ދެމަފިރިން އެކުގައި ހޯދާ ބިމާއި ފުލެޓު އެ ދެމީހުން ވަރިވުމަށްފަހުވެސް ދެމީހުން ޙިއްޞާވާ މުދަލަކަށް ހެދުން

ގޯތި ނުވަތަ ފުލެޓު ލިބުމުގެ އަސާސަކީ، ދެމަފިރިއެއްގެމެދުގައި އޮންނަ ކައިވެނީ ޢަޤުދު ކަމަށްވުމަކީ ކަންހިނގާގޮތެކެވެ. ދެމަފިރިންކަމުގައި ވީތީ އެތަނުން އެކަކަށް ފުލެޓު ނުވަތަ ގޯތި ލިބި އަނެއްކަކަށް ލިބެން އޮތް ގޯތިންނާއި ފުލެޓުން މަޙްރޫމްވުމަކީވެސް ކަންވަމުންދާގޮތެކެވެ. ދެމަފިރިންގެ ގޮތުގައި ތިބޭހާދުވަހަކު އެއިގެ ތެރެއިން ފުލެޓު ނުވަތަ ގޯތި ލިބުނުމީހާ ނޫން އަނެއް މީހާއަށް ފުލެޓާއި ގޯތި ލިބުމުގެ ޝަރުޠު ހަމަނުވުމަކީވެސް ހަމަ ވަމުންދާ ގޮތެކެވެ.

ކައިވެނީގެ ޢަޤުދު އެއީ ޝަރުޠެއް ކަމުގައި ބަލައިގެން ކައިވެނީގެ ބައިވެރިންގެ ތެރެއިން އެކަކަށް ފުލެޓު ނުވަތަ ގޯތި ލިބުމަށްފަހު އަދި ފުލެޓާއި ގޯތި އެއިގެތެރެއިން އެކެއްގެނަމަށް ރަޖިސްޓްރީ ކުރުމަށްފަހު، ކައިވެނީގެ ޢަޤުދުނިމި ދެމަފިރިން ވަކިވާ ހިނދުން ފެށިގެން ދިމާވަމުން އަންނަ ބޭއިންސާފެއް އެބައޮތެވެ. ކައިވެނީގެ ޢަޤުދުނިމި ދެ މީހުން އަޖުނަބީންނަށް ވާހިނދުން ފެށިގެން ދެމަފިރިން އެކުގައި ހޯދާފައިވާ ބިމާއި ފުލެޓާއި މެދު ދިމާވަމުން އަންނަ ބޭއިންސާފަކީ، ކައިވެނީގެ ޢަޤުދުގެމަތީގައި ތިބި އިރު ގޯތި ނުވަތަ ފުލެޓް ލިބުނު މީހާ ނޫން އަނެއް މީހާ ހުސްއަތާ ދާން ޖެހުމެވެ. ދެމަފިރިންގެ މަސްލަޙަތު އޮވެގެން ލިބުނު އަދި ދެ މީހުންވެގެން ބިނާކުރި ގޯއްޗާއި ފުލެޓަށް އެއްވެސް ބާރެއް ނުފޯރުވޭ ގޮތަށެވެ. އެއީ ވީ ކަމެއްކަންވެސް ހީ ނުވާ ގޮތަށެވެ.

