަށްބުނެ ކުއްޖާގެ މަންމަ އެހެން މީހަކާ ކާވެނި ކޮށްފިނަމަ ދަރިން އަތުލާނެކަމުގެ ބިރުދެއްކުމެވެ.
ސުވާލަކީ، ކުއްޖާގެ މަންމަ ކުއްޖާގެ މަޙްރަމަކާނޫން ފިރިހެނަކާ ކާވެނި ކުރާކުރުން އެއީ ހަމައެކަނި އެ ސަބަބަށްޓަކައި ކުއްޖާގެ ޙަޟާނަތުގެ ޙައްޤު މަންމަގެ ކިބައިން ގެއްލެންޖެހޭނެ ކަމެއްތޯއެވެ. ކުއްޖާގެ މަންމަ އެހެން މީހަކާ ކާވެނި ކުރކަމުގައިވީ ނަމަވެސް ކުއްޖާގެ މަސްލަޙަތުގައި އެންމެ ރަނގަޅީ އަދި ކުއްޖާއަށް އެންމެ ފައިދާ ބޮޑީ ކުއްޖާގެ މަންމައަށް ކުއްޖާގެ ޙަޟާނަތުގެ ޙައްޤުދީގެން ކަން ކަނޑައެޅިގެން ސާފުކޮށް ފެންނަން އޮންނައިރުވެސް ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައި އެހެން އޮތަތީއޭ ބުނެ އަދި ކުއްޖާގެ މަންމަ އެހެން މީހަކާ ކައިވެނި ކުރި ކަމަށްޓަކައޭ ބުނެ ޙަޟާނަތުގެ ޙައްޤުން ކުއްޖާގެ މަންމަ މަޙްރޫމްކުރަން ޖެހޭނެތޯއެވެ؟
ޙަޟާނަތުގެ ޙައްޤަކީ ކުއްޖާގެ މަސްލަޙަތަށް އެންމެ ރަނގަޅު ގޮތެއް ބަލައި ކަނޑައަޅަންޖެހޭކަމެއް: ކުދިންގެ ޙަޟާނަތު ކޮންމެވެސް މީހަކާ ޙަވާލުކުރަން ޖެހުމުގެ އެންމެ އަސާސީ އެއް މަޤްސަދަކީ ކުދިންގެ ޙަޟާނަތު ވަކިފަރާތަކާ ޙަވާލުކުރުމުގެ ތެރެއިން ކުދިންގެ މަސްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމެވެ. މިހެންކަމުން ކުދިންގެ ޙަޟާނަތު ޙަވާލުކުރުމުގައި އަބަދުވެސް އިސްކަމެއް ދޭންޖެހެނީ ކުއްޖާގެ މަސްލަޙަތަށް އެންމެ ރަނގަޅު ގޮތެއް ބަލައި Best interest of child އެގޮތެއްގެ މައްޗަށެވެ. ކުދިންގެ ޙަޟާނަތު ޙަވާލުކުރުމަކީ، އެއްވެސް ޙާލެއްގައި ދެމަފިރިންގެ ތެރެއިން ވަކި މީހެއްގެ ނުވަތަ ކުއްޖާގެ ޢާއިލާގެ މީހުންގެ ތެރެއިން ވަކި މީހެއްގެ ޚާއްސަ މަސްލަޙަތުގައި ކުރެވޭ ކަމެއް ނޫނެވެ. أين وجدت مصلحة المحضون وجب المصير إليها " ކުދިންގެ މަސްލަޙަތަށް އެންމެ ރަނގަޅުގޮތް ކަމަށް ފެންނަން އޮތްފަރާތަކަށް ޙަޟާނަތުގެ ޙައްޤު ފުރޮޅައިލުން ވާޖިބުވުން، މި މަބްދައު އެއީ ޙަޟާނަތުގެ މުހިއްމު އެއް އަސާސެވެ. ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައި ވެސް ލާޒިމް ކުރަނީ އެ ގޮތެވެ. ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު)ގެ 40 ވަނަ މާއްދާގެ (ބ) ގައި ބުނަނީ، ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމުގައި ޢަމަލު ކުރަންވާނީ، ކުއްޖާގެ މަސްލަޙަތަށް އެންމެރަނގަޅުގޮތަށް ކަމުގައެވެ.
