"ޚަބީރުންގެ ހެކިބަސް"

ޖިނާއީ ބައެއް މައްސަލަތަކުގައި މައްސަލައިގެ ބާވަތުން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި ޑޮކްޓަރަކު، ނަފްސާނީ އެހީތެރިއަކު ނުވަތަ މަސްތުވާތަކެތި ތަޙްލީލުކުރި ފަރާތަކުން އެ މައްސަލައެއްގައި ހިމެނޭ ކަމަކާއި ގުޅިގެން ތައްޔާރުކުރާ ރިޕޯޓު ކޯޓަށް ހުށަހަޅައެވެ. އެފަދަ ރިޕޯޓުތައް ތައްޔާރުކުރުމުގައި ޢަމަލީ ގޮތުން ޙަރަކާތްތެރި ވަނީ އެކަމުގެ ފަންނީ ބޭފުޅުންނެވެ. އެހެންގޮތަކަށް ބުނާނަމަ އެކަމުގެ ޚަބީރުންނެވެ.


ޚަބީރުންގެ ފަރާތުން ތައްޔާރުކޮށްހުށަހަޅާ މިފަދަ ރިޕޯޓުތައް ކޯޓުތަކަށް ހުށަހެޅުމުން އެ ރިޕޯޓުތަކުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ފާހަގަކޮށްފައިނުވި ނަމަވެސް އެ ރިޕޯޓުތައް ތައްޔާރުކުރާފަރާތްތައް ކޯޓަށް ޙާޟިރުކޮށް އެ ފަރާތްތަކުގެ ބަހެއްހޯދައި އެ ރިޕޯޓަކީ ހަމަ ޙަޤީޤަތުގައިވެސް އެ މީހަކު ތައްޔާރުކުރި ރިޕޯޓެއް ކަމަށް ބުނުވުމަށްޓަކައި ނުވަތަ ރިޕޯޓު ތައްޔާރުކުރިފަރާތުގެ ޢިލްމީ ފާސްތަކަކީ ކޮބައިކަން ބެލުމުގެގޮތުން ރިޕޯޓުތައްޔާރުކުރި ޚަބީރުން ކޯޓުތަކަށް ޙާޟިރުކުރެވޭ ފަހަރުތައް ފެންނަލެއް މަދަދެއް ނޫނެވެ. ސުވާލަކީ، ޚަބީރެއް ތައްޔާރުކޮށްފައިވާ އެ ފަދަ ރިޕޯޓަކާމެދު ޚަސްމަކު އެއްވެސް ސުވާލެއް އުފައްދާފައި ނެތީސް ޚަބީރުން ކޯޓަށް ގެނެސްގެން އެ ފަރާތްތަކުގެ ޝަފަވީ ހެކިބަހެއް ނެގުން އެއީ ޤާނޫނަކުން އެކަން އެގޮތަށް ކުރުމަށް ލާޒިމްކޮށްފައިވާތީ ކުރާކަމެއްތޯ އާއި އެއީ އެކަން ކުރަން އެންމެ ހަމަޖެހޭ ގޮތްތޯއެވެ؟