ކައިވެނީގެ ޢަޤުދުގެ މަތީގައި ދެމަފިރިން ތިބޭއިރު ދެމަފިރިން އެކުވެގެން ހޯދާ މުދާ (ގޯތި އަދި ފުލެޓްވެސް ހިމެނޭ ގޮތުން) ބެހުމުގައި ދިމާވަމުންދިޔަ ބޭ އިންސާފަށް ޤާނޫނީ ޙައްލެއް ހޯދަ ދިނުމަށް މަސައްކަތްތަކެއް ކޮށްފައިވާތީ ފެންނަން އެބައޮތެވެ. 2000 ވަނަ އަހަރު ޢަމަލުކުރަންފަށާފައިވާ ޢާއިލާއާބެހޭ ޤާނޫނަށް ގެނެވުނު ދެވަނަ އިސްލާޙުގައެވެ. ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އަށް ދެވަނަ އިސްލާޙުގެނައުމުގެ ޤާނޫނު، ޤާނޫނު ނަންބަރު 2016/9 ގެ 32 ވަނަ މާއްދާގެ (ހ) ގައި، ދެމަފިރިން އެކުގައި ތިބޭއިރު ހޯދާ މުދާބެހުމާއި ގުޅޭގޮތުން ކަނޑައަޅާފައިވާ މައިގަނޑު އުޞޫލުގައި ބުނަނީ، ދެމަފިރިންގެ މެދުގައި މުދަލާއި ގުޅޭގޮތުން އެއްބަސްވުމެއް އޮތްނަމަ، ވަރި ސާބިތު ކުރުމުގެ މައްސަލައިގެ ތެރޭގައި އެމުދަލާއި ގުޅޭގޮތުން ގޮތެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދެވިދާނެ ކަމަށެވެ. އަދި އެގޮތަށް އެދެފިނަމަ ޢަދުލުވެރި ބެހުމަކުން މުދަލާއި ފައިސާ ދެމަފިރިންގެ މެދުގައި ބެހުމުގެބާރު ކޯޓަށްލިބޭ ކަމަށެވެ.

ޢާއިލާއާބެހޭ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނެވުނީ ކިތަންމެ މާތް މަޤްޞަދެއްގައި ކަމަށްވިޔަސް އެއިސްލާޙުގައި ބުނާ ގޮތަށް ކަންކުރާތީ ފެންނަނީ ވަރަށް މަދުންނެވެ.އެ އިސްލާޙުގައި ބުނާގޮތަށް މުދާ ބަހަން އެދެނީ އަދި މުދަލާއި ފައިސާގެ ކަންކަމާއި މެދު ކައިވެނީގެ ކުރިން އެއްބަސްވުމެއް ވަނީވެސް ވަރަށް މަދުބަޔެކެވެ. އެއް ގޮތަކީ، އެކަމުގެ މަޢުލޫމާތު ނޭނގުމެވެ. އަނެއް ގޮތަކީ، އެ ފަރުވާއަކީ، ފަސޭހައިން ލިބެން އޮތް ފަރުވާއަކަށް ނުވުމެވެ. ޤާނޫނުން ލާޒިމް ކުރާކަންކަން ކަމާގުޅުންހުރި މުއައްސަސާތަކުން ހަދާފައި ނެތުމެވެ.

ޢާއިލާއާބެހޭ ޤާނޫނުގައި ބުނާ، ދެމަފިރިން ވަރިވުމުން ދެމަފިރިން އެކުވެގެން ހޯދާ މުދަލުގެ މި އުޞޫލަކީ ކޯޓުގެ މަރުޙަލާގެ ތެރެއިން ޓެސްޓް ކުރެވިފައިވާ އުޞޫލެކެވެ. ކަން ދިމާކުރިގޮތުން އެ އުޞޫލާއި ގުޅިގެން ދަށު ކޯޓުން ނިންމި ދެ ނިންމުމެއްގެ އިސްތިއުނާފު މަރުޙަލާގެ ފަނޑިޔާރުންގެ ބެންޗުގައި އަޅުގަނޑު ބައިވެރިވީމެވެ. މައުޟޫޢުގައި ކުރިއަށް ދިއުމުގެ ކުރިން އެ ނިންމުންތަކުގެ ތަފްޞީލު ކޮންމެވެސް މިންވަރަކަށް ގެނެވޭތޯ މަސައްކަތް ކުރާނަމެވެ.


· އާމިނަތު ނަޢީމާ ވ. އަޙުމަދު ޝިޔާމް - ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/24 ) ނަންބަރު ޤަޟިއްޔާ

  • މައްސަލައަކީ، އާމިނަތު ނަޢީމާ،އަޙުމަދު ޝިޔާމާ ކައިވެނިކޮށްގެން އުޅުނު މުއްދަތުގައި ދެމަފިރިން އެކުވެގެން ހޯދާފައިވާ މުދާ ބަހައިދިނުމަށް ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުމުން ފެމިލީ ކޯޓުން އެމައްސަލަ ބަލައި ނުގަނެ ރަޖިސްޓްރޭޝަން މަރުޙަލާއި ބޭރުވުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު މައްސަލައެކެވެ.