ޙަޟާނަތު ޙަވާލުކުރުމުގެ ތަރުތީބުގައި ކުއްޖާގެ މަންމަ އިސްވުން: ފިޠުރީ ގޮތުން އަންހެނުންނަކީ ދަރިންނަށް އަޅާލުމުގައި ފިރިހެނުންނަށްވުރެ ދަރިންގެ މައްޗަށް އޯގާތެރިވާނެ ބައެއްކަމުގައި ބަލައި ކުދިންގެ ޙަޟާނަތު ޙަވާލު ކުރުމުގެ ތަރުތީބުގައި ފިރިހެނުންނަށްވުރެ އަންހެނުން އިސްކުރަން ޖެހޭކަމަށް އިސްލާމީ ފިޤުހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް ޙަޟާނަތުގެ ޙައްޤު ކުއްޖަކަށް ލިބިދިނުމުގައި އެހެންހުރިހާ އެންމެންނަށްވުރެ ކުއްޖާގެ މަންމަ އިސްކުރަން ޖެހޭކަމަށް އަދި ކުއްޖާގެ މަންމަ ނެތް ނަމަވެސް ދެން ވެސް ޙަޟާނަތު ޙަވާލު ކުރަން ޖެހޭނީ ކުއްޖާއާ ނަސަބުގެގޮތުން ގާތް އަންހެނަކަށް ކަމުގައި ބުނެއެވެ.
ޙަޟާނަތު ޙަވާލުކުރުމުގައި ކުއްޖާގެ މަންމަ އެންމެ އިސްވާކަން އެނގޭ ދަލީލެއް ކަމަށް ޢިލްމްވެރިން ވިދާޅުވާ ދަލީލަކީ، އަންހެނަކު ކީރިތި ރަސޫލާގެ އަރިހަށް އައިސް އެ ކަނބުލޭގެ ފިރިމީހާ އޭނާ ވަރިކޮށްފި ކަމަށާ، ވަރިކުރުމަށްފަހު އެ ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ކުއްޖާގެ ބައްޕަ ގަދަކަމުން އަތުލަން އުޅޭކަމަށް ބުނެ ކީރިތި ރަސޫލާ އަށް ޝަކުވާ ދެންނެވުމުން "أنت أحق به ما لم تنكحي" ( ކަނބުލޭގެ އެހެން މީހަކާއި ކައިވެނި ކުރަންދެން ކުއްޖާ ބެލެހެއްޓުމުގެ ޙައްޤުކަން ބޮޑީ ކަނބުލޭގެއަށެވެ.) މި ފަދައިން ރަސޫލާ ޙަދީސް ކުރެއްވި ކަމަށް ބުނެފައިވާބުނުމެވެ.[2] ކީރިތި ރަސޫލާގެ ބުނެވުނު ޙަދީސް ބަސްފުޅުގެ މައްޗަށް ބަލައި، ކުއްޖެއްގެ ޙަޟާނަތުގެ ތަރުތީބުގައި އަބަދުވެސް ކުއްޖާގެ މަންމަ އިސްވުމަކީ، މި މައުޟޫޢުގައި ވާހަކަ ދައްކާފައިވާ ޢިލްމުވެރިން އިއްތިފާޤުވާ ގޮތެކެވެ. އަދި މިއީ ބައެއް ޢަރަބި އިސްލާމީ ޤައުމުތަކުގެ ޤާނޫނުތަކުގައި ވެސް ޙަޟާނަތު ތަރުތީބު ކުރުމުގައި އިސްކަންދީފައިވާ ގޮތްވެސްމެއެވެ.