ޚަބީރުންގެ ބަސް ދިވެހިރާއްޖޭގެ ކޯޓުތަކުން ނަގާގޮތާއި ހެކިންގެ ހެކިބަސް ޝަރީޢަތުން ހޯދާގޮތުގައި މާބޮޑު ފަރަޤެއް ދިވެހިރާއްޖޭގެ ކޯޓުތަކުން ގެންގުޅޭކަން ފާހަގަ ކުރެވިފައެއް ނުވެއެވެ. ކޯޓަށް ގެނެވޭ ޚަބީރާ މެދު ޢަމަލު ކުރެވެނީ ހެއްކަކާއި މެދުގައިވެސް ޢަމަލު ކުރެވޭ އުސޫލުން ކަން ކޯޓުތަކުގައި ކަންހިނގާގޮތަށް ބެލުމުން އެނގެއެވެ. އެހެން ނަމަވެސް ޚަބީރުންނާއި ހެކިން މިއީ ލަފްޒުގެ ގޮތުންވެސް އަދި އެ މީހުންގެ ބަސް ހޯދުމުގައި ކޯޓުތަކުން ޢަމަލުކުރާ ގޮތުގައި ވެސް ތަފާތު ތަކެއް ހުންނަ މުޅިން ދެ ބައެކެވެ. ޚަބީރުންނަކީ، ކަމެއްގެ ފަންނީ މީހުންނެވެ. މައްސަލަ ބަލާ ފަނޑިޔާރުންނަކީ ހުރިހާ ކަމަކަށް މޮޅު މީހުންނަށް ނުވާތީ، ކަމެއްގައި އޮންނަ ފަންނީ ކަމެއްގެ ލަފައެއް ނުވަތަ ކަމެއް ހިނގާގޮތެއް އެނގެން ބޭނުންނަމަ ޚަބީރުންގެ ބަސް ހޯދުން އެއީ ފަނޑިޔާރުގެ އިޚްތިޔާރުގައި އޮންނަ ކަމެކެވެ. ބައެއް ފަހަރު ފަނޑިޔާރު ބޭނުންވުމުން އަދި ބައެއް ފަހަރު ޚަސްމުންގެ ފަރާތުން އެދުމުން ވެސް ޚަބީރުން ގެނެވިދާނެއެވެ. ޚަބީރުން ދޭނީ އެކަމުގައި އެ ފަރާތަކަށް ފެންނަ ރައުޔެކެވެ. މިފަދަ ރައުޔުތައް ހުންނާނީ ގިނަ ފަހަރު ލިޔުމަށް ތިރިކޮށްފައެވެ. ޚަބީރުންގެބަސް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެ ޚަބީރުންގެ ބަހުގެ މައްޗަށް ފަނޑިޔާރު ތަބާވުން އެއީ ކޮންމެ ފަހަރެއްގައި ލާޒިމް ކަމެއް ނޫނެވެ. ޚަބީރެއްގެ ރައުޔު އޮތް ގޮތުން އިތުރު ރައުޔެއް ފަނޑިޔާރު ހޯދަން ބޭނުންނަމަ އެކަން ކުރުމުގެ ފުރުސަތު ފަނޑިޔާރަށް އަބަދު ވެސް އޮންނާނެއެވެ. އެއާ ޚިލާފަށް ހެކިންނަކީ، ކަމެއް ހިނގަނިކޮށް ފެނުނު ނުވަތަ އަޑު އެހި ނުވަތަ ކަމެއް ހިނގިކަން އެނގުނުކަމުގެ މައްޗަށް ހެކިބަސްދޭ މީހުންނެވެ. އެ މީހުން ގެ ފަރާތުން ސާބިތުކޮށްދޭނީ ކަމެއް ހިނގި ކަމުގެ ވާޤިޢާއެވެ. ހެކިންގެ ފަރާތުން ދޭ ހެކި ބަހަކީ މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވުމުގައި ރިޢާޔަތް ކުރުން ލާޒިމްކަމެކެވެ.


ހެކިންނާމެދު ޢަމަލުކުރެވޭ ގޮތަށް ޚަބީރުންނާއިމެދު ވެސް ކަންކުރަންޖެހޭނެކަމަށް ބެލެވޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާދަމް ޙަލީމް ވ.ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [1] ގައި ބުނެފައިވަނީ އަންނަނިވި ފަދައިންނެވެ.

" މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ "ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓް" އަކީ ޚަބީރެއްގެ ރައުޔެއް (އެކްސްޕާޓް އޮޕީނިއަންއެއް) ކަމަށްވާއިރު، ޤާނޫނީ ނަޒަރަކުން ބަލާއިރު ޖިނާއީ ދަޢުވާއަކާގުޅިގެން ޝަރީޢަތަށް ހުށަހެޅޭ އެކްސްޕާޓް އޮޕީނިއަންގެ މައްޗަށް ޝަރީޢަތުން ކަމެއް ނިންމުމުގައި އިންސާފުވެރިކަމާއި ހާމަކަމާއިއެކު ޝަރީޢަތް ހިނގަމުންދާކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ މައްސަލަތައްބަލާ ކޯޓުތަކުން ޚަބީރެއްގެ ރައުޔަށް ބުރަވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އުޞޫލީ ކަންތައްތަކެއް ވާކަމާއި،[2] އޭގެ ތެރޭގައި އެ ޚަބީރަކު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ޤާޟީގެ ކުރިމަތީގައި ތެދުބަހުން ވާހަކަ ދެއްކުމުގެ މައްޗަށް ޝަރުޢީ ހަމަތަކުގެ މަތިން ކުރަންޖެހޭ ހުވައިކުރުމާއި، އަދި އެ ޚަބީރަކު، ރައުޔުދީފައިވާ ކަންތަކާއި ގުޅޭގޮތުން މައްސަލައިގައި ހިމެނޭ ޚަޞްމުންނަށް ޝަރީޢަތުގެ މަޖިލީހުގައި އޭނައާ ސުވާލުކޮށް މުނާޤަޝާކުރުމުގެ ފުރުސަތު ކޯޓުގެ ފަރާތުން ތަނަވަސް ކޮށްދިނުން ހިމެނޭކަމާއި، އެހެނީ ޖިނާއީ ދަޢުވާތައް ކޯޓަށް ހުށަހެޅުމުން، އެފަދަ ދަޢުވާތައް ކޯޓުން ބެލުމުގައި ތަބާވާންޖެހޭ މުހިއްމު ޢާއްމު އުސޫލުތަކެއްވާކަމާއި މީގެތެރެއިން ފުރަތަމަ އުޞޫލަކީ، ހާމަކަމާއިއެކު ޝަރީޢަތް ކުރުމުގެ އުޞޫލުކަމާއި، މި އުޞޫލުގެ ބޭނުމަކީ، ޝަރީޢަތް ކުރުމުގައި ކޯޓުގައި ބޭނުންކުރާ ހުރިހާ އިޖުރާއާތުތަކެއް، އެއްވެސް ތަފާތު ކުރުމެއްނެތި މީސްތަކުންނަށް ފެނުމުގެ ފުރުޞަތުލިބިދީ، ކޯޓުތަކުން ޢަދުލު އިންސާފުގެ ހަމަތަކާއި އެއްގޮތަށް ޝަރީޢަތް ކުރަމުންދާކަން މީސްތަކުންނަށް ކަށަވަރުކޮށްދިނުންކަމާއި، ދެވަނަ އުޞޫލަކީ،ޝަރީޢަތް ކުރުމުގެ އިޖުރާއާތުތައް،ޝަފަވީކޮށް އެންމެންނަށް އަޑުއިވޭގޮތަށް ހިންގޭ އުސޫލުކަމާއި މި އުޞޫލު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު އަސާސަކީ، ހެކިވެރިންނާއި، ޚަބީރުންނާއި މި އެންމެހައި ފަރާތްތަކުން ފަނޑިޔާރުންގެ ކުރިމަތީގައި އެ މީހުންގެ ބަސް އަނގަބަހުން ދިނުމާއެކު އެ މީހުންގެ ވާހަކަތަކާމެދު އަނގަބަހުން މުނާޤަޝާކޮށް ސުވާލުކުރުމުގެ ފުރުޞަތާއި، އަދި ދަޢުވާކުރާ ފަރާތުގެ ހުށަހެޅުންތަކާއި، ދަޢުވާލިބޭ ފަރާތުގެ ދިފާޢުތައްވެސް ޝަފަވީކޮށް އިވޭގޮތަށް ޝަރީޢަތަށް ހުށަހެޅުމުގެ ފުރުޞަތު ލިބިދިނުންކަމާއި، އެހެންކަމުން މި އުޞޫލު ނިޔާކުރަނީ ޤާޟީ ،އޭނާގެ ޙުކުމު އެ މައްޗަށް ބިނާކުރާ ކޮންމެ ދަލީލަކީވެސް ޝަރީޢަތުގެ މަޖިލީހަށް އެކަން ހުށަހެޅި، ޝަފަވީގޮތުން (އަނގަބަހުން) އެ މައްޗަށް ވާހަކަދެކެވި، އަދި ޝަފަވީގޮތުން އެއާމެދު މުނާޤަޝާކޮށް ސުވާލުކުރުމުގެ ފުރުޞަތު މައްސަލައިގެ ޚަސްމުންނަށް ލިބިދިނުންކަމާއި، ތިންވަނަ އުސޫލަކީ، ޖިނާއީ ދަޢުވާގައި ހިމެނޭ ޚަސްމުން އެކަކު އަނެކަކާ ކުރިމަތިލައި މުނާޤަޝާކުރުމުގެ ފުރުޞަތު ލިބިދިނުމުގެ އުޞޫލުކަމާއި، މި އުޞޫލު ބިނާވެފައިވަނީ ޖިނާއީ ދަޢުވާގައި ހިމެނޭ ކޮންމެ ޚަސްމަކުވެސް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ،ފަނޑިޔާރުގެ ހުއްދައާއެކު އަނެއް ޚަސްމު ހުށަހަޅައި ހުރިހާ ދަލީލުތަކެއް ބަލައި، އެއާމެދު އޭނާ ދެކޭގޮތް ހާމަކޮށް އަދި ޚަސްމަކު ހުށަހަޅާފައިވާ ދަލީލުތަކުގެ އިދިކޮޅު ސާބިތުކުރުމަށް ބޭނުންވާ ދަލީލުތަކުން އޭނާއާ އިދިކޮޅު ޚަޞްމާ ކުރިމަތިލައި ވާހަކަ ދެއްކުމުގެ ފުރުޞަތު، މައްސަލައިގައި ހިމެނޭ ހުރިހާ ޚަޞްމުންނަށް ލިބިދިނުމުގެ މައްޗަށް ކަމާއި، މި ބަޔާންކުރެވުނު އެންމެހައި އުޞޫލުތަކެއްވަނީ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންވެގެންނެވެ"


