ފުލުހުން މެދުވެރިކޮށް ޙަޟާނަތުގެ އަމުރު ތަންފީޛުކުރުން

ކައިވެންޏެއްރޫޅި ދެމަފިރިން ވަކިވެގެންދާއިރު އެ ދެމަފިރިންނަށް ކުދިން ލިބިފައިވާނަމަ، އެ ކުދިންގެ ޙަޟާނަތުގެ މައްސަލަތައް އެއީ ޙައްލުކުރަން އެންމެ އުނދަގޫ ބާވަތުގެ މައްސަލައަކަށް އޮންނަނީ ވެފައެވެ. ވަކިން ޚާއްސަކޮށް ދެމަފިރިން ވަކިވެގެންދާއިރު އެ ދެމީހުންގެ މެދުގައި އާދަޔާޚިލާފު ޢަދާވަތްތެރިކަމެއް އޮތްނަމަ ކުދިން ބޭނުންކޮށްގެން އެކަކު އަނެކަކަށް ޖެއްސުންކުރުވުމަކީ، ފެންނަމުންދާ ޙަޤީޤަތެކެވެ.

ޙަޟާނަތުގެ އަމުރުތަކަކީ، އަބަދުވެސް ކުއްޖާގެ މަސްލަޙަތު ކުރިއަށްނެރެ ކުއްޖާގެ މަސްލަޙަތުގައި އެންމެ ރަނގަޅު ގޮތް ބަލައިގެން ކޯޓުން ނެރޭ އަމުރުތަކެކެވެ. ކޯޓުން ނެރޭ އެހެނިހެން އަމުރުތަކެކޭ އެއްގޮތަށް ޙަޟާނަތުގެ އަމުރެއް ނެރެފައި އޮތްގޮތާމެދު ހިތްހަމަ ނުޖެހޭނަމަ އެ މީހަކަށް އަމުރު އިސްތިއުނާފު ކުރުމުގެ ޙައްޤަކީ ލިބި އޮންނާނެ ޙައްޤެކެވެ. އަމުރާއި މެދު ހިތްހަމަ ނުޖެހޭނަމަ، ކަންކުރަން ޖެހޭގޮތަކީ އިސްތިއުނާފު ކުރުމުގެ މަގު ބޭނުންކުރުން ކަމަށްވީނަމަވެސް ކުދިން ވަކި މީހެއްގެ ޙަވާލުގައި ބެހެއްޓުން ލާޒިމްވާ ގޮތަށް ކޯޓުންނެރޭ މިފަދަ އަމުރުތައް އިސްތިއުނާފުކުރުމުގެ ބަދަލުގައި އަމުރު ތަންފީޛުނުކޮށް އަމުރާއި އެއްގޮތަށް ކުދިން ޙަޟާނަތުގެ ޙައްޤުވެރިޔާއާ ޙަވާލު ނުކޮށް ގަދަދައްކާ މަންމައިން އަދި ބައްޕައިން އުޅެއެވެ. މިފަދައިން ކަންދިމާވުން ދެންޖެހޭނީ ކޯޓު އަމުރެއް ފުލުހުންގެ މައްޗަށް ނެރެގެން ގަދަކަމުން އަމުރު ތަންފީޛު ކުރާށެވެ.

ޢާއްމު އުސޫލެއްގެ ގޮތުން ފުލުހުންނަކީ، މަދަނީ އަދި ޢާއިލީ މައްސަލަތަކުގެ އަމުރުތައް ތަންފީޛުކުރާ ބައެއް ނޫނެވެ. އެހެންނަމަވެސް ޚާއްސަ ޙާލަތްތަކެއްގައި ކޯޓުންކުރާ އަމުރެއްގެ ދަށުން އެފަދަ އަމުރުތައް ތަންފީޛުކުރުމަކީ ފުލުހުންގެ ދައުރުގެ ތެރޭގައި ހިމެނޭކަމެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައިވެސް ޢާއިލީ މިފަދަ މައްސަލަތަކުގެ ތަންފީޛީ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން ބޭނުން ކުރެއެވެ. އެހެންނަމަވެސް ޙަޟާނަތުގެ އަމުރުތައް ފަދަ ޢާއިލީ މައްސަލަތަކާއި ގުޅުންހުރި މައްސަލަތަކުގައި ނެރޭއަމުރުތައް ތަންފީޛު ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދާ ޤައުމުތަކުގައިވެސް އެކަން ކުރަނީ، އަމުރު ތަންފީޛު ނުކުރުމުގެ ސަބަބުން ކުއްޖާއަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ މައްޗަށް ބަލައި ވަރަށް ޚާއްސަ ޙާލަތްތަކެއްގައެވެ. ނޫނީ އެކަމުގައި ޖިނާއީ ކުށެއް ހިމެނޭކަމަށް ބެލިގެން އެކަން ހުއްޓުވުމަށެވެ.