ޙަޟާނަތު ޙަވާލުކުރުމުގައި އިސްކަންދޭންޖެހޭ ތަރުތީބާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައިވެސް ބުނެފައިވަނީ، ޙަޟާނަތުގެ ތަރުތީބުގައި ކުއްޖާގެ މަންމައަކީ އެންމެ އިސްކަމެއްދޭންޖެހޭފަރާތްކަމުގައެވެ.[3]
ޙަޟާނަތުގެ ޙައްޤު ކުއްޖާގެ މަންމަގެ ކިބައިން ގެއްލުން: ޙަޟާނަތު ޙަވާލުކުރެވޭ ތަރުތީބުގައި ކުއްޖާގެ މަންމަ އިސްވެ އޮންނައޮތުމުގެ އަސާސްގެ ބިނާއަކީ، ކުދިންގެ މަންމައަކީ ކުދިންނަށް އެންމެ އަޅާލުންތެރި އަދި އެންމެ އޯގާތެރިވާނެފަރާތްކަމުގައި ވާނެތީ އެ ހަމައިގެ މަތިންނެވެ. އެއީ، ޢާއްމުހަމައިން ކަންވާގޮތަކީ އެއީ ކަމުގައިވާތީއެވެ. އެހެންނަމަވެސް ބުނެވުނު އެ ޢާއްމު ހަމައަކީ ތާއަބަދު އެގޮތުގައި ކަން ވާގޮތް ނޫންކަން ކަންކަން ހިނގަމުންދާ ގޮތަށް ބެލުމުން އެނގެއެވެ. ކުދިންގެ މަންމައަކީ ކުއްޖާއާ މެދު އަޅާލުންތެރިކަން އެންމެބޮޑު އަދި އެންމެފަރުވާތެރިވާނެ ފަރާތްކަމުގައި ޢާއްމުހަމައިން ބެލެވުނު ނަމަވެސް އެ ނޫންގޮތަކަށް ކަންވުމަކީ ވެދާނެ ގޮތެއް ކަމަށް ބަލައި، ކުއްޖެއްގެ ޙަޟާނަތުގެ ޙައްޤު ކުއްޖާގެ މަންމަގެ ކިބައިން ގެއްލޭނެ ގޮތްތަކެއް ޢާއިލާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައި އެބައޮތެވެ. މި ގޮތުން ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމަށް ޢާއިލާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް މަންމަގެ ކިބައިގައި ނެތްކަމަށް ޤާޟީއަށް ފެނިއްޖެނަމަ، ޙަޟާނަތުގެ ޙައްޤު ޙަވާލުކުރާނެ ފަރާތެއް ކޯޓުން ކަނޑައަޅަންވާނީ، ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ތަރުތީބުން އިސްކަންދީގެން ކަމަށް ޢާއިލާއާބެހޭ ޤާނޫނުގައި ބުނެފައިވެއެވެ. މި ބުނުމުގެ މައްޗަށް ބަލާއިރު، ކުދިންގެ މަންމަ އަކީ ޙަޟާނަތުގެ ތަރުތީބުގައި އެންމެ އިސްކަމެއް ދޭންޖެހޭފަރާތް ކަމުގައި ވީ ނަމަވެސް ކުދިންގެ މަންމައަށް އޮންނަ ޙަޟާނަތުގެ ޙައްޤަކީ ވަކިސަބަބުތަކެއް މެދުވެރިވުމުން ގެއްލޭނެ ޙައްޤެއްކަން އެނގެއެވެ.