އާމިނަތު ނަޢީމާގެ ފަރާތުން ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެ ދެމަފިރިންގެ ކައިވެންޏަށް 33 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ދެ މީހުންގެ ކައިވެނި ރޫޅާލުމުން، މި ދެމަފިރިން ދިރިއުޅެން ދީފައިވާ ބަންޑާރަ ގޯއްޗަކީ ދެމަފިރިން އެކުގައި ތިބީތީ ލިބުނު ގޯއްޗެއްކަމަށް އަދި ކައިވެނީގެ މުއްދަތުގައި އާމިނަތު ނަޢީމާއަށް އެހެން ގޯއްޗަކަށް ފުރުސަތު ނެތުނީވެސް އެ ޢަޤުދު މަތީގައި ތިބި ތިބުމެއްގެ މައްޗަށް ބުނެ ގޯތީގެ މައްޗަށް އާމިނަތު ނަޢީމާގެ ޙައްޤު އޮންނާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އާމިނަތު ނަޢީމާގެ ފަރާތުން ހުށަހެޅި މައްސަލަ ފެމިލީ ކޯޓުން ބަލައި ނުގަތް މައިގަނޑު ސަބަބެއް ކަމުގައި ބުނެފައިވަނީ، ޢާއިލާއާބެހޭ ޤާނޫނުގައި ބުނާފަދަ އެއްބަސްވުމެއް މިދެމަފިރިންގެ މެދުގައި ނެތްނެތުމާއި، ވަރީގެ މައްސަލަ ހިނގާދިޔައިރު މުދާ ބެހުމުގެ އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ މި މައްސަލައަކީ އެ ހިނދަށް ފެމިލީ ކޯޓަށް ބެލެވޭނެ މައްސަލަ އެއް ނޫންކަމަށް ބުނެއެވެ.

- މި މައްސަލަ ނިންމުމުގައި ހައިކޯޓުގެ ފަނޑިޔާރުން ކަފިވީ މައިގަނޑު 3 ރައުޔެއްގެ މައްޗަށެވެ. ފަނޑިޔާރު ނިޔާޒު އަށް ފެނުނީ މި މައްސަލަ ފެމިލީ ކޯޓަށް ބެލޭނެކަމަށެވެ. އަދި އެ ކޯޓުގެ އިޚްތިޞާޞް އޮތްކަމަށެވެ. ފަނޑިޔާރު ނިޔާޒު ލިޔުއްވާފައިވާ ރައުޔުގައި ބުނާ ޙުއްޖަތްތައްވެސް ވަރުގަދައެވެ.

- މި މައްސަލަ ނިންމުމުގައި އަޅުގަނޑަށް ފެނުނީ، ޢާއިލާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާ އެ އޮތް ގޮތުން، ދެމަފިރިން އެކުވެގެން ހޯދާ މުދާ ބަހަން އެދޭ ނަމަ އެކަމުގެ މައްޗަށް ވެވިފައިވާ އެއްބަސްވުމެއް އޮންނަން ޖެހޭނެކަމުގައެވެ. އެފަދަ އެއްބަސްވުމެއް ވެފައި ނުވާނެކަމަށް އާމިނަތު ނަޢީމާ ބުނެފައި ވެއެވެ. ދެވަނަ ކަމަކަށް އަޅުގަނޑަށް ފާހަގަވީ ކައިވެނީގެ މަތީގައި ތިބިއިރު ހޯދާފައިވާ މުދާ ބަހަން ހުށަހަޅަންޖެހޭނީ ކައިވެނި ރޫޅާލުމުގެ ކުރިން ވަރި ކުރުމުގެ މަރުޙަލާގައި ކަމުގައެވެ. ކައިވެނި ރޫޅާލުމަށްފަހު ފެމިލީކޯޓުގެ އިޚްތިޞާޞް ގެއްލޭނެކަމުގައެވެ. (ފެމިލީ ކޯޓުގެ އިޚްތިޞާޞް ގެއްލުމަކީ މައްސަލަ މަދަނީ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް ހުށަނޭޅޭނެ ކަމެއް ނޫނެވެ.) މި މައްސަލަ އާމިނަތު ނަޢީމާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިކަން ސާފެއް ނޫނެވެ.