މި ކަންކަން ފާހަގަކުރުމަށްފަހު ސުޕްރީމް ކޯޓުގެ ބުނެވުނު މައްސަލައިގެ ނިންމުމަށް ވާޞިލުވުމުގައި އިތުރަށް ބުނެފައިވަނީ، "މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅުނު "ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް" އަކީ ޚަބީރެއްގެ ރައުޔެއް ކަމުގައިވެފައި، އެ ރިޕޯޓު އެއީ، އެ ޤަޟިއްޔާގައި އުފުލާފައިވާ ކުށުގެ ދަޢުވާ އެއިން ސާބިތުވާ އެއް އަސާސްކަމުގައި ހައިކޯޓުން ބަލާފައިވަނީ، އެ ރިޕޯޓު ތައްޔާރުކުރި ޚަބީރު އެ ރިޕޯޓު ތައްޔާރުކުރިގޮތާމެދު ވާހަކަ ދެއްކުމަށް، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރު ނުކޮށްކަމާއި، އަދި މައްސަލައިގެ ޚަޞްމުންނަށް އެ ޚަބީރާއި ސުވާލުކޮށް މުނާޤަޝާ ކުރުމުގެ ފުރުޞަތުވެސް ދިނުމަކާނުލައިކަން އެނގެން އޮތުމުން، އެ ޤަޟިއްޔާގައި އުފުލާފައިވާ ދަޢުވާ އެއްވެސް ޝައްކެއްނެތް މިންވަރަކަށް ސާބިތުވާކަމަށް ބަލާފައިވަނީ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރެވިފައިވާ އަސާސީ ޙައްޤުތައް ފުރިހަމައަށް ނުލިބިކަމުގައެވެ."


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގައި މިގޮތަށް ކަނޑައެޅުމުގެ ނަތީޖާއެއްގެ ގޮތުން، ޚަބީރުން އެމީހުންގެ ރައުޔު ލިޔުމުން ދީފައި އޮތްނަމަވެސް އަދި އެ ރައުޔާއިމެދު އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައި ނުވިނަމަވެސް ކުރިންވެސް ފާހަގަކުރި ގޮތަށް އެރައުޔު ތައްޔާރުކުރި ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން އެ ރައުޔު ތައްޔާރުކުރީ އެ ބޭފުޅެއްތޯ ބެލުމަށްޓަކައި އަދި ރައުޔު ތައްޔާރުކުރި ފަރާތުގެ ޢިލްމީ ޤާބިލުކަމާމެދު ޝަފަވީ ކޮށް ސުވާލުކުރުމަށްޓަކައި އެކަނިވެސް ޚަބީރުން ކޯޓަށް ޙާޟިރުކުރެވެން ފެށުނެވެ. އަދި އެއީ "ޚަބީރުންގެ ހެކިބަސް" ކަމުގައި ބެލެވެން ފެށުނެވެ.