ކުއްޖާގެ މަންމަ ކުއްޖާގެ މަޙްރަމަކާއި ނޫންމީހަކާ ކާވެނި ކުރުން: ކުއްޖާގެ ޙަޟާނަތު ޙަވާލުކޮށްފައިވާ މީހަކީ، ކުއްޖާގެ މަންމަ ކަމަށްވާނަމަ، އެ މަންމަ ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާ ކާވެނިކުރުމުން ޙަޟާނަތުގެ ޙައްޤު ކުއްޖާގެ މަންމައަށް ގެއްލޭނެކަމަށް ސަރީޙަ ޢިބާރާތުން ޢާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގައި ބުނެފައި އެބައޮތެވެ. މި މާއްދާގެ ފެށުމުގައި ބުނަނީ "ތިރީގައި ބަޔާންކުރާ ގޮތެއް މެދުވެރިވެއްޖެނަމަ ޙަޟާނަތު ޙައްޤު ގެއްލޭނެއެވެ."މިފަދައިންނެވެ. އެ މާއްދާގައި އޮތް ގޮތުން އެ މާއްދާގެ ދަށުގައި ހިމެނޭ ކަމެއް މެދުވެރިވެއްޖެނަމަ ޙަޟާނަތުގެ ޙައްޤު ގެއްލޭނެކަމަށް އޮތީ މުޠުލަޤަށް އެކަމަށް އެއްވެސް އިސްތިސްނާއެއް ނެތް ކަމަށް ދޭހަވާ ގޮތަކަށެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުން އެ މާއްދާ އެ ނޫން ގޮތަކަށް އަދި މިހާތަނަށް ތަރުޖަމާ ކުރިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
ކުއްޖާގެ މަންމަ ކުއްޖާގެ މަޙްރަމަކާއި ނޫން އެހެން މީހަކާއި ކާވެނި ކުރުމަކީ، ކުދިންގެ ޙަޟާނަތުގެ ޙައްޤު މަންމަގެ ކިބައިން ގެއްލޭނެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށް ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައި ބުނެފައި އޮންނަ ފަދައިން ޢަރަބި އިސްލާމީ އެހެން ޤައުމުތަކުގެ ޢާއިލާއާބެހޭ ޤާނޫނުތަކުގައިވެސް ބުނެފައިވާތީ ފެންނާން އެބައޮތެވެ.[4] އަދި މިއީ އެ މައުޟޫޢުގައި އިސްލާމީ ފިޤުހުވެރިންގެ މެދުގައި ބަޙުސް ކުރެވިފައިވާ މައުޟޫޢު އެއްވެސްމެއެވެ.
ކުދިންގެ މަންމަ އެހެން މީހަކާ ކައިވެނި ކުރުމުން މަންމައަށް އޮންނަ ޙަޟާނަތުގެ ޙައްޤު ގެއްލޭނެކަމަށް ބުނާ ޢިލްމުވެރިންގެ ރައުޔު ބިނާކުރާ ދަލީލުތަކުގެ މައިގަނޑު ދަލީލަކީ، ކުދިންގެ ޙަޟާނަތުގެ ޙައްޤުގައި ކުދިންގެ މަންމަ އިސްވާނެކަމަށް ބުނެ ފާހަގަކުރި ދަލީލު ކަމުގައިވާ ކީރިތި ރަސޫލާ ވިދާޅު ބަސްފުޅުކަމުގައިވާ أنت أحق به ما لم تنكحي" ( ކަނބުލޭގެ އެހެން މީހަކާއި ކައިވެނި ކުރަންދެން ކުއްޖާ ބެލެހެއްޓުމުގެ ޙައްޤުކަން ބޮޑީ ކަނބުލޭގެއަށެވެ.) މި ޙަދީސް ބަސްފުޅެވެ. މި ޙަދީސް ބަސްފުޅުގައި ބުނެފައިވާބުނުން ތަފްސީރު ކޮށްދެމުން ކުދިންގެ މަންމައަށް އޮންނަ ޙަޟާނަތުގެ ޙައްޤު މަންމަ އެހެން މީހަކާ ކާވެނިކުރުމުން ގެއްލޭނެ ކަމަށް ތާއީދުކުރާ ޢިލްމުވެރިން ބުނަނީ، މި ޙަދީސް ބަސްފުޅުގައި ސަރީޙަ ޢިބާރާތުން "ކުއްޖާގެ މަންމަ އެހެން މީހަކާއި ކައިވެނިކުރަންދެން" މިފަދައިން ޝަރުޠެއް ކުރިމަތިކޮށްފައި އޮތުމުން އެޝަރުޠު އުނިވާ ޙާލަތުގައި ކުދިންގެ ޙަޟާނަތުގެ ޙައްޤު މަންމައަށް ގެއްލޭނެކަމަށެވެ.
މިކަމުގައި އޮތް ބުއްދީގެ ދަލީލެއްކަމަށް ޢިލްމުވެރިން ބުނަނީ، ޙަޟާނަތުގެ އެންމެ އަސާސީ ބޭނުމަކީ ކުއްޖާއަށް އަޅާލުން ދިނުންކަމުގައި ވާއިރު ކުއްޖާގެ މަންމަ އެހެން މީހަކާ ކައިވެނި ކުރުމުން ކުއްޖާއަށް ދޭންޖެހޭ އަޅާލުން އެންމެ ފުރިހަމަގޮތުގައި ނުދެވިދާނެކަމަށެވެ. އަދި ކުއްޖާގެ މަންމަ ފަހުން އިންނަ މީހާއަށް ދަރިން ލިބޭ ޙާލަތުގައި ކުރީގެ ދަރިއަކީ، ދެވަނަ ދަރަޖައިގެ ކުއްޖެއްގެ ގޮތުގައި ބަލަން ފަށާފާނެކަމަށާއި އެކަމަކީ ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުތަކެއް ކޮށްފާނެކަމެއް ކަމަށެވެ.