މި މައްސަލަ ނިންމުމުގައި، އަޅުގަނޑުގެ ފަރާތުން ފާހަގަ ކުރި ކަންކަމުގައި، ދައުލަތުގެ މުއައްސަސާތަކުން ޤާނޫނުގައި ބުނާ އުޞޫލުތައް ހަދާފައި ނުވާކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައިވާނެއެވެ. އެއީ ދެމަފިރިންގެ މެދުގައި ޤާނޫނުގައި ބުނާ ހަމައިން ބެހުމަށްޓަކައި ކޯޓުން ކޮންމެހެން ބަލަން ލާޒިމް ކުރާ އުޞޫލު ތަކެކެވެ. ކަމާބެހޭ މިނިސްޓްރީ ހަދަންޖެހޭ އުޞޫލު ތަކެކެވެ. 2016 ވަނަ އަހަރުން ފެށިގެން މިހިނދާ ހަމައަށްވެސް އެ އުޞޫލުތައް ހަދާފައި ނުވެއެވެ.


ދެވަނަ މައްސަލަ : ޞަފޫރާ ނާފިޢު މޫސާ ވ.މުޙައްމަދު ޝަރީފު -ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/60 ޤަޟިއްޔާ

  • މި މައްސަލަ އަކީ، ކުރީގެ މައްސަލައާ ޚިލާފަށް ދަށު ކޯޓަށް މަދަނީ މައްސަލައެއްގެގޮތުގައި ހުށަހެޅި މައްސަލައެކެވެ. ޞަފޫރާ ނާފިޢު މޫސާގެ ދަޢުވާއަކީ،ޞަފޫރާ ނާފިޢު މޫސާ އާއި މުޙައްމަދު ޝަރީފު އާއި ދެމީހުން ކައިވެނީގެ ޢަޤުދުގައި ތިއްބާ، ރަށުން ދޫކުރި ބަންޑާރަ ގޯތީގައި، ދެމަފިރިން ޚަރަދުކޮށްގެން ގެއެއް ޢިމާރާތް ކުރުމަށްފަހު އެ ގެއާއި ގޯތި ދެ މީހުންގެ ނަމަށް ރަޖިސްޓްރީ ކުރުމަށް ދެ މީހުން އެއްބަސްވެ ޞަފޫރާ ނާފިޢު މޫސާގެ ފަރާތުން ޢިމާރާތް ކުރުމަށް ބޮޑެތި ޚަރަދު ތަކެއް ކޮށްފައިވަނިކޮށް ދެ މަފިރިން ވަރިވާން ޖެހުމުން ގެ ޢިމާރާތް ކުރުމަށް ކޮށްފައިވާ ޚަރަދު މުޙައްމަދު ޝަރީފުގެ އަތުން ހޯދުމަށް ހުށަހެޅި މައްސަލަ އެކެވެ.

- މި މައްސަލައިގައި ދަށު ކޯޓުން ނިންމާފައިވަނީ، ޞަފޫރާ ނާފިޢު މޫސާ ޢިމާރާތަށް  ޚަރަދު ކުރި ޢަދަދެއް އެނގެން ނެތުމުން ދަޢުވާ ސާބިތު ނުވާކަމަށެވެ.

- މި މައްސަލަ ހައިކޯޓުން ނިންމުމުގައިވެސް ފަނޑިޔާރުންގެ ރައުޔު ތަފާތު ވެފައިވެއެވެ. މައްސަލަ ނިންމަން އަޅުގަނޑަށް ފެނުނީ ޞަފޫރާ ނާފިޢު މޫސާ ކުރި ދަޢުވާގައި ހިމެނޭ ޚަރަދަކީ ނަގައިދެވެންވާނެ ޚަރަދެއް ކަމަށެވެ. އަދި މައްސަލައިގައި ޚަރަދުގެ މިންވަރު ކަނޑައެޅުމަށްޓަކައި ދަށު ކޯޓަށް އަނބުރާ ފޮނުވަންޖެހޭ ކަމަށެވެ.