ޚަބީރުންގެބަސް ޝަރީޢަތުން ހޯދުމުގައި ޢަމަލުކުރަންޖެހޭގޮތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގައި އެއްވެސްކަމެއް ފާހަގަކޮށްފައެއް ނުވެއެވެ. ހެކިންގެ ހެކިބަހާއި ގުޅޭގޮތުން ޤާނޫނުއަސާސީގައި ބުނެފައިވަނީ "ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާއި ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކިންނާއި ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާ ކަމުގައެވެ." މިއީ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަމަށް ޤާނޫނު 51 ވަނަ މާއްދާގެ (ކ) ގައި ބުނެދީފައިވާ ގޮތެވެ. ޚަބީރުންގެ ބަސް ޝަރީޢަތުން ހޯދުމުގައި ކަންކުރަންޖެހޭގޮތް ޤާނޫނުއަސާސީގައި ބުނެދީފައި ނެތް ނަމަވެސް ޚަބީރެއްގެ ރައުޔަކާމެދު މީހަކު ސުވާލެއް އުފައްދާ ޙާލަތެއްގައި އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ޚަބީރުން ކޯޓަށް ގެނެސްގެން އެމީހުންގެ ބަސް ޝަފަވީކޮށް ނެގުން އެއީ ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމުގެ ގޮތުން ކުރަންޖެހޭކަމެއް ކަމަށް އެއްބަހެވެ. ނަމަވެސް ސުވާލަކީ، ޚަބީރެއް ދީފައިވާ ރައުޔަކާމެދު އެއްވެސް ފަރާތަކުން އެއްވެސް ސުވާލެއްވެސް އުފައްދާފައި ނުވަނީސް ޚަބީރުން ޝަރީޢަތަށް ޙާޟިރުކޮށް ހެކިންގެ ހެކިބަސް ހޯދާހެން އެމީހުންގެ ބަސް ކޮންމެ ފަހަރަކު ޝަފަވީކޮށް ނެގުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްތޯއެވެ.


ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގައި ޚަބީރުންގެ ބަސް ނެގުމާއި ގުޅޭގޮތުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވި ނަމަވެސް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި، ޚަބީރުންގެ ހެކިބަސް ނެގިދާނެ ކަމުގެ އިޝާރާތެއް ދީފައި އެބައޮތެވެ. އެއިގެ ތެރޭގައި، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 146 ވަނަ މާއްދާގައި ބުނާ، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ބޭނުންނަމަ ޚަބީރުން ޙާޟިރުކުރެވިދާނެކަމަށް ބުނާ ބުނުމާއި ޚަބީރު ދީފައިވާ ރައުޔުގެ އިތުރު ރައުޔެއް ހޯދުން މުހިއްމުކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް ޚަބީރުން ޙާޟިރުކޮށް އެމީހުންގެ ހެކިބަސް ނެގިދާނެކަމަށް ބުނާ ބުނުމާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 121 ވަނަ މާއްދާގައި ބުނާ، ދަޢުވާ އުފުލިފައިވާ މީހަކީ ސިއްޙީ ގޮތުން އެ ދަޢުވާ ބަލައިގަނެވޭނެ މީހެއް ނޫންކަން ސާބިތު ކުރުމަށް އެ ފަރާތުން ޚަބީރުންގެ ހެކިބަސް ހުށަހެޅިދާނެ ކަމަށް ބުނާ ބުނުމުގެ މައްޗަށް ބަލާއިރު، ޚަބީރުންގެ ހެކިބަސް، ޚަސްމުންގެ ފަރާތުން އެދިގެންވެސް އަދި ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށްވެސް ނެގިދާނެކަން އެނގެއެވެ. މިހެންކަމުން ޚަބީރުންގެ ހެކިބަސް ޝަފަވީކޮށް ނެގުމަކީ ކުރެވިދާނެ ކަމެއްކަން ޖިނާއީ އިޖުރާއާތުގެ ޤާނޫނުން ސާފެވެ. ސާފު ނުވަނީ، ޚަބީރުންގެ ހެކިބަސް ޝަފަވީކޮށް ނަގަން ޖެހޭނެ ޙާލަތްތަކެވެ. ޚަބީރެއްގެ ހެކިބަސް ނެގުމަށްޓަކައި އެމީހަކު ކޮންމެ ފަހަރަކު ކޯޓަށް ޙާޟިރު ކުރަންޖެހޭކަން ނުވަތަ ނޫންކަމެވެ. ޚަބީރަކު ލިޔުމުން ދީފައިވާ ރައުޔަކާ މެދު ހަމަ އެއްވެސް ސުވާލެއް ވެސް ނެތީސް އިތުރު މަސައްކަތެއްގެ ގޮތުން ސީދާ އެ ޚަބީރު ކޯޓަށް ގެންނަންޖެހޭކަން ނުވަތަ ނޫންކަމެވެ. މިބުނެވުނު ސުވާލުތަކުގެ ޖަވާބު އެނގޭގޮތުން ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ޖަވާބެއް ދީފައިވާތީއެއް ނުފެނުނެވެ.