މިބުނެވުނު ދަލީލުތަކުގެ މައްޗަށް ބުރަވެ ހުރެ، ކުއްޖާގެ މަންމަ ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާއި ކާވެނި ކުރުމުން އެ ކުއްޖެއްގެ ޙަޟާނަތުގެ ޙައްޤު މަންމަގެ ކިބައިން ގެއްލޭގޮތާ ގުޅޭގޮތުން އިސްލާމީ ފިޤުހުވެރިން ދައްކާފައިވާ ވާހަކަތައް ބެހެނީ މައިގަނޑު 3 ރައުޔެއްގެ މައްޗަށެވެ. އެއިގެ ތެރެއިން؛
ފުރަތަމަ ރައުޔަކީ، ކުދިންގެ މަންމަ ކުއްޖާގެ މަޙްރަމަކާއި ނޫން ފިރިހެނަކާއި ކާވެނިކުރުމާއިއެކު ކުއްޖާގެ ޙަޟާނަތުގެ ޙައްޤު މަންމަގެ ކިބައިން ގެއްލޭނެކަމަށް ބުނާ ބުނުމެވެ. އަދި އެއީ މުޠުލަޤަށް އޮންނަ ކަމެއް ކަމަށް ބުނާ ބުނުމެވެ. މިއީ އިމާމް އަބޫޙަނީފާ އާއި މާލިކީ އަދި ޝާފިޢީ މަޒުހަބުގެ ރައުޔެވެ.
ދެވަނަ ރައުޔަކީ، ކުއްޖާގެ މަންމަ އެހެން މީހަކާ ކާވެނި ކުރިނަމަވެސް ކުއްޖާގެ ޙަޟާނަތު މަންމަގެ ކިބައިން ނުގެއްލޭނެކަމަށް ބުނާ ބުނުމެވެ. މިއީ އަލްޙަސަނު އަލް ބަސަރީ އަދި އިބްން ޙަޒްމުގެ ރައުޔެވެ.
ތިންވަނަ ރައުޔަކީ، ކުއްޖާއަކީ ފިރިހެންކުއްޖެއްނަމަ މަންމަ އެހެން ފިރިހެނަކާ ކައިވެނިކުރުމުން ކުއްޖާގެ ޙަޟާނަތު ގެއްލޭނެކަމަށާއި އެހެން ނަމަވެސް ކުއްޖާއަކީ އަންހެން ކުއްޖެއްނަމަ ކުއްޖާގެ ޢުމުރު 07 އަހަރު ފުރެންދެން ނުވަތަ ކުއްޖާ ބާލިޣުވަންދެން ކުއްޖާގެ ޙަޟާނަތު މަންމަގެ ކިބައިން ނުގެއްލޭނެ ކަމަށް ބުނާ ބުނުމެވެ. މިއީ އަލްއިމާމް އަޙުމަދުގެ އެއް ރިވާޔަތެއްގައި ބުނެފައިވާ ބުނުމެކެވެ.
ޢިލްމްވެރިންގެ މެދުގައި އުފެދިފައިވާ މިޚިލާފުގެ މައްޗަށް ކުރެވިފައިވާ ބަޙުސްތަކުގެ މައްޗަށް ބަލާއިރު އެ ޚިލާފުތަކުގެ އަދި ބަޙުސްތަކުގެ އަސްލު ބިނާވަނީ ކުއްޖާގެ މަސްލަޙަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބެލުމުގެ މައްޗަށެވެ. މަންމަ އެހެން މީހަކާ ކައިވެނި ކުރާ ކުރުމުން ކުދިންގެ މަންމަ ޙަޟާނަތުގެޙައްޤު ގެއްލޭނެކަމަށްބުނެ ފާޅުކޮށްފައިވާ ޚިޔާލުތަކަކީ ވެސް އަދި އެ ޙައްޤު ގެއްލިގެންނުދާނެކަމަށް ބުނެ ފާޅުކޮށްފައިވާ ޚިޔާލުތައްވެސް ވަށައި އެނބުރިފައިވަނީ "ކުއްޖާގެ މަސްލަޙަތު ޙިމާޔަތްކުރުން" މި އަސާސްގެ މައްޗަށެވެ.
