ޤާނޫނުގައި ބުނާ މުއްދަތުގައި ޤަވާޢިދު ނުހެދުން-ޢާއްމުކޮށް ދިމާވާ އެހެންނަމަވެސް ފިޔަވަޅެއްއެޅެން ނެތްކަމެއް

ރައްޔިތުންގެމަޖިލީހުން ފާސްކުރާޤާނޫނުތައް އޭގެއެންމެފުރިހަމަގޮތުގައި ހިންގުމަށްޓަކައި ހަދަންޖެހޭޤަވާޢިދުތައްހެދުމަށް ޢާއްމުގޮތެއްގައި ހުންނަނީ ވަކި މުއްދަތުތަކެއް ކަމާބެހޭ މުއައްސަސާތަކަށްދީފައެވެ. ބައެއްފަހަރު 3 މަސް، 06 މަސް އަދި 01 އަހަރު މިގޮތަށެވެ.އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަދި ތަކުރާރުވަމުންދާތަން ފެންނަ މަންޒަރަކީ ޤާނޫނުން އެކަންކުރަން ލާޒިމްކުރާ މުއައްސަސާތަކުން އެކަމުގެމައްޗަށް މާބޮޑުސަމާލުކަމެއް ނުދިނުމެވެ. ޤާނޫނު ހިންގުމަށްޓަކައި ކޮންމެހެން ހަދަންޖެހޭ ޤަވާޢިދުތައް މުއްދަތަށް ނުނިންމުމެވެ. އެކަން އެގޮތަށް ދިމާވާ ސަބަބެއްކަމަށް ފެންނަނީ، މުއައްސަސާއަކުން ޤާނޫނާ އެއްގޮތަށް ޢަމަލުކޮށްފައި ނުވިނަމަވެސް އެކަން ބަލާނެ މީހެއް، ބަލާނެ އިޖުރާއާތެއް،ކަން ނުކުރި މީހަކަށް ވާނެ ގޮތެއް،ދެންވާންވީގޮތެއްގެ އެއްވެސްކަމެއް އެނގެންނެތުމެވެ. އެޅޭނެފިޔަވަޅެއް އަޅާނެފިޔަވަޅެއް ނޭނގުމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި، އައިމިނަތު ނަޢީމާ ވ. މުޙައްމަދު ޝިހާމް މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރެއްގެ ގޮތުން އަޅުގަނޑު އިއްވި ރައުޔުގައި އަންނަނިވި ގޮތަށް އެކަންބޮޑުވުންފާޅުކޮށްފައިވާނެއެވެ.( މިވާހަކަ މީގެކުރިން އަޅުގަނޑު ލިޔުނުލިޔުމެއްގައި ބުނެފައިވާނެއެވެ) "ޤާނޫނެއްގައި ވަކިކަމެއް ވަކިމުއްދަތެއްގައި ކުރުމަށް ވަކި މީހެއް ނުވަތަ ފަރާތެއްގެ މައްޗަށް ލާޒިމްކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާނަމަ އެކަމެއް އެމުއްދަތުގައިކުރުން އެކަމެއްރައްދުވާފަރާތުގެމައްޗަށް ލާޒިމްވާނެއެވެ. ނޫންނަމަވާނީ އެކަމެއްރައްދުވާ ފަރާތަކުން ޤާނޫނާއި އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން ޤާނޫނާއިޚިލާފުވީކަމުގައެވެ. އަދި އެފަދައިން ޤާނޫނާއިއެއްގޮތަށް ކަންނުވެއޮތުން ވެގެންދާނީ ޤާނޫނުން ފޯރުކޮށްދޭންބޭނުންވި މަޤްސަދު ފުރިހަމަގޮތުގައި ޙާސިލުކުރުމަށް ހުރަސްއެޅުން ކަމުގައެވެ. ވަރިކުރުމުގެކުރިން ދެމަފިރިން އެކުގައި ޙާސިލުކޮށްފައިވާމުދާ ޢަދުލުވެރި