ތިންވަނަ މައްސަލަ : ޞަފޫރާ ނާފިޢު މޫސާ ވ.މުޙައްމަދު -ޝަރީފު ސުޕްރީމް ކޯޓުގެ 2021/SC-A/26 ޤަޟިއްޔާ

  • މިއީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބެލި މައްސަލަ އެވެ.

- މައްސަލަ ނިންމުމުގައި ސުޕްރީމް ކޯޓުން މުހިއްމު ދެ ކަމެއް ފާހަގަ ކުރިއެވެ. އެއީ؛ މިފަދަ ދަޢުވާއެއް ކުރާ އިރު އެއްބަސްވުން ވަކި ގޮތަކަށް އޮތުން ލާޒިމް ނޫން ކަނޑައެޅި ކަނޑައެޅުމެވެ. މުޢާމަލާތުގެ މައިގަނޑު ކަންކަމަށް އެއްބަސްވާނަމަ އަދި އެއްބަސްވި ކަންކަމާއި އެއްގޮތަށް މަސައްކަތް ކުރިކަމުގެ ހެކި ހުރެއްޖަނަމަ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުން އޮތީ ކަމުގައި ބެލޭނެކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ދަޢުވާއެއް ކުރުމަށް ޢާއިލާއާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނާ ފަދަ އެއްބަސްވުމެއް އޮތުން ލާޒިމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. ދެވަނަ ކަމަކީ؛ ގޯތި ލިބުމުގެ އަސްލަކީ، ކައިވެނީގެ ޢަޤުދު ކަމުގައިވާނަމަ އަދި ލިބުނު ގޯއްޗަކީ ދެމަފިރިންގެ ތެރެއިން އެކަކު ގޯއްޗަށް ޝަރުޠު ފުރިހަމަ ވުމުގެ އުސޫލުން ލިބުނު ގޯއްޗެއް ނަމަ އެ ގޯތީގައި އަނެއްކަކުގެ މަސްލަޙަތު އުފަންވާނެ މި މައްސަލަ ނިންމުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.

- މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމީ، ދަށު ކޯޓާއި ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ޢިމާރާތް ހުރި ޙާލަތަށް ބަލައި ޢިމާރާތް އަގުކޮށް ޢިމާރާތުގެ އަގުގެ ދެބައި ކުޅަ އެއްބައި ޞަފޫރާ ނާފިޢު މޫސާއަށް މުޙައްމަދު ޝަރީފު ދޭން ޖެހޭކަމަށް ކަނޑައެޅުމަށްފަހު އެވެ.


ޢާއިލާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގެ ބުނާ ކަންކަމާ ގުޅިގެން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ބުނެވުނު ނިންމުންތަކަށް ބަލާއިރު، އަޅުގަނޑުގެ މައުޟޫޢުގެ ސުރުޚީއަކަށް އެ އޮންނަ، ދެމަފިރިން އެކުގައި ހޯދާ ބިމާއި ފުލެޓަކީ، ދެމަފިރިން ވަރި ވުމަށްފަހުވެސް ދެ މީހުން ނަމަށް ރަޖިސްޓްރީ ކުރެވިދާނެ މުދަލެއްކަމަށް ބާރު ލިބެއެވެ. ގޯތި ނުވަތަ ފުލެޓް ލިބުމުގެ އަސްލަކީ ކައިވެނީގެ ޢަޤުދު ކަމުގައިވާނަމަ އެ ގޯއްޗަށް ނުވަތަ ފުލެޓަށް، ގޯތި ނުލިބި އޮތް މީހާގެ މަސްލަޙަތު އުފަންވާނެތީ މިފަދަ ދަޢުވާއަކީ ކޯޓުގައި ކުރެވިދާނެ ދަޢުވާއެއްކަން އެނގެއެވެ. ދެ ފަރާތުގެ މެދުގައި ލިޔުމުން ވެފައި އެއްބަސްވުމެއް ނެތް ނަމަވެސް ޢަމަލު ކުރި ގޮތުން އެފަދަ އެއްބަސްވުމެއް އުފެދިއްޖެކަން ނުވަތަ ނޫންކަން ބެލިދާނެ ކަން އެނގެއެވެ. މިފަދައިން ކަން ނުކުރެވޭނެކަމަށް ބުނާ ސަރީޙަ ނައްޞެއް ޤާނޫނުތަކުގައި އޮތްކަން އެނގޭކަށް ނެތެވެ.