އިސްތިސްނާ ޙާލަތެއް އޮންނަން ޖެހުން: ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައި، ކުދިންގެ މަންމަ އެހެން މީހަކާއި ކާވެނި ކުރުމުން މަންމައަށް އޮންނަ ޙަޟާނަތުގެ ޙައްޤު ގެއްލޭނެކަމަށް ބުނާ މުޠުލަޤު ގޮތާ ޚިލާފަށް ބައެއް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޤާނޫނުތަކުގައި އެ އުސޫލުގެ މައްޗަށް އިސްތިސްނާތަކެއް ދީފާވާކަން ފެންނަން އެބައޮތެވެ.
މިސާލަކަށް، އެމިރޭޓްސް،ޢުމާން،ޤަތަރު އަދި ބަޙްރައިން މިޤައުމުތަކުގެ ޢާއިލާއާ ގުޅުން ހުރި ޤާނޫނުތަކުގައި، ކުއްޖާގެ މަންމަ ކުއްޖާގެ މަޙްރަމަކާ ނޫން އެހެން މީހަކާ ކައިވެނިކޮށް ރޭކުރުމުން މަންމައަށް އޮތް ޙަޟާނަތުގެ ޙައްޤު ގެއްލޭނެކަމަށް ބުނުމަށްފަހު،އެ ޙާލަތުގައިވެސް ކުއްޖާގެ މަސްލަޙަތު އޮތީ ކުއްޖާގެ މަންމަގެ ކިބައިގައި ޙަޟާނަތުގެ ޙައްޤު ބޭއްވުންކަމަށް ކޯޓަށް ފެނިއްޖެނަމަ ކުއްޖާގެ ޙަޟާނަތުގެ ޙައްޤު މަންމަގެކިބައިގައި ބޭއްވިދާނެކަމަށް ބުނެފައިއެބައޮތެވެ.[5]
ޢިރާޤުގެ ޢާއިލާއާ ގުޅުންހުރި ޤާނޫނުގައި އެކަމާއި ގުޅޭ ގޮތުން ބުނެފައިވަނީ، ކުއްޖާގެ މަންމަ އެހެން މީހަކާ ކާވެނި ކުރާ ހިނދުން ފެށިގެން މަންމައަށް އޮންނަ ޙަޟާނަތުގެ ޙައްޤު ނުގެއްލޭނެ ކަމަށެވެ. ކުއްޖާގެ މަންމަ އެހެން މީހަކާ ކާވެނި ކުރުމުން ކުއްޖާގެ ޙަޟާނަތު ގެއްލޭނީ ފަހުން ކުރެވުނު ކައިވެނީގެ ސަބަބުން ކުއްޖާއަށް އެކަމުގެ ގެއްލުން ލިބޭކަން ފާޅުވާން އޮންނަ ޙާލަތުގައި އެކަނި ކަމަށެވެ. މިޤައުމުތަކުގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު ކުއްޖާގެ މަންމަ އެހެން މީހަކާއި ކާވެނިކުރުން އެއީ ހަމަ އެކަނި އެސަބަބަށްޓަކައި ކުއްޖާގެ މަންމައަށް ކުއްޖާގެ މައްޗަށް އޮންނަ ޙަޟާނަތުގެ ޙައްޤު ގެއްލޭ ސަބަބެއް ނޫންކަމުގައި ބުނެދެއެވެ.އަދި ކުއްޖާގެ މަސްލަޙަތު އޮތް އެންމެ ރަނގަޅު ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށް އެ ޙާލަތުގައިވެސް ކުއްޖާގެ މަންމައަށް ކުއްޖާގެ މައްޗަށް އޮތް ޙަޟާނަތުގެ ޙައްޤު ދެމެހެއްޓިދާނެކަން އެނގެއެވެ.