ފުލުހުން މެދުވެރިވެ ޢާއިލީ މައްސަލަތަކުގައި ނެރޭ އަމުރުތައް ތަންފީޛު ކުރުމަކީ، ދިވެހިރާއްޖޭގައި ކަންކުރަމުން އަންނަ ގޮތެކެވެ. ޢާއިލީ މައްސަލަތަކުގައި ކޯޓުން ކުރާ އަމުރުތައް ތަންފީޛު ނުވުމުން ފުލުހުން މެދުވެރިވެގެން އަމުރުތައް ތަންފީޛު ކުރެވިދާނެކަމަށް، ފެމިލީ ކޯޓުން ކުރާ ޙުކުމްތައް ތަންފީޛުކުރުމާބެހޭ ޤަވާޢިދުގައި ބުނެފައި އެބައޮތެވެ.[1] އެކަން ކުރާނެ ގޮތުގެ ތަފްސީލީ އިޖުރާއާތުތަކެއް އެ ޤަވާޢިދަކުން ފެންނާކަށް ނެތެވެ.

ޖިނާއީ ކުށްކުށާ ގުޅޭ ކޯޓު އަމުރު ފިޔަވައި، އެނޫން ކަންކަމާ ގުޅިގެން ނެރޭ ކޯޓު އަމުރު ތަންފީޛު ކުރުމުގައި ފުލުހުންގެ ދައުރު އަދާ ކުރުމުގައި ކަން ކުރަންޖެހޭނެ ގޮތްކަމަށް ބަޔާން ކޮށްދެމުން، ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގައި[2] މިފަދަ އަމުރެއް ތަންފީޛު ކުރަންޖެހިއްޖެނަމަ ކަންކުރާނެ ގޮތުގެ ކޮންމެވެސް މިންވަރެއްގެ އިޖުރާއާތުތަކެއް ބުނެދީފައި އެބައޮތެވެ. އެ ގޮތުން އެ ޤަވާޢިދުގައި ބުނާ އެއް އިޖުރާއާތަކީ، ކޯޓު އަމުރެއް ތަންފީޛު ކުރުމުގައި ފުލުހުން ކުރުން ލާޒިމް ކޮށްފައިވާ ކަމަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރެވޭނެ ބާވަތުގެ ކަމެއް ކަމުގައި ނުވާނަމަ، އެފަދަ ކޯޓު އަމުރަކީ، އެގޮތުގައި ފުލުހުންނަށް ތަންފީޛުކުރެވޭނެ އަމުރެއް ނޫންކަމުގައި ބަލައި، އެ ކޯޓު އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުގައި އެދުމެވެ. ދެވަނަ އިޖުރާއާތަކީ، ކޯޓު އަމުރެއް ތަންފީޛުކުރުމަށްޓަކައި، ކުރަންޖެހޭ ކަމެއް ކުރުމަށް، އެހެން މުއައްސަސާއެއްގެ އެހީތެރިކަން ބޭނުންވާނަމަ، އެފަދަ އެހީތެރިކަމެއް ހޯދައިގެން، އެފަދަ އެހީތެރިކަމެއް ބޭނުން ކުރުމެވެ. ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ މި ޤަވާޢިދުގައިވެސް ޙަޟާނަތުގެ އަމުރަށް ޚާއްޞަކޮށްގެން އެފަދަ އަމުރެއް ތަންފީޛު ކުރުމުގައި ޢަމަލު ކުރަންވީ ގޮތުގެ ޚާއްސަ އިޖުރާއާތެއް ނެތެވެ.

ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޢާއިލާއާބެހޭ ޤާނޫނަކީ، 2001 ވަނަ އަހަރު ޢަމަލު ކުރަން ފެށިފައިވާ ޒަމާނަށް ނުފެތޭގޮތަށް އޮތް ބައު ޤާނޫނެކެވެ. އެ ޤާނޫނުގައި ޢާއިލީ މައްސަލަތަކުގައި ނެރޭ އަމުރުތައް ތަންފީޛު ކުރުމުގެ އެއްވެސް އިޖުރާއާތެއް ބުނެދީފައެއް ނުވެއެވެ.

ކުދިންގެ ޙަޟާނަތާއި ގުޅިގެން އުފެދޭ ކަންކަމަކީ ޙައްލުކުރަން އުނދަގޫ ބާވަތެއްގެ ކަމެކެވެ. ކޯޓުން އެފަދަ ކަމެއްގައި އަމުރެއް ކުރިނަމަވެސް އަމުރު ތަންފީޛު ކުރުމުގައި ގޮންޖެހުންބޮޑު ގޮތަކަށް އޮންނަކަމެކެވެ. މިހެންކަމުން ޙަޟާނަތުގެ އަމުރުފަދަ ޢާއިލީ ކަންކަމާއި ގުޅިގެން ނެރޭ އަމުރުތައް ތަންފީޛު ކުރުމުގައި ކަން ކުރަންޖެހޭނެ ގޮތުގެ އިޖުރާއާތުތަކެއް ބޭނުމެވެ. މިފަދަ މައްސަލަތަކުގައި ނެރޭ އަމުރުތައް ތަންފީޛު ކުރުމުގައި ކަން ކުރަންޖެހޭ ގޮތުގެ މައިގަނޑު އަސާސަކީ ކޮބައިކަން ދެނެގަތުމަށްޓަކައެވެ.

ޙަޟާނަތުގެ އަމުރު ތަންފީޛު ކުރުމުގައި ފުލުހުން ޢަމަލު ކުރާނެ ގޮތުގެ ސާފު ސީދާ އިޖުރާއާތުތަކެއް ޤާނޫނެއްގައި ބުނެދީފައި ނުވިނަމަވެސް އެފަދަ އަމުރެއް ތަންފީޛު ކުރުމުގައި ފުލުހުންނަށް ޢަމަލު ކުރެވިދާނެ ބައެއް ގޮތްތައް ކޯޓުތަކުގެ ބައެއް ނިންމުންތަކުންނާއި، ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދަށް ބެލުމުން ފެންނާން އެބައޮތެވެ.

ޙަޟާނަތުގެ ޙައްޤަކީ، ކުޑަކުއްޖާއަށް ލިބިގެންވާ ޙައްޤެކެވެ. ކުދިންގެ ޙަޟާނަތުގެ މައްސަލަތައް ނިންމުމުގައި އަބަދުވެސް ކުއްޖާގެ މަސްލަޙަތަށް އިސްކަންދޭންޖެހުން ބިނާ ވެފައި އޮންނަނީ މި މައިގަނޑު އަސާސްއަށް ބެލިގެންނެވެ. މިހެންކަމުން، ޙަޟާނަތުގެ އަމުރު ތަންފީޛު ކުރުމުގައިވެސް ބަލަން ޖެހޭނީ އެ އަމުރު ތަންފީޛުކުރުމުގެ އިޖުރާއާތު، ކުއްޖާގެ މަސްލަޙަތަށް އެންމެ ފައިދާހުރި ގޮތަކަށް ގެންދާނެ އިޖުރާއާތެއްގެ މައްޗަށް ބިނާކުރުމަށެވެ. ޙަޟާނަތުގެ އަމުރު ތަންފީޛު ކުރުމަށް ކުރާ ކަމެއްގެ ސަބަބުން ކުއްޖާގެ މަސްލަޙަތަށް ގެއްލުންވާ ކަމެއް މެދުވެރިވާކަމަށް ފެންނަނަމަ ތަންފީޛު ކުރުމުގެ އިޖުރާއާތު އެހެން ގޮތަކަށް ބަދަލު ކުރަންޖެހޭ ގޮތުންނެވެ.