މި ބުނެވުނު ހަމަ މި ނިންމުންތަކުން ފެންނަން އޮތްނަމަވެސް ދެމަފިރިން އެކުގައި ހޯދާ ބިމާއި، ފުލެޓު ފަދަ ޢިމާރާތްތައް ދެ މީހުންގެ ނަމަށް ބަދަލު ކުރުމުގެ މުޢާމަލާތެއްގައި އަދި މިހާތަނަށް ކޯޓުގައި ޓެސްޓް ނުކުރެވޭ މާއްދާއެއް ޤާނޫނު ނަންބަރު 2002/1 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި އެބަ އޮތެވެ. އެ ޤާނޫނުގެ 41 ވަނަ މާއްދާއެވެ. އެ މާއްދާގެ މަފްހޫމަކީ، އެހެން ފަރާތެއްގެ އެއްޗެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ލިޔުމެއް ނެތި އެކި ފަރާތް ފަރާތުގެ އަމިއްލަ ބިމުގައި، ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ދޫކޮށްފައިވާ، ބަންޑާރަ ބިމެއްގައި ހުންނަ ޢިމާރާތާއި، ރުށްގަސް ފަދަ ބިމާއި ގުޅިފައިވާ ތަކެއްޗަކީ، އެ ބިމުގެ ވެރިފަރާތުގެ ނުވަތަ އެއީ ބަންޑާރަ ބިމެއް ނަމަ، އެ ބިމެއް ދޫކުރި ފަރާތުގެ ތަކެއްޗަށް ކަމަށް ބުނާ ބުނުމެވެ. މި މާއްދާގައި އެއޮންނަ ޝަރީޢަތަށް ސާބިތުވާ ފަދަ ލިޔުމަކީ ކޮބައިކަން ކޯޓަކުން ބުނެދީފައެއް ނުވެއެވެ.

މި މައުޟޫޢުގައި އަޅުގަނޑަށް ފެނުނު ގޮތަކީ، ދެމަފިރިން އެކުވެގެން ހޯދާ މުދާ އެ ދެމަފިރިން ވަރި ވުމަށްފަހުވެސް އެ ދެމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރުމުގެ ހުރަހެއް ޤާނޫނީ ގޮތުން އޮތް ކަމުގައި ނުބެލެވޭ ކަމެވެ. ބައެއް ޙާލަތްތަކުގައި މިއީ ކުރެވެންޖެހޭނެވެސް ކަމެއް ކަމެވެ. މިކަން ތަންފީޛު ކުރުމަށް އެންމެ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑަށް ފެންނަނީ، ކައިވެނި ކުރާ އިރު ނުވަތަ ކައިވެނި ކުރުމުގެ ފަހަށްވެސް މި ފަދަ މުދަލަކާއި މެދު ކަންކުރާނެ ގޮތެއް ދެމަފިރިންގެ މެދުގައި އެއްބަސްވެ އެގޮތެއް ލިޔުމަށް ތިރި ކުރުމަކީ ބޭނުން ތެރިކަމެއް ކަމެވެ. އެއިރުން ދެ މަފިރިން ވަރިވުމަށްފަހު އެއިގެ ތެރެއިން އެކަކަށް އެލިބޭ ބޭ އިންސާފު ނައްތާލުމަށް ފަސޭހަ މަގެއް ފެންނަން އޮންނާނެއެވެ.