ދަރިންގެ ޚަރަދު ހަމަޖެއްސުން-ޙައްލެއް ބޭނުންވޭ

މި ހަފްތާގެ ހުކުރު ޚުތުބާގެ މައުޟޫޢު އަކީ، ދަރިންގެ ޚަރަދު ހަމަ ޖެއްސުމާއި ގުޅޭ ދީނީ ގޮތުން ކަންއޮތްގޮތް ބުނެދިން މުހިއްމު ޚުތުބާ އެކެވެ. ޚުތުބާގައި ދަރިންނަށް ޚަރަދުދިނުމުގެ މައްޗަށް ބާރު އަޅައި އެ މައުޟޫޢުގައި މުހިއްމު ގިނަކަންކަން ފާހަގަ ކޮށްފައިވެއެވެ. ދީނީގޮތުން މިއީ ނުހަނު މުހިއްމުކަމެއްގެގޮތުގައި އޮތްކަމެއް ނަމަވެސް ދަރިންގެ ޚަރަދު، އެކަށީގެންވާ ގޮތަށް ނުވަތަ އެއްވެސް ގޮތަކަށް ނުދޭމީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ. ކޯޓުގެ އަމުރަކުން ނޫންގޮތަކަށް މެނުވީ އެފަދަ ޚަރަދުތައް ދޭން ދެކޮޅުހަދާ މީހުންވެސް އުޅެއެވެ. ބައެއްފަހަރު ކޯޓުން އަމުރެއް ކުރުމުންވެސް އެކަން ތަންފީޛުކުރަން ބޭނުންނުވާ މީހުންވެސް އުޅެއެވެ.

މިއީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް ތަންފީޛު ވާންޖެހޭކަމެއް ނަމަވެސް އެކަން އެންމެ އެދެވޭ ބާރުމިނުމުގައި ތަންފީޛުވާތަނެއް ނުފެނެއެވެ.ޚަރަދު ހޯދުމުގެ މައްސަލައިގައި ކުރަންޖެހޭ ބުރަމަސައްކަތުގެ ގޮތުން ނުވަތަ އެކަން ކުރަން އޮންނަގޮތް ނޭނގިގެން ޚަރަދު ހޯދުމުގެ ކަންކަން ކޮޅެއްގައި ޖައްސަން ބޭނުންނުވާ ގިނަބަޔަކު މުޖުތަމަޢުގައި އުޅޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ޤާނޫނުތައް ހަދާ އެ ޤާނޫނުތައް ތަންފީޛުކުރުވުމުގެ ބޭނުމަކީ، ކަންއޮންނަންޖެހޭގޮތާއި އިދިކޮޅަށް އުޅޭ މީހުން ޤާނޫނުގެ ބާރުން ކަންކަން ކުރުވަން ބާރު އެޅުވުމެވެ. ޤާނޫނުގެ އަތް ބޭނުންކޮށްގެންނެވެ. ޤާނޫނުގެ ހަރުކަށިކަން ދައްކައިގެންނެވެ. ޤާނޫނުތަކަކީ، ކަން އޮންނަގޮތަށް އުޅޭމީހުންގެ މައްޗަށް ތަންފީޛުކުރަން ހަދާ އެއްޗެއް ނޫނެވެ. މިހެންކަމުން ޤާނޫނެއް ހަދަންވާނީ އެ ޤާނޫނުން މުޚާތަބު ކުރެވޭ ކަންކަން ތަންފީޛު ވާނެ ގޮތަކަށް ބައްޓަން ކުރެވޭ ގޮތަށެވެ.

ދަރިންގެ ޚަރަދު ދިނުމަކީ، މައިން ބަފައިންގެ މައްޗަށް ދީނީ އަދި ޤާނޫނީ ގޮތުން ލާޒިމް ކޮށްފައި އޮންނަ ކަމެކެވެ. ސުވާލަކީ ލާޒިމް ކޮށްފައި އޮންނަ އެކަން ނުކުރީމާ ނަތީޖާއެއްގެގޮތުން އެކަން ތަންފީޛު ކުރުމަށް ދިވެހިރާއްޖޭގައި އޮންނަ ޤާނޫނީ ނައްސުއްތަކުގެ ބާރު އެ ޤާނޫނަށް ޢަމަލު ނުކުރާ މީހާއަށް ފުރިހަމައަށް ފޯރުވޭތޯ އެވެ.

މިކަމުގެ ޖަވާބު ހޯދުމަށް އޮތް ޤާނޫނަކީ، ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނެވެ. ޢާއިލާއާބެހޭ ޤާނޫނު އޭގެ އަސްލު އޮތް ބައު ކަމަށް ބަލާއިރު އެއީ މި ޒަމާނަށް ފެތޭގޮތަށްއޮތް ޤާނޫނެއް ނޫނެވެ. ޙާލަތާއި، ޒަމާނާއި ގުޅޭ ގޮތަށް އޮތް ޤާނޫނެއް ނޫނެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން ޢަމަލު ކުރަން ފެށި ޤާނޫނުގައި ޒަމާނާއި ނުގުޅޭ އެތައް ކަމެއް ހިމަނާފައި އެބައޮތެވެ. ޢާއިލީ ކަންކަން ތަންފީޛު ކުރާނެ ޤާނޫނެއް އޮތުމަކީ، މިހާރު މި ވާހަކަ ދައްކާ މައުޟޫޢުއަށް ޙައްލެއް ހޯދުމުގެ ފެށުމެވެ. ޤާނޫނީ ޙައްލެއް ހޯދުމުގެ ކުރިން އަޅުގަނޑަށް މި މައުޟޫޢުގައި ފާހަގަ ކުރެވޭ ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ.