މީގެއިތުރުން މާލިކީ މަޒުހަބުގެ ޢިލްމުވެރިންގެ ރައުޔަކީ، ކުއްޖާގެ މަންމަ އެހެން މީހަކާ ކާވެނި ކުރުމުން ޙަޟާނަތުގެ ޙައްޤު މަންމައަށް އަށް ގެއްލިގެން ދިއުންކަމުގައިވީނަމަވެސް ކުއްޖާގެ މަންމަ އެހެންމީހަކާއި ކާވެނިކުރިކަން ޙަޟާނަތުގެ ޙައްޤު ދެން ލިބެން އޮތްފަރާތަށް އެނގިހުރެ އެކަމާމެދު އިންކާރެއް ކުރުމެއްނެތި އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ހުރެއްޖެނަމަ މަންމައަށް އޮތް ޙަޟާނަތުގެ ޙައްޤު ގެއްލިގެން ނުދާނެކަމަށް ބުނެފައިވެއެވެ.
ކުއްޖާގެ މަސްލަޙަތު ވ. ކުއްޖާގެ މަންމަ އެހެން މީހަކާ ކާވެނިކުރުން: މިމައުޟޫޢުގެ ފެށުމުގައި ފާހަގަކުރިފަދައިން ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމުގައި ޢަމަލު ކުރަންވާނީ، ކުއްޖާގެ މަސްލަޙަތަށް އެންމެރަނގަޅުގޮތަށް ކަމަށްބުނެ އެމޭރުމުން އެކަން ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައި ލާޒިމް ކޮށްފައިވާކަން އެނގެން އެބައޮތެވެ. އަދި އެއީ ޙަޟާނަތުގެ އަސާސް ކަމުގައިވެސް ބުނެވިއްޖެއެވެ. ހަމަ އެގޮތަށް ކުއްޖާގެ މަންމަ އެހެން މީހަކާ ކާވެނި ކުރުމުން ކުއްޖާގެ މަންމައަށް ޙަޟާނަތުގެ ޙައްޤު ގެއްލޭނެކަމަށް ޢާއިލާއާބެހޭ ޤާނޫނުގައި ބުނެފައިވާކަންވެސް ފާހަގަ ކޮށްފީމެވެ. ސުވާލު އުފެދެނީ، މިދެ ޙާލަތު ބައްދަލުވެއްޖެހިނދެއްގައި އިސްކަންދޭންޖެހޭނީ މި ތަނުން ކޮން ޙާލަތަކަށްކަމާއި މެދުގައި އޮންނަ ސުވާލެވެ؟
މިސާލަކަށް، ކުއްޖާއަކީ، މަންމަގެ ރިޢާޔަތްތެރިކަމަށް ބޭނުންވާފަދަ ތުއްތުކުއްޖަކަށް ވެދާނެއެވެ.މަންމައެއްގެ ޚާއްސަ ސަމާލުކަމެއް ދޭންޖެހޭފަދަ ބަލިކުއްޖަކަށް ކުއްޖާ ވެދާނެއެވެ.ދެމަފިރިން ވަރިވާން ދިމާވި ސަބަބަކީ ކުއްޖާގެ ބައްޕަ ކުއްޖާއަށް އަނިޔާވެރިވުންކަމަށްވެސް ވެދާނެއެވެ.ނުވަތަ އެނޫންވެސް އެފަދަ ސަބަބެއް އޮވެގެން ކުއްޖާގެ މަންމަގެ ގާތުގައި ކުއްޖާ ހުރުމުގެ މަސްލަޙަތު އެއީ އެންމެ ރަނގަޅު ގޮތްކަން ފާޅުކަންފެންނަ އޮންނަ ޙާލަތެއް އޮވެދާނެއެވެ.ސުވާލަކީ، މި ކަން އެނގިހުރެ އަދި އެކަން ކޯޓަށް ސާބިތުވާ ހެކިތައް ހުށަހެޅުނުކަމުގައިވިޔަސް ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައި،ކުއްޖާގެ މަންމަ އެހެން މީހަކާ ކާވެނި ކޮށްފިނަމަ ކުއްޖާގެ ޙަޟާނަތު ގެއްލޭނެކަމަށް އޮތް އޮތުމަށްޓަކައި ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމަގެ ކިބައިން ނިގުޅައިގަތުން އެއީ އެންމެ ޢަދުލުވެރި އަދި އިޙްސާންތެރި އަދި ކުއްޖާއަށް އެންމެ މަސްލަޙަތު ރަނގަޅުގޮތްތޯ އެވެ.އަދި އެއީ ޤާނޫނުގެ ރޫޙު އެކަމުގައި އޮތް ގޮތްތޯއެވެ.އަދި އެއީ ކުދިންގެ ޙައްޤުގައި ކުދިންގެ މަންމަ އިތުރު ކައިވެންޏެއް ކުރަން ފަސްޖެހުމަށް މަޖުބޫރުކުރުވަންޖެހޭ ސަބަބެއްތޯއެވެ.