ބެހުމަކުން ބެހުމުގެ އުސޫލު ޢާއިލާއާބެހޭ ޤާނޫނުން ތަޢާރަފު ކޮށްފައިވަނީ ވަރަށްޚާއްސަ މަޤްސަދުތަކަކާއި މަސްލަޙަތުތަކެއް ޙިމާޔަތްކުރުމަށްޓަކައެވެ. ޢާއިލާއާބެހޭ ޤާނޫނުން ފޯރުކޮށްދޭންބޭނުންވި މަޤްސަދު ޙާސިލުކުރުމަށްޓަކައި މިޤާނޫނު ފާސްވެ ތަސްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުންފެށިގެން 06 (ހައެއް) މަސްދުވަހުގެތެރޭގައި ކަމާބެހޭ މިނިސްޓްރީން ޤަވާޢިދެއް ހަދައި އެކުލަވާލުން ލާޒިމްކޮށްފައިވެއެވެ. މިއެންމެހައި އުޞޫލުތައް ހިމެނޭގޮތުން ޤަވާޢިދެއް ވަކިމުއްދަތެއްގައިހެދުން ކަމާބެހޭމިނިސްޓްރީގެ މައްޗަށް ލާޒިމްކަން އެނގެއެވެ. ޤާނޫނުގައި ބުނާފަދަ ޤަވާޢިދެއް ހެދިފައިނެތީސް އެ ޤާނޫނުގައި ބަޔާންކުރާ ކަންކަން ޢަމަލީގޮތުން ތަންފީޛު ކުރެވޭކަށްނެތެވެ. ޢާއިލާއާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙު ޙަޤީޤީމާނައިގައި ތަންފީޛުކުރުމަށް ބޭނުންނަމަ އަދި އެކަން ތަންފީޛުކުރުމަށްޓަކައި، މި މައްސަލައިގައި ހައިކޯޓުން ޙުކުމް ކުރި ދުވަހުން ފެށިގެން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާއިލާއާބެހޭ ޤާނޫނުގައި ބުނާފަދަ ޤަވާޢިދެއްހަދައި އެޤަވާޢިދެއް ޝާއިޢުކުރުމަކީ ޢާއިލާއާބެހޭ ޤާނޫނުގައިބުނާ މިނިސްޓްރީން ކުރަންޖެހޭނެކަމެކެވެ"

އެއީ، މީގެ 04 އަހަރު ކުރިން 2020 ވަނަ އަހަރު ފަނޑިޔާރެއްގެ ގޮތުގައިހުރެ އަޅުގަނޑު ބުނަންޖެހުނު ބުނުމެކެވެ. ޢާއިލާއާބެހޭ ޤާނޫނުން ކަމާބެހޭމުއައްސަސާގެމައްޗަށް ޤަވާޢިދުހެދުން ލާޒިމްކުރިތާވެސް އެވަގުތާއިހަމައަށް 4 އަހަރުފާއިތުވެއްޖެއެވެ. ކަމަކީ، ވަރަށް ބޭނުންވެގެން އަދި މުހިއްމުކަމެއްކަމުގައިދެކިގެން ރައްޔިތުންގެ މަޖިލީހުން ކުރިކަމެކެވެ. ޤާނޫނުން ލާޒިމް ކުރީމާވެސް، ކޯޓުން ބުނީމާވެސް އަޅުގަނޑު މިލިޔުންލިޔުމާއި ހަމައަށްވެސް ޤާނޫނުގައި ބުނާ އުޞޫލުތައް ހަދާފައެއް ނުވެއެވެ. ޤާނޫނު ފާސްވިތާ 08 އަހަރުވީއިރުވެސް ކަމާބެހޭ މުއައްސަސާއިން އުޞޫލު ނުހެދީމާ އެކަމާއި ކުރާނެ ކަމެއް ނެތެވެ.އައިމިނަތު ނަޢީމާއަށް އިންސާފު ލިބުމުގެ އެއްހުރަހަކަށް އޭރުމިވީ ދައުލަތުގެ މުއައްސަސާއަކުން ކުރަންޖެހުނުކަމެއް ކޮށްފައިނެތުމެވެ. ޙައްޤު ގެއްލުނީ ޤާނޫނަށް ތަބާވާން ބޭނުންވެގެންހުރި މީހާގެއެވެ.