ދަރިންގެ ޚަރަދު ހޯދުމަށް ކޯޓަށްދިއުމަށް މައިންގެ ފަރާތުން އެ ކުރަންޖެހޭ މަސައްކަތާއި އުފުލަންޖެހޭ ބުރައަށް ނިމުމެއް ގެންނަންޖެހެއެވެ. އެކަން ކުރުމަށްޓަކައި ފަސޭހަ އިޖުރާއާތަކުން ކޯޓަށް މައްސަލަ ހުށަހެޅޭ ގޮތަށް އޮތުމާއި،އިރުއިރު ކޮޅާ ކޯޓަށް މައްސަލަ ހުށަހަޅަން ނުޖެހޭ ގޮތަށް އޮތުން އެއީ ކުރެވިދާނެކަމެކެވެ. ޚަރަދު ނުދޭ ކޮންމެ ފަހަރަކު ތަންފީޛީ މައްސަލައެއް ހުށަހަޅާ ގޮތަށް އޮތް އޮތުން ބަދަލުކޮށް ކޯޓުން ކޮށްފައިވާ ޚަރަދުގެ މައްސަލައެއް ތަންފީޛު ކުރުން ކޯޓުގެ އަމިއްލަ އިސްނެގުމަށް ފެށުން އެއީ މުހިއްމު ކަމެކެވެ. އިތުރު ލިޔުންތައް ހުށަނޭޅި ނަމަވެސް ކޯޓުން އިސްވެ އުޅެގެން މައްސަލަތައް ތަންފީޛު ކުރަން ފެށުން އެއީ ކުރެވިދާނެ ކަމެކެވެ.

ދަރިންގެ ޚަރަދު ހޯދުމުގެ ތެރެއަށް ބައެއް ޙާލަތްތަކުގައި ދައުލަތުން ވަނުން، އެއީވެސް ވާންޖެހޭ ގޮތެކެވެ. ޚަރަދު ހޯދުމުގެ މައްސަލައެއް ކޯޓަށް ސާބިތުވެ ޚަރަދު ނުދައްކާނަމަ ކުދިންގެ މަންމަގެ ފަރާތުން އެކަން ކުރަން ކޯޓަށް ދުވުމުގެ ބަދަލުގައި، ކުދިންނަށް ކޮންމެހެން ބޭނުންވާ އަސާސީ ބައެއް ކަންކަން ދައުލަތުގެ ފަރާތުން ކުއްޖާއަށް ފޯރުކޮށްދިނުމަށްފަހު ދައުލަތުން އެ ޚަރަދު ދޭންޖެހޭ މީހެއްގެ ފަހަތުން ދިޔުން އެއީވެސް ކުރެވިދާނެ ކަމެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އެއީ ކުރަމުންދާވެސް ގޮތެކެވެ. އެކަން ހަމަ ޖެއްސުމަށްޓަކައި ކޯޓުގައި ނުވަތަ ދައުލަތުން ކަނޑައަޅާ މުއައްސަސާއެއްގައި ދަރިންގެ ޚަރަދުގެ ގޮތުގައި ދޫކުރާނެ ތަކެއްޗާއި، ފައިސާ ހަމަޖައްސާފައި ހުރެއެވެ. އެކަން ކުރުމުގައި ޚައިރާތަށް ހޭދަ ކުރާ މީހުންގެ އެހީތެރިކަންވެސް ހޯދައެވެ.

ކުއްޖާގެ ޚަރަދު ހަމައެކަނި ބައްޕަގެ އަތުން ނަގައިދިނުމުގެ ބަދަލުގައި loco parantis principle ގެ އުސޫލު ބޭނުން ކޮށްގެން ކުއްޖާގެ ދޮންބައްޕަގެ އަތުންވެސް ކޮންމެވެސް މިންވަރެއް ނެގުން އެއީވެސް ކުރެވިދާނެ ކަމެކެވެ. ކުއްޖާގެ މަންމަ އާއި ކައިވެނިކޮށްގެން އުޅޭނަމަ ކުއްޖާގެ މައްޗަށް ދޮންބައްޕައަށްވެސް މާލީ ޒިންމާއެއް އޮންނަ ގޮތް ލާޒިމްކުރުވުން އެއީވެސް ބައެއް ޤައުމުތަކުގެ ޤާނޫނުތަކުގައި އޮންނަ ގޮތެކެވެ.

އަސްލަކީ، ދަރިންގެ ޚަރަދު ނުލިބުން އެއީ ކަންބޮޑުވާ ދަރަޖައަކަށް އޮތް ކަމެކެވެ. އޭގެ ދެކޮޅުގެ ވެސް ވާހަކަތައް ހުރި ކަމެކެވެ. ނަމަވެސް ޚަރަދު ނުލިބި ކުދިން ބަލައި ބޮޑުކުރާ މައިން އެކުރާ ހިތްވަރު އެނގޭނީ އެކަމާއި އެ އުޅޭ މައިންނަށެވެ. އެ މައިންނަށް ޤާނޫނުގެ ރަޙުމުގެ އަތް ބޭނުންވެއެވެ. މިހާރުގެ ޤާނޫނުތަކާއި ޤަވާޢިދުތައް ހުރީ އެ މަގަކުންނެއް ނޫނެވެ.