ޙަޟާނަތުގެ އަމުރު ތަންފީޛު ކުރުމުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ގޮތަށް އަމުރެއް ފުލުހުންގެ މައްޗަށް ނެރުމުގެ ކުރިން ފުލުހުންނަށް ޙާލަތު ވަޒަން ކުރުމުގެ ފުރުސަތު ދީ އެ އަމުރު ތަންފީޛު ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަކީވެސް ކުރެވެން އޮތް ކަމެކެވެ. އަމުރާއި އެއްގޮތަށް ޢަމަލުނުކޮށްގެން އަމުރު ތަންފީޛުކުރަން ހުށަހެޅުމުން ކޯޓުން ފުލުހުންނަށް ކަމެއް ލާޒިމް ކުރުމުގެ ކުރިން މިފަދަ އަމުރެއް ތަންފީޛު ކުރުމުގައި ފުލުހުންގެ ބަހެއް ހޯދުމަކީ، ކޯޓުން އަމުރު ނެރުމުގެ ކުރީގައި ކުރެވިދާނެ ކަމެކެވެ. ފުލުހުންގެ މައްޗަށް ކަމެއްގައި އަމުރެއް ކުރުމުގެ ކުރިން އަމުރު ރައްދުވާ ފަރާތުގެ ޙައިސިއްޔަތުން ފުލުހުންގެ ބަސް ހޯދުން ލާޒިމްކަމަށް ހައިކޯޓުން ނިންމާފައިވާ ބައެއް ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވެއެވެ.[3]

ދެން އޮތީ، ޙަޟާނަތުގެ އަމުރު ތަންފީޛު ކުރުމުގެ ތެރެއިން އުފެދޭ ކަންކަން ޙައްލު ކުރުމާއި ތަންފީޛު ކުރުމުގައި ކުއްޖާގެ މަސްލަޙަތު އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބެލުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބައިވެރިވުން އޮތުމެވެ. ކުއްޖާގެ ޙަޟާނަތުގެ މައްސަލަ ނިންމުމުގައިވެސް އެ މިނިސްޓްރީން ތައްޔާރު ކުރާ ރިޕޯޓެއްގެ މައްޗަށް ބުރަވެއެވެ. އަމުރެއް ތަންފީޛު ކުރުމުގައިވެސް އެ މިނިސްޓްރީގެ ބައިވެރިވުން ހިމެނޭ ގޮތުން އަމުރު ތަންފީޛު ކުރެވޭނަމަ ކުއްޖާގެ މަސްލަޙަތު އަށް އޮތް އެންމެ ރަނގަޅު ގޮތް ދެނެގަނެވިދާނެއެވެ. ކޯޓު އަމުރެއް ތަންފީޛު ކުރުމަށްޓަކައި، ކުރަންޖެހޭ ކަމެއް ކުރުމަށް، އެހެން މުއައްސަސާއެއްގެ އެހީތެރިކަން ބޭނުންވާނަމަ، އެފަދަ އެހީތެރިކަމެއް ހޯދައިގެން، އެފަދަ އެހީތެރިކަމެއް ބޭނުން ކުރުމަކީ، ފުލުހުން މިފަދަ އަމުރެއް ތަންފީޛު ކުރުމުގައި ޢަމަލު ކުރަންޖެހޭނެ ކަމަށް ބުނާ އިޖުރާއާތެކެވެ.

ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ކުރާ ކަންކަމަކީ އެކަންކަމުގެ މައްޗަށް މާބޮޑު ސަމާލުކަމެއް ކަމާބެހޭ ފަރާތްތަކުން އޮންނަ ކަމެއް ނޫނެވެ. އެކަން ޢާއިލާއާބެހޭ ޤާނޫނަށް އައިސްފައިވާ ބައު ކަމުގެ މައްޗަށް އެކަނި ބެލުމުންވެސް އެނގެއެވެ.


[1]  ފެމިލީ ކޯޓުން ކުރާ ޙުކުމްތައް ތަންފީޛުކުރުމާބެހޭ ޤަވާޢިދުގެ 05 ވަނަ މާއްދާގެ (ހ) 3 ވަނަ ނަންބަރު.

[2]  ފުލުހުންނަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 12 ވަނަ މާއްދާ.

[3]  މިސާލަކަށް ހައިކޯޓުގެ ދައުލަތް ވ.މުޙައްމަދު ޢަލީ އަދި ކޮޅުމަޑުލު ތިމަރަފުށި ކައުންސިލްގެ އިދާރާ 2014/HC-A/250 އަދި ދައުލަތް ވ.ރުޝްދީ މުޙައްމަދު އަދި ކ.ދިއްފުށި ކައުންސިލްގެ އިދާރާ 2019/HC-A/195 ޤަޟިއްޔާ ފަދަ ޤަޟިއްޔާތައް.