މިއަދު މިމައުޟޫޢުއަށް ލިޔާއިރު، ފަނޑިޔާރެއްގެ ގޮތުގައިހުރެ އަޅުގަނޑު ފާޅުކުރި ކަންބޮޑުވުން މިވަނީ އަނެއްކާވެސް ތަކުރާރުކުރަން ޖެހިފައެވެ. މިފަހަރު އައިމިނަތު ނަޢީމާއާގުޅޭގޮތަކުންނެއްނޫނެވެ. އަޅުގަނޑުގެ މުވައްކިލު ފަޟީލާ ޢުޘްމާނާ ގުޅޭގޮތުންނެވެ. ގިނަ މީހުން ދަންނަ ފަޒީސް ޙިޖާމާ ތެރެޕީގެ މުއައްސިސެވެ.

ޙިޖާމާ ޖެހުމަކީ، ސުންނަތުން ސާބިތުވާ ފަރުވާއެއްކަމަށް ދީނީޢިލްމުވެރިން ވިދާޅުވާ ފަރުވާއެކެވެ. ޙިޖާމާ ފަރުވާ ދިނުމަކީ، މީގެ ކުރިން އެއްވެސްޒަމާނެއްގައި ޤާނޫނެއްގެދަށުންވެސް އަދި ޤަވާޢިދެއްގެދަށުންވެސް ދިވެހިރާއްޖޭގައި މަނާކޮށްފައިވާ ކަމެއް ނޫނެވެ.ދިވެހި ބޭސްވެރިކަން ކުރުމާއި،ފަންޑިތަ ހެދުމާއި،ފޫޅުމާކަން ކުރުމާއި،ޚިތާނު ކުރުމާބެހޭޤާނޫނެއް މީގެކުރިންއޮތެވެ. އެޤާނޫނުގައި ބުނާގޮތުން، އެޚިދުމަތްތައްދިނުމުގައި ދައުލަތުންނަގަންޖެހޭހުއްދައެއް އޮތެވެ. އެދުވަސްވަރުވެސް ޙިޖާމާޖެހުން އެއީ ދައުލަތުން ހުއްދައެއްނަގައިގެން ކުރަންޖެހޭކަމެއް ކަމުގައެއް ބުނެފައެއް ނުވެއެވެ. ކަންމިގޮތުގައި ވަނިކޮށް، 2015 ވަނަ އަހަރު، ޤާނޫނު ނަންބަރު 2015/13 (ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނަމުގައި ޤާނޫނެއް ވުޖޫދުކުރެވުނެވެ. އެ ޤާނޫނުގައި ބުނަނީ، ސިއްޙީ ޚިދުމަތް ދިނުމުގެ ފަންނީމަސައްކަތްތެރިންނަށް އެފަންނަކަށް ޚާއްޞަ އުޞޫލުތަކެއް، އެޤާނޫނުގެ ދަށުންހަދާ ޤަވާޢިދެއްގައި ބަޔާންކުރަންވާނެކަމަށެވެ. ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގައި ބުނާ ފަންނީ މީހުންގެ ކަންކަން ރެގިއުލޭޓް ކުރުމުގެ ބާރު ދީފައިވަނީ، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ނަމުގައި އުފައްދާ ކައުންސިލަކަށެވެ. އެ ކައުންސިލް ވަނީ އުފައްދާފައެވެ.