މިފަހުން ޢަމަލުކުރަން ފެށުނު މަދަނީ އިޖުރާއާތުގެ ޤާނޫނަށް ބަލާއިރު، އެ ޤާނޫނުގައި ހެކިންގެ ހެކިބަހާއި ޚަބީރުންގެ ހެކިބަހުގެ ތަފާތު ބުނެދީ އެ ދެ ޙާލަތުގައި ކަންކުރަންވީ ގޮތުގެ ޢާއްމު އުސޫލުތަކެއް ބުނެދީފައިވެއެވެ.[3] ޚަބީރުންގެ ހެކިބަސް ނެގުމުގައި ކަން ކުރަންވީ ގޮތަކީ ކޮބައިކަން ބުނެދެމުން އެ އުސޫލުތަކުގައި ބުނެފައިވަނީ، މައްސަލައެއްގައި ޚަބީރުންގެ ހެކިބަސް ނަގަންވާނީ، އެ މައްސަލައެއްގައި ފައިސަލާ ކުރުމަށްޓަކައި ޚަބީރުންގެ ހެކިބަސް ބޭނުންވާ ކަންކަމުގެ މައްޗަށް އެކަނި ކަމުގައެވެ.[4] ޚަބީރުންގެ ހެކިބަސް ދޭންވާނީ ލިޔުމުން އޮންނަ ރިޕޯޓެއްގެ ގޮތުގައިކަމަށާއި[5] ޚަބީރުގެ ހެކިބަސް ނެގުމަށް ޝަރީޢަތަށް ޙާޟިރު ކުރެވޭނީ އެ މައްސަލައެއްގައި އިންސާފު ޤާއިމުކުރުމަށްޓަކައި ޚަބީރު ޝަރީޢަތަށް ޙާޟިރުކުރުމަށް ކޮންމެހެން ބޭނުންވާކަމަށް ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ ކަމަށެވެ.[6] މައްސަލައެއްގައި ހުށަހަޅާފައިވާ ޚަބީރެއްގެ ރިޕޯޓަކާ މެދު އެ ޚަބީރަކާއި ލިޔުމުން ސުވާލު ކުރެވިދާނެކަމަށް އެ ޤާނޫނުގައި ބުނެފައި އެބައޮތެވެ.[7]


މިބުނުންތަކުގެ މައްޗަށް ބަލާއިރު، ޚަބީރުންގެ ހެކިބަސް ނެގުން އެއީ ޢާއްމުކޮށް ހެކިންގެ ހެކިބަސް ނަގައި ފަދައިން ކޮންމެ ފަހަރަކު ޚަބީރުން ކޯޓަށް ޙާޟިރުކޮށްގެން އެ އުސޫލުން ކުރާކަމެއް ނޫންކަން އެނގެއެވެ. އަސްލަކީ ޚަބީރެއްގެ ރައުޔު އޮންނަން ޖެހެނީ ލިޔުމުން އޮންނަ ރިޕޯޓެއްގެ ގޮތުގައި ކަމާއި، ޚަބީރުން ހެކިބަސް ދިނުމަށް ޝަރީޢަތަށް ޙާޟިރުކުރަން ޖެހޭނީ ކޮންމެހެން ޚަބީރަކު ޙާޟިރު ކުރަންޖެހޭ ޙާލަތެއް އޮވެގެންކަން އެނގެއެވެ. އަދި ޚަބީރުން ކޯޓަށް ޙާޟިރު ނުކޮށްވެސް އެ ޚަބީރަކާއި ލިޔުމުން ސުވާލުކޮށް ޖަވާބު ހޯދިދާނެކަން ވެސް އެނގެއެވެ.