ބުނެވުނު މައުޟޫޢުގައި އިސްލާމީ ފިޤުހުވެރިއެއް ކަމުގައިވާ އިބްނު ޢާބިދީން ވިދާޅުވެފައިވަނީ އަންނަނިވިފަދައިންނެވެ. "ކުއްޖާގެ މަންމަ ކުއްޖާގެ މަޙްރަމުނޫން ފިރިހެނަކާ ކާވެނި ކުރުމާއެކު މަންމައަށް އޮންނަ ޙަޟާނަތުގެ ޙައްޤު ހަމައެކަނި އެ ސަބަބަށްޓަކައި ގެއްލުމަކީ ކުއްޖާގެ މަސްލަޙަތުގައި އެންމެ ރަނގަޅުނޫން ގޮތްކަމުގައި ފަހަރުގައިވެދާނެއެވެ.މިޙާލަތުގައިވެސް ކުއްޖާގެ މަސްލަޙަތަށް އެންމެ ރަނގަޅުގޮތަކީ ކޮބައިކަން އެކަށީގެންވާމިންގަނޑަކުން ވަޒަންކުރަންޖެހޭނެއެވެ.ފަހަރެއްގައި ކުއްޖާގެ ބައްޕައަކީ ކުއްޖާއަށް ދެރައެއް އެދޭ މީހަކަށްވެ ކުއްޖާގެ މަންމަ އަލަށް އިން ފިރިހެނާ އަކީ ކުއްޖާއަށް މާ އޯގާތެރި މީހަކަށްވެސް ވެދާނެއެވެ. މިފަދައިން ކަންއޮތް ނަމަ ޤާޟީ ކުއްޖާގެ މަންމަ އަތުން ކުއްޖާ އަތުލައިގެން ނުވާނެއެވެ. އެހެނީ ކުއްޖާގެ ޙަޟާނަތު އަބަދުވެސް އެނބުރޭނީ ކުއްޖާގެ މަސްލަޙަތުގެފަހަތުން ކަމުގައިވާތީއެވެ.[7]
[1] ޤާނޫނު ނަންބަރު 2000/4 ޢާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ).
[2] أخرجه أبو داود (2276) وأحمد (6707).
[3] ޤާނޫނު ނަންބަރު 2000/4 ޢާއިލާއާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ).
[4] މިސާލަކަށް،ކުވައިތުގެ ޤާނޫނު އަޙްވާލުއްޝަހްޝިއްޔާގެ 191 ވަނަ މާއްދާގައި ބުނާ ގޮތުން ކުއްޖާގެ މަންމަ އެހެން މީހަކާއި ކައިވެނިކުރާ ވަގުތުންފެށިގެން ކުއްޖާގެ ޙަޟާނަތުގެ ޙައްޤުން ކުއްޖާ މަޙްރޫމް ކުރަންޖެހެއެވެ.
[5] އެމިރޭޓްސްގެ ޤާނޫނުލްއަޙްވާލުއްޝަޙްސިއްޔާ 144/1، ބަޙްރައިންގެ ޢާއިލާބެހޭ ޤާނޫނުގެ 130 ވަނަ މާއްދާ.
[6] ޢިރާޤުގެ ޤާނޫނުގެ 57 ވަނަ މާއްދާ
[7] ޙާޝިޔަތު އިބްން ޢާބިދީން 565/03