މި ބުނެވުނު،ޤާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާޢިދުތަކުގެ ތެރެއިން، މޯލްޑިވްސް އެލައިޑް ހެލްތް ޕްރޮފެޝަނަލުންނާ ގުޅޭކަންކަމުގައި ޤަވާޢިދު ހަދަންޖެހޭނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުންކަމަށް ޤާނޫނުގައި ބުނެއެވެ. އެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެޤަވާޢިދު ނިންމަންޖެހޭނެކަމަށްވެސް ބުނެއެވެ. އެހެންނަމަވެސް ޤާނޫނަށް ޢަމަލު ކުރަން ފެށިތާ 7 (ހަތެއް) އަހަރު ދުވަހަށްވުރެ ގިނަދުވަސްވީއިރުވެސް، އެލައިޑް ހެލްތް ޕްރޮފެޝަނަލުން ރަޖިސްޓްރީކުރުމާއި،ލައިސަންސް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދެއް އެލައިޑް ހެލްތް ކައުންސިލުން އެކުލަވާލަފައި ނުވެއެވެ. އެލައިޑް ހެލްތް ޕްރޮފެޝަނަލުންނަށް ހުއްދަ ދިނުމުގައި ބަލަންޖެހޭނެ ކަންކަމާއި، ހުއްދައަށް އެދި ހުށަހަޅާނެ ލިޔުންތަކާއި، ހުއްދަދިނުމުގައި ކޮންމެހެން ބަލަންޖެހޭ އުޞޫލުތަކަކީ ކޮބައިކަން ބަޔާންކުރަންޖެހެނީ އެލައިޑް ހެލްތް ކައުންސިލުން އެކަމަށް އެކުލަވާލާ ޤަވާޢިދެއްގައެވެ. އެއީ ޤާނޫނު ބުނާގޮތެވެ. ހުއްދަ ދިނުމުގެ ބޭނުމަށް މޯލްޑިވްސް އެލައިޑް ހެލްތުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީންދޭ މަރުކަޒުތަކަކީ ކޮބައިކަން ބުނެދިނުމަކީވެސް އެލައިޑް ހެލްތް ކައުންސިލާ މަތިކޮށްފައިވާ ޒިންމާއެކެވެ.

ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްވެ އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުން އެ ޤާނޫނުން މުޚާޠަބު ކުރެވޭ ފަރާތްތަކާމެދު ޤާނޫނު ވާހަކަ ދައްކާނީ އެއް ހަމައަކުންނެވެ. ވަކިހުއްދައެއްނަގައިގެންމެނުވީ ކަމެއް ނުކުރެވޭކަމަށް ޤާނޫނު ބުނާތީ، އެއީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ބުނާނަމަ، ހުއްދަދޭން ތިބޭމީހުން ޤާނޫނާ އެއްގޮތްނުވެ ޤާނޫނުގައި ބުނާކަންތައްތައް ނުކޮށްތިބޭތިބުންވެސް ވާނީ ޤާނޫނާ ޚިލާފުވުންކަމުގައެވެ.ޢާއްމުފަރުދަކު ޤާނޫނާއި ޚިލާފުވިކަމަށް ބުނެ މުއައްސަސާއަކުން ފިޔަވަޅުތައް އެޅުމުގެކުރިން އެ މުއައްސަސާއަކުން ކުރަން ލާޒިމްކުރިކަންކަން ކޮށްފައިވޭތޯ ޔަޤީން ކުރަންޖެހެއެވެ. މުއައްސަސާއަކުން ޤާނޫނުގައިބުނާގޮތާއިއެއްގޮތްނުވެ ތިބޭތިބުމުގެސަބަބުން އެތަކްލީފު ޢާއްމުމީހާ އުފުލަންޖެހޭގޮތްވުން އެއީ ހަމަ ގޮތެއް ނޫނެވެ.