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާދަމް ޙަލީމް ވ.ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މި ޤަޟިއްޔާގައި، ކޮންމެ މައްސަލައެއްގައި ޚަބީރުން ޝަރީޢަތަށް ޙާޟިރުކޮށްގެން ޝަފަވީކޮށް އެމީހުންގެ ބަސް ނެގުމަށް އެ ބުނާ އުސޫލަކީ ޤާނޫނެއްގައި ބުނެދީފައިވާ ގޮތެއް ނޫނެވެ. އެ މައްސަލައިގައި ނިންމާފައިވާ ނިންމުން އެހެން މައްސަލަތަކަށް ތަޠުބީޤު ކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތެއް ކަމަށް ފެންނަނީ، ޚަބީރެއް ލިޔުމުން ދީފައިވާ ރައުޔުގެ މައްޗަށް ޚަސްމުންގެ ފަރާތުން އެއްވެސް މިންވަރެއްގެ ޝައްކެއް އުފައްދާފައިވާކަން ނުވަތަ ނޫންކަން ބެލުމަށްފަހު އަދި އެ ޝައްކުގެ މައްޗަށް ބުރަދަން ދެވެނީ ކިހާ މިންވަރެއްގައިކަން ނުވަތަ ނޫންކަން ބެލުމަށްފަހު ޚަބީރުން ރައުޔު ދީފައިވާ ރިޕޯޓުގެ މައްޗަށް ބުރަދަނެއްހުރި ޝައްކެއް އުފައްދާނަމަ ޚަބީރުން ހެކިންގެ ގޮތުގައި ޙާޟިރުކުރުން އެއީ ޢަދުލު އިންސާފަށްޓަކައި ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ބެލުމެވެ.


ޚަބީރެއް ލިޔުމުން ދީފައިވާ ރައުޔަކާމެދު ހަމަ އެއްވެސް ފަރާތަކުން އެއްވެސް ސުވާލެއް އުފައްދާފައި ނުވާނަމަ ނުވަތަ ސުވާލު އުފައްދާފައި އޮތް ނަމަވެސް އެކަމުގައި އެއްވެސް ބުރަދަނެއް ނެތް ސުވާލެއް އުފައްދާފައި އޮތްކަމަށް ބެލެވޭނަމަ ޚަބީރުން ކޯޓަށް ޙާޟިރު ނުކޮށް ދީފައިވާ ރައުޔުގެ މައްޗަށް ބުރަދަން ދޭން ޖެހޭނެކަމަށް ބެލުމެވެ. އެކަން އެ ގޮތަށް ކުރަން ޖެހޭ ސަބަބެއް ކަމުގައި ފެންނަނީ، ކޮންމެ ފަހަރަކު އަދި ކޮންމެ ޙާލަތެއްގައި ޚަބީރުން ޝަރީޢަތަށް ގެނެސްގެން ނޫނީ މައްސަލަ ނިންމެން ނެތްކަމަށް ބެލުމަކީ ޢަދުލު އިންސާފަށް އެޅޭ ހުރަހަކަށް ވާތީއެވެ. ހުރަހެކޭ ބުނަން މި ޖެހެނީ އެފަދަ ރިޕޯޓުތައް ތައްޔާރު ކުރި ޚަބީރުގެ ޝަފަވީ ބަހެއް ނުނެގޭ ކަމަށްޓަކައި މައްސަލަތައް ނުނިމި ދިގުލައިގެންދާތީއެވެ. ކަމެއްގައި ރައުޔު ދީފައިވާ ޚަބީރުން ކޮންމެ މައްސަލައެއްގައި ޝަރީޢަތަށް ޙާޟިރުކޮށް ހަމަ އަސްލުގައިވެސް ރައުޔު ދިން ރިޕޯޓު ތައްޔާރު ކުރީ އެ ބޭފުޅަކުތޯ ބެލުން ވެގެންދާނީ އެންމެންގެ ވަގުތު ބޭކާރު ވެގެންދާނެ ކަމަކަށެވެ.



[1]  2011/SC-A/31

[2]  އެކަމުގައި ނަޒަރުކުރި ޤާނޫނެއް އަދި އުޞޫލީ ކަންކަން ކަނޑައެޅުނު މަސްދަރެއް ރިޕޯޓުގައި ހާމަކޮށްދީފައެއް ނުވެއެވެ.

[3] މަދަނީ އިޖުރާއާތުގެ 31 ވަނަ ބާބު

[4] މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 350 ގެ (ހ)

[5] މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 352 ގެ (ހ)

[6] މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 352 ގެ (ށ)

[7] މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 353 ގެ (ހ)