ކުރިން އައިމިނަތު ނަޢީމާއެވެ. މިފަހަރު ފަޟީލާ ޢުޘްމާނެވެ. އަދިވެސް މި ބާވަތުގެ ކަމެއްގައި އެހެން މީހަކުވެސް އުޅެފާނެއެވެ. ސުވާލަކީ، މިއީ ޢާއްމުކޮށްވާކަމެކޭކިޔާ އެގޮތް އެއީރަނގަޅުގޮތް ކަމަށް ބަލައިގެން ތިބެންވީ ހެއްޔެވެ؟ މިކަންޙައްލުކުރަން ކުރެވެން އޮތީ ކޮންކަމެއް ހެއްޔެވެ. އޭގެ ކުރު ދެ ތިން ޖަވާބެއް އެބައޮތެވެ.ޤާނޫނުގައި ބުނާ މުއްދަތުގައި ޤަވާޢިދު ނުހަދާތީ އެކަން ޙައްލުކުރުމަށް ކުރެވިދާނެ އެއް ކަމަކީ، ޤާނޫނެއް ރަނގަޅަށް ހިންގާލުމަށް އެއްވެސް ޤަވާޢިދެއް ހަދަން ނުޖެހޭގޮތަށް އޮތުމެވެ. އެއިރަށް ޤަވާޢިދެއްގެ ބޭނުމެއްނެތި ޤާނޫނު ހިންގާލެވޭނެއެވެ. ދެވަނަ ގޮތަކީ، ޤާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ޤަވާޢިދުތަކަކީ، ރައްޔިތުންގެ މަޖިލީހުން ހަދަންޖެހޭ ޤަވާޢިދުތަކަކަށް ހެދުމެވެ. އެކަމަށްޓަކައި މަޖިލީހުގައި ޚާއްޞަ ކޮމެޓީއެއް ބާއްވައިގެން އެއީ ޤަވާޢިދު ހަދާ ކޮމިޓީގެ ނަމުގައި މަސައްކަތް ކުރުމެވެ. އެއިރުން ހަދަންޖެހޭ ޤަވާޢިދުތަކާއި ނުހެދިވާ ޤަވާޢިދުތަކުގެ ސާފު މަންޒަރު މަޖިލީހަށް ފެންނާނެއެވެ. ތިންވަނަ ގޮތަކީ، ޤާނޫނާ އެއްގޮތަށް ޤަވާޢިދުތައް ނިންމާތޯ ބަލައި، ކަމާއިގުޅުން ހުރި މުއައްސަސާއަކުން ޤަވާޢިދު މުއްދަތުގައި ނިންމާފައި ނުވާނަމަ އެކަމަށް ފިޔަވަޅުއެޅޭނެގޮތަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުން ބުނެދިނުމެވެ.

ޙަޤީޤަތުގައި މިއީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ނުދެކުނުނަމަވެސް އެކަން ރައްދުވާ އަދި ޤާނޫނެއްގައި ބުނާ ޙައްޤެއް ހޯދަންއުޅޭ ޢާއްމު މީހާގެ ވިސްނުމުން ވިސްނާއިރު ބޮޑު ކަމެކެވެ. ޤަވާޢިދެއް ނެތީމާ ޤަވާޢިދެއް އަންނަންދެން ޙައްޤު ދެވެން ނެތްކަމަށް މުއައްސަސާތަކުން ބުނާ ފަހަރުތައްވެސް އެބަ ހުއްޓެވެ. ޤަވާޢިދެއް ނެތީމާ އެއިރަކު ވިސްނުމަށް އަންނަ އުޞޫލުތަކެއް ގެނެސްގެން އެކި މީހުންނަށް އެކި ގޮތް ހަދާފައިވެސް އެބަ ހުއްޓެވެ. މިއީ، ނިމެން ޖެހޭ ކަމެކެވެ. ނިންމާނެ ގޮތެއް އެބަ ބޭނުންވެއެވެ. އަޅުގަނޑު ބޭނުންވަނީ އައިމިނަތު ނަޢީމާ އާއި ފަޟީލާ ޢުޘްމާނަށް ދިމާވި ފަދަ ކަމެއް އެހެން މީހަކަށް ދިމާނުވުމެވެ. ޤާނޫނުގައި ބުނާ ޤަވާޢިދެއް މުއައްސަސާއަކަށް ހެދިފައި ނެތުމަކީ، ޤާނޫނުން ފަރުދަކަށް ލިބެން އޮތް ޙައްޤަކަށް ހުރަސް އެޅެންޖެހޭ ސަބަބެއް ކަމުގައި ނުވުމެވެ. މުއައްސަސާއެއްގެ އިހުމާލު އެކަމުގައިއޮތްނަމަ އެ މުއައްސަސާއެއްގެ ނުވަތަ އެކަމުގައި ޒިންމާވާން ހުރި މީހަކު ޖަވާބުދާރީވެވޭނެގޮތެއް އޮތުމެވެ. މިފަދަކަމެއް ކުރުމުގެސަބަބުން ފަރުދަކަށްލިބޭ ގެއްލުމުގެބަދަލަށް މުއައްސަސާއަކުން ޒިންމާނަގަންޖެހުމާއިއެކު ގަސްދުގައި އިހުމާލުވެ ޤާނޫނަށް ޢަމަލު ނުކޮށް މުއައްސަސާތަކުގައި ތިބި ކަމާބެހޭ މީހުންވެސް މިކަމުގެ ޒިންމާ ނަގަންޖެހުމެވެ.